English Edition
Dhivehi Edition

ގްރޫޕް މާރާމާރީ ނުވަތަ ގްރޫޕް ހަރަކާތްތަކަކީ އޭގެ ސަބަބުން މުޅި މުޖުތަމައަށް އަސަރު ފޯރާ ކަންކަމެވެ. އަދި މުޖުތަމައު ތެރޭގައި އޮންނަ އިތުބާރު ގެއްލިގެން ދާކަމެކެވެ.

ސިސްސިލާކޮށް ގްރޫޕް މާރާމާރީ ހިނގަމުން ދާއިރުވެސް ގިނަ މުޖުތަމަޢުތަކަށް އެކަން ނުހުއްޓުވިފައިވާ މަންޒަރު ފެންނަމުން ދެއެވެ. ނަމަވެސް މިފަދަ ހަރަކާތްތައް ހުއްޓުވައި، އެކުވެރި މާހައުލެއް ގާއިމް ކުރުމަށް އެންމެންވެސް ބޭނުންވެއެވެ. އަދި އެފަދަ އުކުޅުތައް ހޯދުމަށްވެސް މަސައްކަތް ކުރެވެއެވެ. އެގޮތުން ސްކޫލްގެ ދަރިވަރުންނާއި، ޒުވާނުން މިފަދަ މާރާމާރީތަކާއި ދުރުކުރުމަށް ސްކޫލްތަކާއި ޒުވާނުންގެ މަރުކަޒުތަކުން ތަފާތު ހޯދުންތައް ހޯދަން ޖެހިފައި ވެއެވެ. އަދި ފުލުހުންގެ ބައިވެރިވުންވެސް މިކަމުގައި ހަރުދަނާ ކުރަން ޖެހެއެވެ. ހިތާމައަކީ ގިނަ މުޖުތަމައުތަކުގައި މިހާތަނަށް މިފަދަ ހަރަކާތްތައް ހިންގުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެނިފައި ނުވުމެވެ. އެހެންކަމުން އާ ގޮތްތަކަކާއި، އިތުރު ހިޔާލު މިކަމަށް ބޭނުން ވެފައި ވެއެވެ.

ގްރޫޕް މާރާމާރީ ފަދަ ހަރަކާތްތައް ހިންގުމުގެ ސަބަބުން އެންމެ ބޮޑަށް އޭގެ އަސަރު ކުރަނީ 17 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. ސަބަބަކީ އެއުމުރުގެ މީހުން ގްރޫޕްތަކުގައި ހަރަކާތްތެރިވާ ނިސްބަތް ގިނަ ވުމުގެ ސަބަބުންނެވެ. އަންހެނުންނާއި ކުޑަކުދިންނަށް ވެސް ކުރާ އަސަރު ކުޑައެއް ނޫނެވެ. ސަބަބަކީ އެމީހުންނަކީ މުޖުތަމަޢުގައި އުޅޭ އެންމެ ނާޒުކު ބަޔަކަށް ވާތީއެވެ. ގްރޫޕް މާރާމާރީގެ ސަބަބުން މުޖުތަމައު އާއި ސިޔާސީ މަސްރަހަށާއި، ޤައުމުގެ އިޤްތިސާދަށް ވަރަށް ނުރަނގަޅު އަަސަރުކުރެއެވެ.

ގްރޫޕް މާރާމާރީގެ ސަބަބުން އެމުޖުތަމައެއްގެ ކުށުގެ ނިސްބަތް މަތިވެ، ބިރުވެރިކަން އުފެދި ޤާނޫނީ ނިޒާމަށް އިތުރު ބުރަތަކެއް ކުރިމަތިވެގެން ދެއެވެ. މީގެ އިތުރުން ކަމާނުގުޅޭ އެތައްބަޔަކު ދުނިޔެއިން ވަކިވުމާއި، އާއިލީ ގުޅުން ކެނޑިގެން ދިޔުމާއި، ތަނުގެ ކުރިމަގަށް ކުރެވެން ހުރި ގިނަ ކަންތައްތައް މަޑު ޖެހިގެން ދެއެވެ.

ކަންމިހެން ހުރިއިރު ގްރޫފް މާރާމާރީ އާއި ހަރަކާތްތައް ހުއްޓުވުމަށްޓަކައި ތަފާތު ވިސްނުމަކުން ވިސްނައި، ރަނގަޅު ހައްލުތަކެއް ހޯދަން ޖެހިފައި ވެއެވެ. އެގޮތުން މިކަންތައް ހުއްޓުވުމަށް މަސައްކަތް ކުރަންވީ ކާކު ނުވަތަ ކޮންބައެއްތޯ ދެނެގަންނަން ޖެހެއެވެ.

މިފަދަ ހަރަހާތްތައް ހުއްޓުވުމަށްޓަކައި މުޖުތަމަޢުގެ ކުރިމަގުގެ ޕްލޭންތައް ހެދުމުގައި އެމުޖުތަމައެއްގެ އެންމެން ބައިވެރިކުރެވިދާނެއެވެ. މީގެ އިތުރުން ޤާނޫންތައް ވަރުގަދަކޮށް އެ ތަންފީޘް ކުރާބަޔަކަށް އެކަށީގެންވާ ބާރުތަކެއް ދެވެން ޖެހޭނެވެއެވެ. އަދި ޒުވާނުން މަސްތުވާތަކެތި ފަދަ ވަބާތަކުން ދުރުކުރުމުގެ ނިޒާމެއް ޤާއިމް ކުރެވެން ޖެހެއެވެ. ޒުވާނުން ގްރޫޕްތަކާއި ނުގުޅި އުޅެވޭނެ މަގު ފަހިކޮށްދިނުމަށް މުޅި މުޖުތަމަޢު މަސައްކަތް ކުރަން ޖެހޭނެއެވެ. މީގެ އިތުރުން މުޖުތަމަޢުގައި އުޅޭ ފަރާތްތަކާއި ޤާނޫން ތަންފީޡް ކުރާ ފަރާތްތަކާއި ދެމެދު މަޢުލޫމާތު ބަދަލު ކުރުމުގެ އެކަށީގެންވާ ނިޘާމެއް ޤާއިމް ވާން ޖެހޭނެއެވެ. އަދި މިކަންކަމަށް މުޅި މުޖުތަމަޢު ހޭލުންތެރިވާން ވެސް ޖެހެއެވެ.

މިހުރިހާ ކަމެއްގެ އިތުރުން ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ވަކި ފްރޭމްވޯކެއްގެ ދަށުން ގްރޫޕް މާރާމާރީތަކާއި ގްރޫޕް ހަރަކާތްތައް ހުއްޓުވުމަށް ލަނޑުދަނޑިތަކެއް ކަނޑައަޅަން ޖެހެއެވެ. އަދި ހަމައެހެންމެ، ޤައުމުގެ އިޤްތިސާދު ނެގެހެއްޓުމުގައި ޒުވާނުންގެ ރޯލް އިތުރުކޮށް، އެމީހުންނަށް ވިޔަފާރި އާއި އެފަދަ ހަރަކާތްތަކުގައި އުޅެވޭނެ ފަދަ މަގު ތަނަވަސް ކޮށްދެވިދާނެއެވެ.

ގްރޫމް މާރާމާރީ އަކީ ވަރަށް ގިނަ މުޖުތަމަޢުތަކުގެ ކުރިއެރުމަށް އެޅިފައިއޮތް ހުރަހެކެވެ. އެހެންކަމުން އުފެއްދުންތެރި ހިޔާލުތަކާއި އެކުގައި މިފަދަ ހަރަކާތްތައް ހުއްޓުވުމަށްޓަކައި އެންމެން ވެސް މަސައްކަތް ކުރަން ޖެހިފައި ވެއެވެ. އެގޮތަށް މަސައްކަތް ނުކުރެވިއްޖެ ނަމަ އެމުޖުތަމައަށް އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކާއި ކުރިމަތިލާން ޖެހިދާނެއެވެ.

ކާމިޔާބު ކަމާއި އެކު ގްރޫޕްތަކުގެ ހަރަކާތްތައް ހުއްޓުވުމަށްޓަކައި، މުޖުތަމަޢުގެ ތެރޭގައި ހުރި ނުރަނގަޅު އާދަތައް ނައްތާލުމާއި، ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލު ގެނައުމާއި، ޤައުމު ކުރިއަރަމުންދާ ގޮތަށް ބަދަލުތަކެއް ގެންނަން ޖެހެއެވެ. މުޖުތަމައުގެ ކޮންމެ މީހަކީވެސް ގްރޫޕް ހަރަކާތްތައް ހުއްޓުވުމުގެ ޒިންމާ ނަގަން ޖެހޭ މީހަކަށް ވެގެން ނޫނީ އެކަމަށް ދާއިމީ ހައްލެއް ނުގެނެވޭނެއެވެ.