English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މިއަދު ފުވައްމުލައް ސިޓީއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކޮށްފިއެވެ.

މިއަދުން ފެށިގެން ދެ ދުވަހަށް ރައީސް ފުވައްމުލަކަށް ވަޑައިގަންނަވާ ގޮތަށް ކުރިން ހަމަޖެހިފައިވާއިރު އެމަނިކުފާނުގެ ދަތުރުފުޅު މާދަމާއަށް ފަސްކޮށްފައިވަނީ “ކެމްޕެއިން އޮފީހުން އަންގައިގެން”ނެވެ.

ކުރިއަށް އޮތް އިންތިހާބަށް ތާއީދު ހޯއްދެވުމުގެ ގޮތުން މާދަމާ ފުވައްމުލައް ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ކެމްޕެއިން ޖަލްސާއެއް ބޭއްވުމަށް ވެސް ވަނީ ނިންމަވާފައެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ފޯރިގަދަވެފައިވާ މި ދުވަސްވަރު ސިޔާސީ ޕާޓީތަކުން އަންނަނީ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަމުންނެވެ. މި ގޮތުން ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ކެމްޕެއިން ދަތުރުފުޅުގައި ހއ، ހދ. އަދި ށ. އަތޮޅަށް ވެސް ވަޑައިގެންފައެވެ. އަދި ކ. އަތޮޅުގެ ބައެއް ރަށްރަށާއި ވ. އަތޮޅަށް ވެސް ވަޑައިގެންފައި ވެއެވެ.