އިންސާނިއްޔަތަށްޓަކައި މަސައްކަތް ކުރާ ބައިނަލް އަޤްވާމީ ޖަމްޢިއްޔާއެއް ކަމަށްވާ ރެޑް ކްރެސެންޓުގެ އައްޑޫ ގޮފިން އައްޑޫސިޓީގައި ދުވުމެއް ބާއްވަން ނިންމައިފިއެވެ.
” ރަން ފޯރ ހިއުމަނިޓީ 2023 ” ގެ ނަމުގައި އޮންނަ މި ދުވުން ބާއްވާގޮތަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުގެ 18 ވާ ހުކުރު ދުވަހު އެވެ. އެދުވަހު ހަވީރު 4 އިން 6 އަށް ކުރިއަށްދާ މި އިވެންޓް ފެށުމަށް ހަމަޖެހިފައިވަނީ އައްޑޫސިޓީ ހިތަދޫ ސިޓީ ސްކޮޔަރ އިންނެވެ.
މިއީ ދިވެހި ރެޑް ކްރެސެންޓު ދުވަހާއި ބައިނަލްއަޤުވާމީ އިންސާނިއްޔަތަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވިއަން ރެޑް ކްރެސެންޓް، އައްޑޫސިޓީ އޮފީހުން އިންތިޒާމް ކޮށްގެން ބާއްވާ ޙަރަކާތެކެވެ.
ރަންފޯރ ހިއުމަނިޓީ ދުވުމުގައި ރަޖިސްޓްރީ ވުމަށް 200 ރުފިޔާގެ ފީއެއް ނަގައެވެ.
މިހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ދޫކުރާ ކިޓްގައި ބިބް އަކާއި ޚާއްސަ ޓޯޓް ބޭގެއް ހިމެނެއެވެ. އޭގެއިތުރުން ކޮންމެ ބައިވެރިއަކަށް ވެސް ދުވުން ފުރިހަމަ ކުރިކަމުގެ މެޑެލް ލިބިގެންދާނެއެވެ. ދުވުމުގައި ރަޖިސްޓްރީ ވުމަށް މިލިންކު ބޭނުންކުރައްވާ!
ވޭތުވެދިޔަ ދުވަސްތަކުގައިވެސް ދިވެހި ރެޑް ކްރެސެންޓުގެ އައްޑޫ ގޮފިން ވަނީ އެސިޓީގައި ހިނގާދިޔަ ގިނަ ކާރިސާއަކަށް އިޖާބަދެއްވައި ފެންބޮޑުވުމާއި،އުދައެރުން ފަދަ ހާދިސާ ތަކާއި، އަލިފާނުގެ ހާދިސާތަކާއި، އަދި އެކްސިޑެންޓްވުންފަދަ ކަންތައްތަކަށް އެހީ ފޯރުކޮށްދީފައެވެ. މިއާއެކު އައްޑޫސިޓީގައި ފެތުރޭ އެކިއެކި ބަލިތަކާއި މޫސުމީ ރޯގާތައް ފެތުރުން އިތުރުވާ ދަނޑިވަޅުތަކުގައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައިވެސް ސަރުކާރުގެ އެކި ވުޒާރާތަކާއެކު ދިވެހި ރެޑް ކްރެސެންޓް ހަރަކާތްތެރިވެފައިވެއެވެ. އަދި ހަމަ އެހެންމެ އެކިކަންކަމުގައި ރައްޔިތުން ބާރުވެރިކޮށް،ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، ހޭލުންތެރި ކުރުމުގައިވެސް ރެޑް ކްރެސެންޓް މުހިންމު ދައުރެއް އަދާ ކުރެއެވެ.