English Edition
Dhivehi Edition

މިއަހަރު ރާއްޖޭގެ ސިޓީތަކުގައި ބޭއްްވުމަށް ހަމަޖެހިފައިވާ މަސް ރޭހުގެ އައްޑޫ ސިޓީ ހޯސްޓް ޕާޓްނަރަކަށް އައްޑޫ ސިޓީ ކައުންސިލް ހަމަޖައްސައިފިއެވެ.

އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މި މުބާރާތުގައި ބައިވެރިވާން ހަތަރު ސިޓީން 83 ޓީމަކުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

އެހެންކަމުން މި އަހަރުގެ އުރީދޫ މަސްރޭސް ވެގެންދާނީ ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތަށެވެ.

އެ ކުންފުނީގެ 18 ވަނަ އަހަރީ ދުވަހާ ވެސް ގުޅުވައިގެން މިއަހަރުގެ މަސް ރޭސް ބޭއްވުމަށް ނިންމާފައިވަނީ އަންނަ އޮގަސްޓް މަހުއެވެ.

ފެށުނީއްސުރެވެސް އުރީދޫ މަސްރޭހަކީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ.

މިއަހަރުގެ މުބާރާތް މާލެ ސިޓީގައި 4 އޮގަސްޓް ގައި ބާއްވާއިރު، ކުޅުދުއްފުށި ސިޓީގައި ބާއްވާނީ 11 އޮގަސްޓް ގައެވެ. އަދި 18 އޮގަސްޓުގައި އައްޑޫ ސިޓީގައި ބާއްވާއިރު، ފުވައްމުލައް ސިޓީގައި މި މުބާރާތް ބާއްވާނީ 25 އޮގަސްޓް ގައެވެ.

މި މުބާރާތުގައި މާލެއިން 34 ޓީމު ބައިވެރިވާ އިރު، ކުޅުދުއްފުށި ސިޓީން 23 ޓީމު، އައްޑޫ ސިޓީން 13 ޓީމު އަދި ފުވައްމުލައް ސިޓީގެ 13 ޓީމު ބައިވެރިވެފައި ވެއެވެ.

އުރީދޫ މަސްރޭސް ރެކޯޑް މުގުރާލާ މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަނބަލުން ޓީމު މިއަހަރުވެސް ވާދަކުރާނެއެވެ.

މި ޓީމު ނިކުމެ ރިކޯޑް އަދަދެއްގެ މަސްބާނައި، ހޯދި މި ކާމިޔާބީން ދައްކުވައިދެނީ ހަމަހަމަކަމުގެ ރޫހުކަން އުރީދޫ އިން ފާހަގަކުރިއެވެ.

މި މުބާރަތަައް ޖުމްލަ 75،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އެއްވަނަ ޓީމަށް 25،000 ރުފިޔާ، ދެ ވަނަ ޓީމަށް 10،000 ރުފިޔާ އަދި 3 ވަނަ ޓީމަށް 5000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އަންހެން އަދި ފިރިހެން އެންމެ މޮޅު މަސްވެރިޔާއަށް ކޮންމެ މީހަކަށް 1000 ރުފިޔާ ދިނުމަށް ނިންމާފައި ވެއެވެ.