English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދޫގައިހުންނަ ކޮމިޔުނިޓީ ސާވިސް ސެންޓަރުން ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގައި ފިއެވެ.

މިއީ ސެންޓަރުން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ އިޖްތިމާޢީ އެކިއެކި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމެކެވެ. މިއަހަރުގެ ޕްރޮގްރާމުގައިވަނީ ހިތަދޫ ބަނދަރު ސަރަހައްދާއި މީދޫގެ ބައެއް ސަރަހައްދުތައް ސާފުކޮށްފައެވެ.

މިމަހު 27 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިހަރަކާތުގައިވަނީ އެ ސެންޓަރުން ފަރުވާ ހޯދަމުންދާ މީހުންނާއި ހޯދައިފައިވާ މީހުންނާއި މުވައްޒަފުން ބައިވެރިވެފައެވެ. އޭގެ އިތުރަށް އައްޑޫ ޑިޕާޓްމަންޓް އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މީދޫ ނަލަފެހި ޖަމްޢިއްޔާގެ އެއްބާރުލުން މިކަމަށް ވަނީ ލިބިފައި ކަމަށް ކޮމިޔުނިޓީ ސާވިސް ސެންޓަރުން މައުލޫމާތު ދެއްވިއެވެ.

މިހަރަކާތުގެ މަގުސަދަކީ އެ ސެންޓަރުން ފަރުވާހޯދާ މީހުންނަކީ ޒިންމާދާރު ބަޔަކަށް ހެދުމަށް މަސައްކަތްކުރުމާއި މުޖުތަމަޢުގެ އިޖްތިމާޢީ އަދި ފަރުދީ ޒިންމާ ނެގުމަށް އެ ތަނުގެ މުވައްޒަފުންނާއި ކްލައެންޓުންނަށް ބާރުއަޅައި މަސައްކަތްކުރުމެވެ.

އެ ހަރަކާތް ބާއްވައިފައިވަނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކުގައެވެ. އޭގެ ތެރޭގައި މަލްޓިމާރޓް، ސިލްވަރރޯސް، ސަރުސަނާ، 3އެސް ސުޕަމާރޓް، އައިރިސް ޓްޜޭޑާސް، ސަނީ ސްޓޯރ އަދި ސެންޓަރުގެ މުވައްޒަފުންގެ އިތުރުން އެމް.އާރ.ޑީ.ސީ ، ހައުސިންގ މިނިސްޓްރީ، މީދޫ ނަލަފެހި ޖަމްޢިއްޔާ އަދި ކައުންސިލް އިދާރާ ހިމެނެއެވެ.

“މި ޙަރަކާތް ނިމިގެން ދިޔައިރު ޓްރެކް ސަރަޙައްދުން ފެށިގެން ގޮސް އައިސް ޕްލާންޓާ ހިސާބަށް ސާފުކުރެވިފައިވާއިރު މީދޫގެ އަތިރިމަތީ ސަރަހައްދުގެވެސް ބޮޑު ބައެއް ވަނީ ސާފުކުރެވިފައެވެ.މުޅި މި ޙަރާކާތުގައި 60 ބައިވެރިން ބައިވެރިވެފައިވެއެވެ.” ކޮމިޔުނިޓީ ސާވިސް ސެންޓަރުން ވިދާޅުވިއެވެ.