ފައިބޭ ހޮނިހިރު ދުވަހަކީ އައްޑޫސިޓީއަށް ހަމަ އާދައިގެ ދުވަހެކެވެ. އެހެންނަމަވެސް އެދުވަހު ހެނދުނު 6:30 އިން 10:30 އަށް އައްޑޫސިޓީގެ އަވަށްތަކުގައިވަނީ ސާފުކުރުމުގެ “މަހާ” ހަރަކާތެއް ހިންގައިފައެވެ.
އެދުވަހު އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއްކަމަކީ އަވަށްތަކުގެ ސާފުތާހިރުކަމެވެ. މި ހަރަކާތް އިންތިޒާމްކުރި ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީކެޕް) ގެ ޕްރޮޖެކްޓް މެނޭޖަރު މައުމޫން ޚާލިދު ވިދާޅުވީ އެއީ ތަފާތު ފެނުނު ތަފާތު ހަރަކާތެއް ކަމަށެވެ.
ސާފުތާހިރިކަން
އެ ހަރަކާތް ތަފާތުވީ އެތައް ގޮތަކުންނެވެ. އެއްކަމަކީ ހީކުރިވަރަށްވުރެވެސް ބޮޑަށް އައްޑޫސިޓީގެ އަވަށްތައް ސާފުތާހިރުވުމެވެ. އެހެންނަމަވެސް މަރަދުއާއި، ހިތަދޫގެ ކަޅިބިއްފަރާތް (ފުއްޓަރު) ވަރަށް ބޮޑަށް “ގޮނޑުވެފައި” ވާ ކަމަށް މައުމޫން ވިދާޅުވިއެވެ. އެހެންވެ އެ ސަރަހައްދުތައް ސާފުކުރުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޓީގެ އަވަށްތައް އެހާބޮޑަށް ސާފުވެފައިވަނީ ވެމްކޯއިން ބަރާބަރަށް ކުނި ނަގަމުން ދިޔުން ކަމަށް އަވަށްތަކުން ވާހަކަދެއްކި މީހުން ބުނެފައިވާ ކަމަށް މައުމޫން ވިދާޅުވިއެވެ.
“މިފަހަރު ވަރަށްބޮޑަށް ފާހަގަ ކުރެވުނު ރަށުތެރެ ސާފުކަން. އޭގެ ސިއްރެއްގެ ގޮތުގައި ވަރަށްގިނަ ބޭފުޅުން ވިދާޅުވީ ވެމްކޯގެ ކަލެކްޝަންސް ރަނގަޅުކޮށް ވަރުގަދަކޮށްފައި އޮތީމައޭ. ޑެއިލީ ކަލެކްޝަނަކީ ވަރަށް ޚަރަދުބޮޑު ކަމެއް. އެކަމަކު ވެމްކޯގެ ކަލެޝަން ވަރަށް ރަނގަޅު ކަމަށް އަޅުގަނޑުމެންނާ ވާހަކަ ދެއްކި ގިނަބޭފުޅުން ފާހަގަކުރެއްވި،” މައުމޫން ވިދާޅުވިއެވެ.
މަރަދޫ
މައުމޫން ވިދާޅުވީ މަސައްކަތް ކުރިއަށްދިޔަވަގުތު އުފާވާ އެތައްކަމެއް ފެނިފައިވާ ކަމަށެވެ. އެކަމުގައި މަރަދޫއިން ދެއްކި ހިތްވަރާއި ދިން ސަމާލުކަމަކީވެސް ފާހަގަކޮށްލި ކަމެވެ. “މަސައްކަތް ހިންގަމުންދިޔައިރު ވަރަށް އުފާވެރި މަންޒަރުތަކެއް ފެނުނު. އެންމެ ތަފާތުކަމެއް ދައްކުވައިދިން އެއް އަވަށެއް ކަމަށް މަރަދޫވެދާނެ. މަރަދޫގައި އެއްވެސް މުއައްސަސާއަކުން އިންވޯލް (ޝާމިލް) ނުވޭ. ބޮޑަށް ކޮމިޔުނިޓީ (މުޖަތަމައު) ތެރެއިން އަށްޑިހަ ވަރަކަށް މީހުން ނުކުމެގެން ސާފުކުރުމުގެ މަސައްކަތް ކޮށްފައިވަނީ،” މަރަދުއާ ބެހޭ ގޮތުން މައުމޫން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި މަސައްކަތް ދާއިމީކޮށް ކުރުމަށް މަރަދޫގެ ބައެއް މީހުން ހުށަހަޅައިފައިވާ ކަމަށެވެ. އެގޮތުން ހަމަޖެހޭ އުސޫލެއްގެމަތީން އެރަށު މީހުން ސާފުކުރުމަށް ނުކުންނާނެއެވެ. އެފަދަ އިސްނެގުމަކަށްފަހު ސާފުކުރަން އެ އަވަށުގެ މީހުން ތައްޔާރަށްތިބުމަކީވެސް އުފާކުރަންޖެހޭ ކަމެކެވެ. މިމަހުގެ 21 ވަނަދުވަހު މަރަދޫމީހުން ސާފުކުރުމުގެ ހަރަކާތަށް ނުކުންނަން ތިބީ ތައްޔާރަށް ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
ހުކުރުދުވަހު ބޭއްވި ސާފުކުރުމުގެ ހަރަކާތުންވަނީ މަރަދޫ ފުށްޓަރު ފަރާތުގައި އޮންނަ އާނުގަނޑުންމަތިން ލައްކާ އެއްޗެއް ނަގައިފައެވެ. އޭގެ ތެރޭގައި އުކާލައިފައިވާ ދަގަނޑާއި، ދަޅާއި، އިންޖީނުގެ ބައިތައް ފަދަ އެއްޗެހި ހުރިކަމަށް މައުމޫން ވިދާޅުވިއެވެ. އެހެންކަމުން އެދުވަހު މަރަދޫ މީހުންވަނީ ވަރަށްބުރަކޮށް މަސައްކަތް ކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.
“މިކަހަލަ ކަމަކުން އެއްފަހަރާ ރަށްސާފުނުވެ ހިނގައިދާނެ. އެކަންތައް ކޮންޓިނިއު ވެސް ނުވެ ހިނގައިދާނެ. އެހެންވީމާ މެސެޖު ދިނުމާއި ހޭލުންތެރި ކުރުން މީގެ އެންމެބޮޑު އެއް މަގުސަދަކީ،” މައުމޫން ވިދާޅުވިއެވެ.
އެއްބައިވަންތަކަން
އައްޑޫސިޓީގެ ގުޅިފައިވާ އަވަށްތަކުގައި ހިންގި ސާފު ކުރުމުގެ ހަރަކާތުގައި ހާހެއްހާ މީހުންވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ސިޔާސީ ގޮތުން ޚިޔާލު ތަފާތު މީހުންނާއި މީގެ ކުރިން އެއްމޭޒަކަށް އަރައިފައިނުވާ މީހުންވެސް ހިމެނެއެވެ. އެހެންނަމަވެސް އެ ތަފާތު ފިކުރާއި ޚިޔާލާތު ދޫކޮށްލައިފައި މިހަރަކާތުގައި އެމީހުން ބައިވެރިވުމަކީ ލިބުނު ހިތްވަރަކާއި އުންމީދެއް ކަމަށް މައުމޫން ވިދާޅުވިއެވެ.
“މިދުވަސްވަރަކީ ވަރަށްއުދަގޫ ދުވަސްވަރެއް. އެހެންނަމަވެސް މި ހަރަކާތުގައި ބައިވެރިވެފައިވާ މީހުނަށް ބަލާއިރު ކުރީގައި މިހެން އެއްމޭޒެއްގެ ދޮށުގައި ނުތިއްބެވޭ ބޭފުޅުންވެސް މިކަމުގައި ބައިވެރިވުމަކީ އައްޑޫގެ ބައެއް މީހުން ފާހަގަކުރި ކަމެއް. ކޮމިޔުނިޓީ ރޫހު ފެނުނު ކަމެއް. މިއިން ދައްކުވައިދެނީ މިކަހަލަ މަސައްކަތުގައި މީހުންގެ ޖޯޝާއި ޝައުގުވެރިކަން އެބަހުރިކަން،” މައުމޫން ވިދާޅުވިއެވެ.
މިއޮތީ ފެށުމެކެވެ. އެއްރޫޙެއްގައި މީހުންތިބިވަގުތުން މިކަން ފޯރީގައި ކޮށްލައްވާށެވެ. އައްޑޫސިޓީ ސާފުތާހިރު ސިޓީއަކަށްހެދޭނީ އެންމެން ގުޅިގެން އެއްބައެއްވަންތަކަމާއެކު މަސައްކަތް ކޮށްގެންނެވެ.