English Edition
Dhivehi Edition

ތިމާވެއްޓާބެހޭ މިނިސްޓްރީން ހިންގާ ކްލައިމެޓް ޗޭންޖު އެޑަޕްޓޭޝަން ޕޮރޮޖެކްޓް (ސީކެޕް) އިން އިސްނަގައިގެން އައްޑޫސިޓީ ސާފުކުރުމުގެ ބޮޑު ހަރަކާތެއް މިއަދު ބާއްވައިފިއެވެ.

އައްޑޫސިޓީގެ ހުރިހާ އަވަށެއްގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ މިހަރަކާތުންވަނީ ވަރަށްގިނަ އަދަދަކަށް ކުނި ނަގައިފައެވެ. ގުޅިފައިވާ އަވަށްތަކުން އެކަނިވެސް މަދުވެގެން އެގާރަސަތޭކައަށްވުރެ ގިނަ ޑަސްބިން ގޯނީގެ ކުނި ނަގައިފައިވެއެވެ. އޭގެ ތެރޭގައި ދަގަނޑާއި، ޓީނާއި މިފަދަ “ކުންޏެއް” ނުހިމެނެއެވެ.

މި ހަރަކާތަށް ހުޅުމީދޫއިންވެސް ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ސީކެޕުން ވިދާޅުވިއެވެ.

ސީކެޕް ޕްރޮޖެކްޓުގެ ޕްރޮޖެކްޓް އޮފިސަރު މައުމޫން ޚާލިދު ވިދާޅުވީ ކުރިއާއަޅާ ބަލާއިރު އަވަށްޓަކުގައި ކުނިވަރަށްމާދުކަން ފާހަގަވެފައިވާ ކަމަށެވެ. “މިފަހަރު މިފެނުނީ ރަށުތެރެ ވަރަށް ސާފުކޮށްއޮތްތަން. ބައެއް މީހުން ބުނެފައިވަނީ އެއީ ވެމްކޯއިން ގަވާއިދުން ކުނިނަގާތީ ރަށުތެރެއިން ސާފުކޮށް އޮތީ ކަމަށެވެ.

މިހަރަކާތުގައި ޖުމްލަ 1000 މީހުން ބައިވެރިވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މައުމޫން ވިދާޅުވިއެވެ. “ސީދާ ހަރަކާތުގައި ބައިވެރިވެފައިވަނީ ގާތްގަނޑަކަށް 850 މީހުން. އުޅަނދުފަހަރުގެ ޑްރައިވަރުންނާއި އިންތިޒާމްތައް ހަމަޖައްސަން އުޅުނު މީހުންނާއެކު ޖުމް އެއްހާސް މީހުން ބައިވެރިވި ކަމަށް އަންދާޒާ ކުރެވެނީ،” މައުމޫން ވިދާޅުވިއެވެ. އެއީ މީގެ ކުރިން ހިންގާފައިވާ މިފަދަ ހަރަކާތްތަކުގައި މީހުން ބައިވެރިވާ އަދަދާ އަޅައި ބަލާއިރު ވަރަށް ބޮޑު އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިހަރަކާތުގައި ބައިވެރިވުމަށް ތިމާވެއްޓާބެހޭ މިނިސްޓްރީން ކުރިންވަނީ ސަރުކާރުގެ މުއައްސަސާތަކަށް ސިޓީވެސް ފޮނުވައިފައެވެ. މި ހަރަކާތުގައި ސީކެޕް، ދިވެހިރެޑުކުރެސެންޓް، އެމްއާރުޑީސީ، އީކުއޭޓަރވިލެޖު، ބައެއްރިސޯޓުތައް އަދި ރެސްޓޯރެންޓްފަދަ ތަންތަނުންވެސް ބައިވެރިވެފައިވެއެވެ.

މައުމޫން ވިދާޅުވީ މިއަދު ލިބުނު ތަރުހީބުގެ ސަބަބުން މިފަދަ އިތުރު ޕްރޮގްރާމް ހިންގުމުގެ ޝައުގުވެރިކަން އުފެދިއްޖެ ކަމަށެވެ. އެހެންވީމާ މިގޮތަށް މިކަން ނުކުރެވުނަސް ކުރެވެންހުރި ގޮތްތައް ބަލައި އެގޮތަށް މި ޕްރޮގްރާމް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ މިއަދުގެ ހަރަކާތުގައި ބައިވެރިވި ގިނަމީހުންވެސް ބޭނުންވާގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

“މިހަރަކާތުގެ މައިގަނޑު ބޭނުންމީ ސާފުތާހިރު ކަމަށާއި ތިމާވެށްޓަށް މީހުންގެ ސަމާލުކަން ގެނައުން އަދި މީހުން ހޭލުންތެރި ކުރުވުން،” މައުމޫން ވިދާޅުވިއެވެ.