ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ޗައިނާ ޓޫރިސްޓުން މޫދަށް އެރި އުޅޭ އިރު ސަމާލުވުމަށް ޗައިނާ އެމްބަސީ އިން އިލްތިމާސްކޮށްފިއެވެ،
ޗައިނާ އެމްބަސީއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނީ ފާއިތުވި މަސްތަކުގައި އެ ގައުމުގެ ޓޫރިސްޓުންނަށް މޫދުގައި އެކި ކަހަލަ ހާދިސާތައް ދިމާވެފައިވާކަމަށެވެ.
މި ގޮތުން މޫދަށް ގެނބުމުގެ ހާދިސާތަކުގައި މިފަހުން ތިން ޓޫރިސްޓަކު މަރުވެފައިވާއިރު މޫދަށް އެރި އުޅުމުގައި މިޔަރު ދަތް އެޅުމުގެ ހާދިސާތައް ވެސް ހިނގާފައިވާ ކަމަށް އެމްބަސީ އިން ވަނީ ބުނެފައެވެ.
ޗައިނާ އެމްބަސީ އިން ވަނީ ފުން ހިސާބުތަކަށް މޫދަށް އެރުމުގެ ކުރިން އެ ސަރަހައްދަކީ މިޔަރު އުޅޭ ސަރަހައްދެއްތޯ ބެލުމަށާއި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ޗައިނާ އެމްބަސީއިން ވަނީ މުދަލަށް އަމިއްލައަށް ރައްކާތެރިވުމަށާ ރާއްޖެއަށް އެކަނި ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ވަކިން ހާއްސަކޮށް ބަލިވެ އުޅޭ ނަމަ، ދަތުރުނުކުރުމަށް ޗައިނާ އެމްބަސީއިން ވަނީ އެދިފައެވެ.