English Edition
Dhivehi Edition
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް:ފޮޓޯ: ރައީސް އޮފީސް

މީގެ ކުރިން ފުލުހުންގެ ހިދުމަތުގެ ތެރޭގައި އޮތް ސިޔާސީ ނުފޫޒު މުޅިން ކަނޑުވާލެވިއްޖެ ކަމަށާއި މި ސަރުކާރު ވެރިކަމަށް ވަޑައިގެން، އެންމެ ފުރަތަމަ ކުރަން ޖެހުނު މަސައްކަތަކީ ފުލުހުންގެ މުވައްސަސާ އޭގެ ޒާތުގައި ހިންގުމަށް ޖާގަ ދިނުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މ. ކޮޅުފުށީގައި ބޭއްވި ކެމްޕެއިނު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ 2013 އިން 2018 ވަނަ އަހަރަށް ރާއްޖޭގައި ހުރި މުވައްސަސާތަަކަށް ސިޔާސީ ނުފޫޒު ފޯރުވާފައި އޮތް މިންވަރު ކޮންމެ މީހަކަށްވެސް އެނގޭނެ ކަމަށެވެ.

މި ގޮތުން ހަމައެކަނި ފުލުހުންގެ މުވައްސަސާއަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ހާމަކޮށްދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އޭރު ފަސް ފަހަރެއްގެ މަތިން ޕޮލިސް ކޮމިޝަނަރުން ބަދަލުވެފައިވާ ކަމަށެވެ. “އަހަރަކަށް މީހެއް، އަހަރަކަށް މީހަކު، ތަނެއް ހިންގާނީ ކިހިނެއްތޯ؟ ސިޔާސީ ބޭނުމަށް ވަކި މީހަކާ މެދު ވަކި ކަމެއް ކުރަން ބުނުމުން ގެއަށް. ދެން ހުންނަ މީހާ ލަނީ. މިގޮތަށް އެބަހުރި ގާތްގަނޑަކަށް ހަތް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރުން ބަދަލުވެފަ” ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ފުލުހުންގެ މުވައްސަސާއަކީ ތައުލީމީ، އަދި އެކަމުގެ ހުނަރު ހޯދާފައިވާ މުވައްސަސާއެއްކަމަށެވެ. އެހެންނަމަވެސް އޭރު އެ ތަންތަން ހިނގުމުގެ ފުރުސަތެއް ނުލިބުނު ކަން ފާހަގަކޮށް ރައީސް ވަނީ އޭރު ފުލުހުންގެ ތެރޭގައި އޮތީ ސިޔާސީ ބާރާއި ނުފޫޒުކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް މިހާރު އެ މުވައްސަސާއިން ފެންނަ މަންޒަރު ތަފާތު ވާނެކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.