އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2023 ގެ ރަޖިސްޓްރޭޝަން މަރުހަލާ ނިންމާލައިފިއެވެ.
އުރީދޫ އިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ ފަރާތުން ހީވެސް ނުކުރާ ވަރުގެ ތަރުހީބަކާއެކު މިއަހަރުގެ މަސްރޭހުގައި ބައިވެރިވުމަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް ޖުމްލަ ރެޖިސްޓަރ ކުރި 83 ޓީމާއެކު މި އަހަރުގެ އުރީދޫ މަސްރޭސް ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށް ކަމަށް އުރީދޫ އިން ބުނެއެވެ.
އެ ކުންފުނީގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ މަސްރޭސް ވަނީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ވަނީ ފުޅާކޮށްފައެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކޮންމެ ސިޓީއެއްގައި ވެސް ވަކި ތާރީޚެއްގައެވެ.
އެގޮތުން މާލެ ސިޓީގައި އޮގަސްޓް މަހުގެ 4 ވަނަ ދުވަހު ފަށާއިރު، ކުޅުދުއްފުށި ސިޓީގައި ފަށާނީ އޮގަސްޓް 11 ގައެވެ. އަދި އައްޑޫ ސިޓީގައި އޮގަސްޓް 18 ގައި ފަށާއިރު، ފުވައްމުލައް ސިޓީގައި ފެށުމަށް ނިންމާފައިވަނީ އޮގަސްޓް 25 ގައެވެ.
އުރީދޫ އިން ބުނީ މާލެއިން 34 ޓީމު ބައިވެރިވާއިރު، ކުޅުދުއްފުށި ސިޓީން 23 ޓީމާއި އައްޑޫ ސިޓީގެ 13 ޓީމެއް ބައިވެރިވެފައިވާ ކަމަށެވެ. އަދި ފުވައްމުލައް ސިޓީގެ 13 ޓީމެއް ބައިވެރިވާ ކަމަށެވެ.
އުރީދޫ މަސްރޭސް ރެކޯޑް މުގުރާލާ މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަންބަލުން ޓީމުން މިއަހަރު ވެސް ވާދަކުރާކަން އެކުންފުނިން ފާހަގަކޮށް، ބުނީ އަންހެން ޓީމަކުން ނިކުމެ ރިކޯޑް އަދަދެއްގެ މަސްބާނާ ހޯދި މި ކާމިޔާބީން ދައްކުވައިދެނީ ހަމަހަމަކަމުގެ ރޫހު ކަމަށެވެ.
ޖުމްލަ 160،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ސިޓީއަކުން މޮޅުވާ ޓީމުތަކަށްފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެއްވަނަ ޓީމަށް 25،000 ރުފިޔާ، ދެ ވަނަ ޓީމަށް 10،000 ރުފިޔާ އަދި 3 ވަނަ ޓީމަށް 5000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި އެންމެ މޮޅު ފިރިހެން ކެޔޮޅަށް 1000 ރުފިޔާ ދޭއިރު، އެންމެ މޮޅު އަންހެން ކެޔޮޅަށް ވެސް 1000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
އުރީދޫ މޯލްޑިވްސްއިން ވަނީ މަސްރޭސް 2023 އަށް ރަޖިސްޓްރީކުރި ހުރިހާ ޓީމަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. އަދި ލިބުނު ބޮޑު އެއްބާރުލުމަކީ މި ހަރަކާތުގެ ސަބަބުން މަސްވެރިކަމަށް ލޯބި ކުރާ ފަރާތްތަކުގެ ތެރޭގައި އުފެދުނު އުފާވެރިކަމާއި ޝައުގުވެރިކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ވެސް އުރީދޫ އިން ފާހަގަކޮށްފައި ވެއެވެ.