English Edition
Dhivehi Edition

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ގޮތުގައި މޯލްޑިވްސް އިމިގްރޭޝަނުން އަލަށް ތައާރަފް ކުރި ޕާސްޕޯޓު ކާޑުވެސް ބޭނުން ކުރެވޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހަމަޖައްސަވައިފިއެވެ

މިއަދު ރައީސް އޮފީހުން ބުނެފައިވަނީ ސަރުކާރުގެ އިދާރާތަކާއި ހޮސްޕިޓަލާއި ބޭންކުތައް އަދި ރައްޔިތުންނަށް ހިދުމަތް ދޭ ތަންތަނުން، އައިޑީ ކާޑުގެ ގޮތުގައި ޕާސްޕޯޓު ކާޑު ވެސް ބޭނުން ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ޕާސްޕޯޓް ކާޑު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ގޮތުގައި ބޭނުން ކުރެވޭނެ ގޮތަށް ހަމަޖެއްސެވީ ޕާސްޕޯޓް ކާޑަކީ މި ވަގުތު ރާއްޖޭގައި ބޭނުން ކުރާ، ކާކުކަން އަންގައިދޭ ލިޔުންތަކުގެ ތެރެއިން ޕާސްޕޯޓު ފިޔަވައި ސަލާމަތީ ގޮތުން އެންމެ ރައްކާތެރި އަދި ނަކަލު ނުކުރެވޭނެ ގޮތަށް ހަދާފައިވާ ލިޔުން ކަމަށް ވާތީ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ

ޕާސްޕޯޓު ކާޑު ހަދަން 450 ރުފިޔާގެ ފީއެއް ނަގާ ގޮތަށް ވަނީ ހަމަޖައްސާފައިވާއިރު ޕާސްޕޯޓް ކާޑު ހެއްދުމަށް ހުށަހެޅުމުން އެއް ދުވަސް ތެރޭގައި އެ ކާޑު ލިބޭނެއެވެ. އަދި މިކާޑަކީ އައިޑީކާޑާއި ލައިސަންސް ކާޑްގެ ގޮތުގައްޔާއި ރަސްމީ އެހެން ބޭނުންތަކުގައި ވެސް ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ކާޑެކެވެ. މިއީ ދުނިޔޭގައި މިހާތަނަށް ފަރުމާކޮށްފައިވާ އެންމެ ފުރިހަމަ ޕާސްޕޯޓް ކާޑު ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ