އައްޑޫ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް އެ ސިޓީގައި ގާއިމްކުރާ ސެންޓްރަލް ޕަވާ ސްޓޭޝަންގެ އަމަލީ މަސައްކަތް ރަމަޟާން މަހަށްފަހު ފަށާނެ ކަމަށް، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނަޖާހް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނަޖާހް ވިދާޅުވީ، އައްޑޫގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް އެ ސިޓީގައި ގާއިމްކުރާ ސެންޓްރަލް ޕަވާ ސްޓޭޝަންގެ އަމަލީ މަސައްކަތް ރަމަޟާންމަހަށްފަހު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެ މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައިގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ނަޖާހު ވިދާޅުވިއެވެ.
އައްޑޫ ޕަވާ ސްޓޭޝަންގެ އަމަލީ މަސައްކަތް އެއްކޮށް ނިމުމާއެކު އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަން ފާހަގަކޮށް ނަޖާހު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ޕަވާ ސްޓޭޝަންގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ، ބެލްޖިއަމް ކުންފުންޏެއް ކަމަށްވާ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭބީސީ)ގެ އިންޖީނުކަމަށެވެ. ޔޫރަޕްގައި ބޭނުންކުރާ މި ބްރޭންޑްގެ އިންޖީނުތަކަކީ، މިހާރު އައްޑޫގައި ބޭނުންކުރާ ހައި ސްޕީޑް އިންޖީނުތަކާ ހިލާފަށް ލޯ ސްޕީޑް ޒަމާނީ އިންޖީނުތަކެކެވެ.
އައްޑޫގައި ޤާއިމްކުރާ ސެންޓްރަލް ޕަވާ ސްޓޭޝަންގެ އަމަލީ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ ޑެފިނިޓް ސޮލިއުޝަންސްއާ އެވެ