English Edition
Dhivehi Edition

އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް މޯލްޑިވްސް 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.

8 އިން 17 ޖުލައިގެ ނިޔަލަށް ކ. ތުލުސްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓްގައި ބައިނަލްއަޤްވާމީ އަދި ދިވެހި އެތުލީޓުން ވެސް ބައިވެރިވާނެއެވެ.

އެގޮތުން މި އިވެންޓުގައި 15 އަށް ވުރެ ގިނަ ޤައުމުން ރާޅާއެލުންތެރިން ހިމެނޭއިރު ދިވެހިރާއްޖޭގެ ހަ އެތުލީޓުން ހުރިހާ ކެޓެގަރީއެއްގައިވެސް ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް،” މުޙައްމަދު މިރްޝާން ހަސަން ވިދާޅުވީ އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް މޯލްޑިވްސްގެ ޑިޖިޓަލް ޕާޓްނަރަށްވެ، މި ބައިނަލްއަޤްވާމީ މުބާރާތް ޖަޒީރާ ޤައުމުގައި ބޭއްވުމަށް މަގުފަހިކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި ފަރާތްތަކަށް މި އިވެންޓް ގެނެސްދިނުމަށްޓަކައި އެ ކުންފުނިން ވާނީ ދިރާގުގެ ހައި ސްޕީޑް ޑިޖިޓަލް ކަނެކްޓިވިޓީ މެދުވެރިކޮށް އެފަރާތްތަކަށް ފުރިހަމައަށް ޓޯނަމެންޓް ބަލާލުމުގެ ފުރުސަތު މަގުފަހިކޮށްދީފައި ކަމަށެވެ.

މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަންގެ ޗެއަރމަން، މުޙައްމަދު ސޮބާހް ވިދާޅުވީ ކޯވިޑް-19 ގެ ސަބަބުން އައި މެދުކެނޑުމަކަށް ފަހު މި އިވެންޓުގެ ސަބަބުން އަނެއްކާ ވެސް ދިވެހި ރާޅާއެޅުންތެރިންނަށް ބައިނަލްއަޤްވާމީ މައިދާނުގައި ވިދާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އަޅުގަނޑުމެންގެ ދުނިޔޭގެ ފެންވަރުގެ ސަރފް ބްރޭކްތައް ވެސް ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

އެހެންކަމުން މިކަން މަގުފަހިކޮށްދިނުމަށް ދިރާގުން ދެމުންގެންދަވާ އެއްބާރުލުމަށާއި އެ މުބާރާތް އެންމެ ފުރިހަމަގޮތުގައި ކުރިއަށް ގެންދިޔުމަށް ދިރާގުން ވެދެއްވާ ދީލަތި އެހީތެރިކަމަށް އެކުންފުންޏަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާ ކަމަށް ސޮބާހު ވިދާޅުވިއެވެ.

ދިރާގަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށާއި އަދި މި ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އަބަދުވެސް އެއްބާރުލުންދެމުން އަންނަ ކުންފުންޏެކެވެ.

ޓެގު