English Edition
Dhivehi Edition

ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ދޫނިތައް ހިފައި ހައްޔަރު ކޮށްގެން ގެންގުޅޭ ކަމަށްވާނަމަ ޖުރިމަނާ ކުރާނެ ކަމުގެ އިންޒާރު އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަނެއްކާވެސް ދީފިއެވެ.

އީޕީއޭއިން ވިދާޅުވެފައިވަނީ މިދުވަސްވަރަކީ ދުނިޔޭގެ އެކި ހިސާބުތަކުން ރާއްޖެއަށް އެކިބާވަތްބާވަތުގެ ދޫނި ހިޖުރަ ކުރަމުންދާ ދުވަސްވަރެއް ކަމަށެވެ. ހިޖުރަކުރާ ދޫނިތައް ހިފައި އެ ހައްޔަރުކޮށްގެން ގެންގުޅުމަކީ ރާއްޖޭގެ ގިނަ ރަށްރަށުގައި ކޮށްއުޅޭ ކަމެކެވެ. އެހެން ކަމުން އެކަން ނުކުރުމަށް އީޕީއޭއިންވަނީ އިންޒާރު ދެއްވައިފައެވެ. މީގެ ކުރިންވެސް އެތަނުންވަނީ އެކަން ނުކުރުމަށް އާންމުކޮށް އިއުލާން ކޮށްފައެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ “ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދު” ގެ ދަށުން އެފަދަ ދޫނި ހިފައި ގޯނާކުރުމަކީ މަނާކަމެކެވެ.

އީޕީއޭއިން ވިދާޅުވެފައިވަނީ ހިމާޔަތް ކޮށްފައިވާ ދޫނި ހިފައި، ހައްޔަރުކޮށް،އެއަށް ގޯނާކުރާ ފަރާތްތަކާމެދު ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ “ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއުދު” ގެ ދަށުންނާއި “ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދު” ގެ ދަށުން އެކަންކުރާ ބަޔަކު ޖޫރިމަނާ ކުރައްވާނެ ކަމަށެވެ.

އީޕީއޭގެ ޑިރެކްޓަރޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ ރާއްޖޭގައި ހިންގާ ތަރައްގީގެ ބައެއް މަޝްރޫއުތަކާއި އަދިވެސް އެހެނިހެން ސަބަބުތަކާހެދި ރާއްޖެއިން ތަފާތު ދޫނިތައްވަނީ މަދުވެފައި ކަމަށެވެ. އެހެންކަމުން ބޭރުން ހިޖުރަކުރާ ދޫނިތައް ނުހިފައި މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ. ބޭރުން ހިޖުރަކުރާ ބައެއް ދޫނިތައް 2 އަހަރަށްވުރެ ގިނަދުވަހުވެސް ރާއްޖޭގައި އުޅެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.