English Edition
Dhivehi Edition

މިހާރު އިންޑިއާގައި ފެށިގެން ކުރިޔަށްދާ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ގުރޫޕް މަރުހަލާގެ ކުޅުން ނިމި މުބާރާތުގެ ފައިނަލަށް ދާ ދެޓީމު ކަށަވަރުވެފައިވާއިރު، މުބާރާތުގެ ފައިނަލުގައި ބައްދަލުކުރާ ދެޓީމަކީ މުބާރާތް ބާއްވާ ގައުމު ކަމުގައިވާ އިންޑިއާ އަދި މި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ސަރަހައްދުން ބޭރު ޓީމެއްގެ ގޮތުގައި މި މުބާރާތުގައި ވާދަކުރާ ކުވައިތުއެވެ.

އިންޑިއާ އަދި ކުވައިތު މިރޭ މުބާރާތުގެ ފައިނަލް ކުޅޭއިރު، މިއީ މި ދެޓީމު މި މުބާރާތުގެ ތާރީޚުގައި ބައްދަލުކުރާ ދެވަނަ ފަަހަރެވެ. އަދި ފައިނަލުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި މި ދެޓީމު އެންމެ ފުރަތަމަ ވާދަކުރީވެސް މިފަހަރުގެ މުބާރާތުގެ ގުރޫޕް މަރުހަލާގެވެ.

އެގޮތުން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތާރީޚުގައި މިހާތަނަށް ފައިނަލު ކުޅެފައި ނުވާ ކުވައިތު އަލަށް ފައިނަލުން ޖާގަ ހޯދި އިރު، މިރޭގެ މެޗުގައި އެ ޓީމާއި ދެކޮޅަށް ނުކުންނަ އިންޑިއާ އަކީ މި މުބާރާތުގެ ފައިނަލުގައި މީގެ ކުރިން 12 ފަހަރު ކުޅެފައިވާ ޓީމެކެވެ. އެގޮތުން އިންޑިއާ ވަނީ މީގެ ކުރިން މި މުބާރާތުގެ ތަށި އަށް ފަހަރު ހޯދާފައެވެ.

އިންޑިއާ

އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރުގެ ގޮތުގައި ބެލެވިފައިވާ ގައުމެވެ. 1993 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ފުރަތަމަ މުބާރާތުން ފެށިގެން ގަވައިދުން މި މުބާރާތުގައި ވާދަކުރަމުން އަންނަ އިންޑިއާއަކީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވާ ގައުމުވެެސް މެއެވެ.

މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ 12 މުބާރާތެއްގައި ވާދަކޮށްފައިވާއިރު އެގައުމުން ވަނީ މި މުބާރާތުގެ ތަށި އަށް ފަހަރު ހޯދާފައެވެ. އެންމެ ފަހުން ރާއްޖޭގައި ބޭއްވުނު މުބާރާތުގެ ޗެމްޕިއަން ޓީމަކީވެސް އިންޑިއާއެވެ.

ފީފާ ރޭންކިންގެ 100 ވަނާގައި މިވަގުތު އޮތް އިންޑިއާ ސާފް ޗެމްޕިއަންޝިޕްގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، އެގައުމުން ވަނީ އެންމެ މުބާރާތެއް ފިޔަވާ ދެން ކުޅުނު ހުރިހާ މުބާރާތެއްގައިވެސް އެއް ކޮޅުން ފައިނަލުގައި ކުޅެފައެވެ. އެގައުމަށް ފައިނަލުގައި ވާދަ ނުކުރެވުނީ 2003 ވަނަ އަހަރު ބަންގަލަދޭސްގައި ބޭއްވުނު މުބާރާތުގައި އެކަންޏެވެ. އެ ފަހަރުގެ މުބާރާތުން އެގައުމު ކެޓީ ސެމީފައިނަލުގައި ބަނގްލަދޭސްއާއި ވާދަކޮށް ޕެނަލްޓީގައި 1-2 ގެ ނަތީޖާއިންނެވެ. މިހާތަނަށް އިންޑިއާއިން ސާފްޗެމްޕިއަންޝިޕް މުބާރާތުގެ 12 ފައިނަލެއް ކުޅެފައިވާއިރު، އެގައުމުން ވަނީ އަށް ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. މި މުބާރާތް އެންމެ ގިނައިން ބާއްވާފައިވަނީ ވެސް އިންޑިއާގައެވެ. އިންޑިއާގައި މި މުބާރާތް ތިންފަހަރު ބާއްވާފައިވެއެވެ. އަދި މިހާރު ކުރިޔަށްދާ މުބާރާތަކީ އިންޑިއާގައި ބޭއްވޭ ހަތަރުވަނަ މުބާރާތެވެ.

އިންޑިއާ މުބާރާތުގެ ފައިނަލަށް ދަތުރު ކުރުން

މިފަހަރުގެ މުބާރާތުގެ ފައިނަލަށް އިންޑިއާ ދަތުރުކުރީ ގުރޫޕް މަރުހަލާގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެގެން ޖުމުލަ ހަތް ޕޮއިންޓާއި ފައިދާ ހަ ގޯލާއި އެކު ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި އިންޑިއާ ހިމެނުނީ ކުވައިތް، ނޭޕާލް އަދި ޕާކިސްތާން އާއި އެކު ގުރޫޕް އޭ ގައެވެ. މުބާރާތުގެ ސެމީ ފައިނަލުން އިންޑިއާ ޖާގަ ހޯދީ ގުރޫޕް މަރުހަލާގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއްމެޗުން އެއްވަރުވެ ހަތް ޕޮއިންޓާއި އެކު އެޓީމު ހިމެނުނު ގުރޫޕް އޭ ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ގުރޫޕް ގައި އިންޑިއާ ފުރަތަމަ ބައްދަލުކުރީ ޕާކިސްތާން އާއެވެ. މި މެޗުން 0-4 ގެ ނަތީޖާއިން ކާމިޔާބު ކުރިއިރު، ގުރޫޕްގެ ދެވަނަ މެޗުގައި ނޭޕާލާއި ވާދަކޮށް އިންޑިއާ މޮޅުވީ 0-2 އިންނެވެ. އަދި ގުރޫޕްގެ ފަހު މެޗުގައި ކުވައިތާއި ދެކޮޅަށް ކުޅެ 1-1 ގެ ނަތީޖާއިން މެޗު ވަނީ އެއްވަރުވެފައެވެ. ސެމީގައި އިންޑިއާ ވާދަކުރީ ގުރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔަ ލެބަނާން އާއެވެ. ސެމީގެ މެޗުން އިންޑިއާ މޮޅުވެ ފައިނަލަށް ދިޔައީ ލެބަނާންއާއި ވާދަކޮށް ޕެނަލްޓީ ޝޫޓް އައުޓްގައި 2-4 ގެ ނަތީޖާއިން ލެބަނާން ބަލިކޮށްގެންނެވެ.

ގުރޫޕް ސްޓޭޖުގައި އިންޑިއާ ނެރުނު ނަތީޖާތައް
އިންޑިއާ – ބަންގްލަދޭޝް (1-1)
އިންޑިއާ – ސްރީލަންކާ (0-0)
އިންޑިއާ – ނޭޕާލް (1-0)
އިންޑިއާ – ދިވެހިރާއްޖެ (3-1)
ޖެހި ގޯލުގެ އަދަދު – 05
ބައިކޮޅަށް ވަތް ގޯލުގެ އަދަދު – 02
ފައިދާ ގޯލުގެ އަދަދު – 03
ލިބިފައިވާ ޖުމުލަ ޕޮއިންޓްގެ އަދަދު -08
ގުރޫޕުގެ މަޤާމު – 01 ވަނަ
ސެމީ ފައިނަލް
އިންޑިއާ – ލެބަނާން (އޭ.އީ.ޓީ 0-0 ) ޕެނަލްޓީ ޝޫޓްއައުޓް (2-4 )

ކުވައިތު

ހުޅަނގު އޭޝިއާއަށް ނިސްބަތްވާ ކުވެއިތަކީ އޭޝިއާ ސަރަހައްދުގެ ފުޓުބޯޅައިގައި ވަރުގަދަ ގައުމެއްގެ ގޮތުގައި ބެލެވިފައިވާ ގައުމެކެވެ. ބާބޮޑެތި ކާމިޔާބީތަކެއް ހޯދިފައި ނުވިނަމަވެސް އޭޝިއާގެ ފުޓްބޯޅައިގައި ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކަކާއި ކާމިޔާބީތަކެއް ހޯދާފައިވެއެވެ. އެގޮތުން ކުވެއިތު ފުޓްބޯޅައިގެ ތާރީޚުގައި ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ 1982 ވަނަ އަހަރު ސްޕެނުގައި ބޭއްވުނު ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބުމެވެ. ނަމަވެސް ކުވެއިތުން އެޓީމުގެ ހަމައެކަނި ވޯލްޑް ކަޕް ނިންމާލަން ޖެހުނީ ޕޮއިންޓަކާއެކު ގްރޫޕުގެ ފުލުގައި އޮވެގެންނެވެ. މީގެ އިތުރުން ދެ ފަހަރު އޭޝިއަން ކަޕްގެ ފައިނަލުގައި ވާދަކުރިއެވެ. އޭގެ ތެރެއިން އެއް ފަހަރު ކުވެއިތުން އޭޝިއަން ކަޕް ކާމިޔާބުކޮށްފައިވެއެވެ. އެއީ 1980 ގައި އަމިއްލަ ގައުމުގައި ބޭއްވުނު މުބާރާތުގައެވެ. ކުވައިތަކީ އެއްއިރެއްގައި އޭޝިއާ ފުޓްބޯޅައިގެ ވަރުގަދަ ބާރެއްގެ ގޮތުގައި ބެލެވިފައިވާ ގައުމެކެވެ. އެއީ 2000 ކުރީކޮޅުގައެވެ. ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ އޭޝިއަން ކަޕަށް ކުވައިތު ވަނީ ދިހަ ފަހަރަކު ކޮލިފައިވެފައިވެފައެވެ. އެގޮތުން އޭޝިއަން ކަޕް 1984 ގެ ތިންވަނަ ހޯދި އިރު، އޭޝިއަން ކަޕް 1996 ގެ ހަތަރުވަނަ އެ ގައުމުން ހޯދިއެވެ. އަދި އޭޝިއަން ކަޕް 2000 ގެ ކުއާޓާ ފައިނަލަށް ދަތުރުކުރިއެވެ. ނަމަވެސް އޭގެ ފަހުން އޭޝިއާ ފުޓްބޯޅައިގަ ވެސް މާ ރަނގަޅު ކާމިޔާބީތަކެއް ކުވައިތަކަށް ހޯދިފައެއް ނުވެއެވެ.

މިފަހަރު މުބާރާތުގެ ފައިނަލަށް ކުވައިތު ދަތުރުކުރި ގޮތް

އިންޑިއާގައި މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަކީ ކުވައިތުން ވާދަކުރާ ފުރަތަމަ ސާފް މުބާރާތެވެ. މިފަހަރުގެ މުބާރާތުން ކުވައިތަށް ފުރުސަތު ލިބިފައިވަނީ ސަރަހައްދުން ބޭރުން އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން ދައުވަތު ދިން ދެ ޓީމުގެ ތެރޭގައި ކުވައިތު ހިމެނުމުންނެވެ. ދައުވަތު ލިބުނު އަނެއް ޓީމަކީ ލުބުނާންއެވެ.

މިފަހަރުގެ މުބާރާތުގައި ކުވައިތު ހިމެނުނީ މުބާރާތް ބާއްވާ ގައުމުކަމަށްވާ އިންޑިއާ އާއި ނޭޕާލް އަދި ޕާކިސްތާން ހިމެނުނު ގުރޫޕް އޭ ގައެވެ. ކުވައިތުން މުބާރާތުގެ ސެމީ އިން ޖާގަ ހޯދީ ގުރޫޕް ގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. ގުރޫޕްގައި އެޓީމުން ކުޅުނު ފުރަތަމަ މެޗަކީ ނޭޕާލާއި ދެކޮޅަށް ކުނު މެޗެވެ. މި މެޗުން ކުވައިތުން ކާމިޔާބު ކުރީ 1-3 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި 0-4 ގެ ނަތީޖާއިން ޕާކިސްތާން އަތުން މޮޅުވިއިރު، ގުރޫޕްގެ ފަހު މެޗުގައި އިންޑިއާއަތުން 1-1 ގެ ނަތީޖާއިން ވަނީ އެއްވަރުވެފައެވެ. ސެމީގެ ޖާގަ އެޓީމުން ޔަގީން ކުރީ ހަތް ޕޮއިންޓާއި ފައިދާ ހަ ގޯލާއި އެކު އެޓީމު ހިމެނުނު ގުރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި މުބާރާތުގެ ފައިނަލުން ކުވައިތު ޖާގަ ހޯދީ ގުރޫޕް ބީ ގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތރުކުރި ބަންގްލަދޭޝް އާއި ވާދަކޮށް 0-1 ގެ ނަތީޖާއިން ބަންގްލަދޭޝް ބަލިކޮށްގެންނެވެ.

ގުރޫޕް ސްޓޭޖުގައި ކުވައިތުން ނެރުނު ނަތީޖާތައް
ނޭޕާލް – ކުވައިތު (1-3)
ޕާކިސްތާން – ކުވައިތު (0-4)
އިންޑިއާ – ކުވައިތު (1-1)
ޖެހި ގޯލުގެ އަދަދު – 08
ބައިކޮޅަށް ވަތް ގޯލުގެ އަދަދު – 02
ފައިދާ ގޯލުގެ އަދަދު – 06
ލިބިފައިވާ ޖުމުލަ ޕޮއިންޓްގެ އަދަދު -07
ގުރޫޕުގެ މަޤާމު – 01 ވަނަ

ސެމީ ފައިނަލް

ބަންގްލަދޭޝް – ކުވައިތު (އޭ.އީ.ޓީ 1-0 )
އިންޑިއާ އާއި ކުވައިތުގެ ތާރީޚީ ކުރިމަތިލުންތައް
އިންޑިއާ އަދި ކުވައިތު މި މުބާރާތުގެ ކުރިން ތިން ފަހަރު ބައްދަލުކުރިއެވެ. އެއީ އޭސިއަން ގޭމްސް ގައާއި ބައިނަލްއަޤުއާމީ އެކުވެރިކަމުގެ ދެ މެޗެއްގައެވެ.
މީގެ ތެރެއިން ދެފަހަރު ކުވައިތު މޮޅުވެފައިވާއިރު، އިންޑިއާ މޮޅުވެފައިވަނީ އެއް ފަހަރުއެވެ. އިންޑިއާ ކުވައިތުގެ މައްޗަށް ކުރި ހޯދީ 2004 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗު 2-3 ގެ ނަތީޖާއިންނެވެ.

އިންޑިއާ އަދި ކުވައިތު ވަނީ މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ގުރޫޕް މަރުހަލާގައި ވެސް ބައްދަލުކޮށްފައެވެ. އެ މެޗު ވަނީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ.

އިންޑިއާ އަދި ކުވައިތު ބައްދަލުކުރާ ފައިނަލް މެޗު ކުޅޭނީ މިރޭ ރާއްޖެ ގަޑިން 7:00 ގައެވެ.