English Edition
Dhivehi Edition
ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ ޢީދު ކުޅިވަރުތަކުގެ ތެރެއިން - ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީ އަކީ ގުދުރަތީ ރީތިކަމަށް ރާއްޖޭގެ އެންމެ މަޝްހޫރު އެއް މަންޒިލޭ ބުނުން ދޮގަކަށް ނުވާނެއެވެ. ފުވައްމުލައް ސިޓީގެ ރައްޔިތުންގެ ފަރާތުން ލިބޭ މެހެމާންދާރީގެ ފުރިހަމަ ކަމަކީވެސް އެ ރަށުގެ ރީތިކަމާއި އެއްވަރަށް ތަޢުރީފު ލިބޭ ކަމެކެވެ. އެހެން ނަމަވެސް އެއީ ޢީދު ބަންދެއްގައި ދާން އެންމެ ރަނގަޅު މަންޒިލު ނޫން ކަމަށް ޚުދު އެރަށުގެ ގިނަ މީހުންވެސް އެއްބަސްވެއެވެ. ޢީދު ކުޅިވަރުތައް މަދުވެފައި ޢީދުގެ ފޯރި ކުޑަވީމައެވެ. ސިޓީ ފެންވަރުގައި އެއްވެސް މިންވަރަކަށް ޢީދު ފާހަގަނުކުރާތާ އެތައް އަހަރެއް ވެފައިވާ ކަމަށް އެރަށުގެ މީހުން ބުނެއެވެ. ރަށުގެ ބައެއް ޒުވާނުން ބުނެފައިވާ ގޮތުގައި ހަޔާތުގައިވެސް މުޅި ރަށް އެކައްޗެއް ކިޔައިގެން ޢީދު ފާހަގަކުރި ހަނދާނެއް ނުވެއެވެ.

އެހެން ނަމަވެސް ނިމިގެން މިދިޔަ ޢީދު ތަފާތެވެ. މަންޒަރު ބަދަލުކޮށް އެރަށުގެ ޢީދު ފާހަގަކުރުމާއި މެދު ގިނަ ބަޔަކު ދައްކަމުން އައި ވާހަކަ ތަކުގެ ރާގު މިއަހަރުގެ އަޟްހާ ޢީދުން ބަދަލުކޮށްލައިފިއެވެ. 8 އަވަށަކަށް ބެހިފައިވާ ފުވައްމުލަކުގެ ރައްޔިތުން ވަކި އަވަށްތަކަކަށް ނިސްބަތްވާ ކަމުގެ އިހުސާސު އެއްކޮށް ކަނޑުވާލައި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރޫހުން މުޅި ރަށް ގުގުމާލައިފިއެވެ، ފުވައްމުލަކުގެ ރައްޔިތުން މިކަމުގެ ހުރިހާވެސް ޝުކުރަކާއި ތަޢުރީފެއް އަރިސްކުރަނީ ފުވައްމުލައް ސިޓީ ކައުންސިލުގެ އިސްވެރިންނާއި މުވައްޒަފުން އަދި ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ)ގެ މެމްބަރުންގެ އިތުރުން މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގައި އެފަރާތްތަކާއި އެއްކޮށް މަސައްކަތްކުރި ފަރާތްތަކަށެވެ.

ފުވައްމުލައް ސިޓީ އަޟްހާ ޢީދު ހަރަކާތްތައް ފެއްޓުމުގެ ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީ ކައުންސިލާއި ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން މިއަހަރުގެ އަޟްހާ ޢީދު ސިޓީ ފެންވަރުގައި ފާހަގަކުރުމަށްވަނީ ގިނަ ހަރަކާތްތަކެއް ބާއްވާ ވަނީ ބޮޑެތި ކާމިޔާބީތަކެއްވެސް ހާސިލު ކޮށްފައެވެ. ފުވައްމުލައް ސިޓީ ކައުންސިލުން މިއަހަރުގެ މެއި މަހުގެ ކުރީ ކޮޅު ޢީދު ހަރަކާތްތައް ހިލޭ ސާބަހަށް ރާވާ ހިންގުމަށް ޝައުގުވެރިވާ ކުލަބް ޖަމްޢިއްޔާއެއް ހޯދުމަށް އިޢުލާން ކުރިއެވެ. އެހެން ނަމަވެސް އެކަމަށް ޝައުގުވެރިކަން ފާޅުކޮށް އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށައަޅައިފައި ނުވުމާއި ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލާއި އެސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން 5 ދުވަހަށް ބަހާލައިގެން ވަނީ ފުވައްމުލައް ސިޓީގައި ވަރަށް ކުލަގަދަކޮށް އަޟްހާ ޢީދު ފާހަގަކޮށްފައެވެ. އެ ސިޓީގައި މިފަހަރުގެ ޢީދުގެ ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވަނީ “ޢީދި އުފާ 1444″ގެ ނަމުގައެވެ.

އެގޮތުން ފުވައްމުލައް ސިޓީގައި އީދުގެ ކުޅިވަރުތައް ފައްޓައިފައިވަނީ ޢީދު ދުވަހުގެ ކުރީ ދުވަހުގެ ރެއެވެ. އެރޭ ފުވައްމުލައް ސިޓީ ފުނާޑު ވޮލީ ކޯޓުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައިފައި ވަނީ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޙުލޫފުއެވެ.

އަޟްހާ ޢީދު ސިޓީ ފެންވަރުގައި ފާހަގަކުރަން ފެއްޓުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ މަޙުލޫފު ވާހަކަ ދައްކަވަނީ – ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ރަސްމިއްޔާތަށް ފަހު މި ނިމިގެން ދިޔަ ޢީދުގައި ފުވައްމުލައް ސިޓީގެ އަވަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ބްލައިންޑް ވޮލީގެ 3 މެޗެއްވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެ މެޗުތަކުގައި ބައްދަލުކޮށްފައިވާ އަވަށް ތަކަކީ ހޯދަޑާއި މިސްކިތްމަގު، ދިގުވާނޑާއި ދޫނޑިގަން އަދި މާދަޑާއި ފުނާޑެވެ.

އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގެ އަވަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ބްލައިންޑް ވޮލީ މުބާރާތް – ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ވަނީ ބޮޑު ޖަމާޢަތުގައި ކޮށްފައެވެ. އެގޮތުން ފުވައްމުލައް ސިޓީ ކްރިކެޓް ސްޓޭޑިއަމްގައި ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކޮށްފައިވާއިރު ފުވައްމުލައް ސިޓީގެ ދެ ޖިންސުގެ އެކި އުމުރުގެ ކުދި ބޮޑު ގިނަ ބަޔަކު ވަނީ މި ނަމާދުގައި ބައިވެރިވެފައެވެ. އަދި އެނަމާދަށްފަހު އެ ސަރަހައްދުގައި ފުވައްމުލައް ސިޓީ ކައުންސިލާއި އެ ސިޓީގެ ޑަބްލިއު.ޑީ.ސީގެ ފަރާތުން ވަނީ ޢީދު ސައި އަދި ކުޑަކުދިންނަށް ޢީދު ހަދިޔާ ބެހުން ކުރިއަށް ގެންގޮސްފައެވެ.

ފުވައްމުލައް ސިޓީގައި އަޟްހާ ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަނީ – ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

މިފަހަރުގެ އަޟްހާ ޢީދުގައި ފުވައްމުލައް ސިޓީގެ އެކި އުމުރުގެ މީހުންނަށް އެންމެ ކަމުދިޔަ އެއް ހަރަކާތަކީ އަވަށް ތަކުގެ މެދުގައި ކުރިއަށް ގެންދެވުނު ޓްރައަލް ރޭހެވެ. ޢީދުގެ ފުރަތަމަ ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ މި ހަރަކާތް ރާވައިފައި އޮތީ ފުވައްމުލަކުގެ ބޮޑު ސަރަހައްދެއްގައި އޭގެ ބައިވެރިން ހަރަކާތްތެރިވާން ޖެހުނު އަދި ވަރަށް ވާދަވެރި ހަރަކާތެއްގެ ގޮތުގައެވެ. ދުވުމާއި ފެތުން އަދި ގްރޫޕެއްގެ ގޮތުގައި ނިންމަން ޖެހޭ ގިނަ ޓާސްކް ތަކެއް އެކުލެވިގެން ރާވައިފައި އޮތް ހަރަކާތް ފައްޓައިފައިވަނީ ފުވައްމުލައް ސިޓީ ދަޑިމަގު އަވަށުގެ ނައިބު ތުއްތު މަގުންނެވެ. އަދި ރޭސް ނިންމައިފައިވަނީ ފުވައްމުލައް ސިޓީ ސްޓޭޑިއަމަށެވެ. މިރޭހުގެ ޗެމްޕިއަންކަން ހޯދައިފައިވަނީ ދިގުވާނޑު އަވަށުންނެވެ. އަދި އެރޭވެސް ވަނީ ބްލައިންޑް ވޮލީގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށް ގެންގޮސްފައެވެ.

ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ ޓްރައަލް ރޭސްގެ ތެރެއިން – ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ޢީދުގެ 2 ވަނަ ދުވަހުގެ ހަވީރު ވެގެން ގޮސްފައިވަނީ ފުވައްމުލަކުގެ ތުނޑި ސަރަހައްދު ހިތްވަރު ދިނުމާއި ފޯރި ނެގުމުން ގުގުމާލި ދުވަހަކަށެވެ. އެރަށުގެ އަވަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވާ ވާދެމުން ވެގެން ގޮސްފައިވަނީ ފުވައްމުލަކުގެ ޒުވާނުންނާއި ހަރު އުމުރުގެ ގިނަ ބަޔަކު ބައިވެރިވި ހަރަކާތަކަށެވެ.

ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ ވާދެމުން – ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

އަންހެނުންނާއި ފިރިހެނުން ވަކިން ކުރިއަށް ގެންދިޔަ މި ހަރަކާތް ބެލުމަށް ފުވައްމުލަކުގެ ކުދިބޮޑު ގިނަ ބަޔަކު ވަނީ ތުނޑި ސަރަހައްދަށް ޖަމާވެފައެވެ. އެތަނަށް ދިޔަ ގިނަ ބަޔަކު ވަނީ އެއީ ފުވައްމުލަކުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން އޮތް މިންވަރުގެ ފުރިހަމަކަން ހާމަކޮށްދިން ކާމިޔާބު ހަރަކާތެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އެރޭ ވަނީ ބްލައިންޑް ވޮލީގެ ގްރޫޕް ސްޓޭޖުގެ 2 މެޗު އަދި ފައިނަލް މެޗު ކުރިއަށް ގެންގޮސްފައެވެ. ބްލައިންޑް ވޮލީގެ ޗެމްޕިއަންކަން ހޯދައިފައިވަނީ ދޫނޑިގަން އަވަށުންނެވެ.

ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ ވާދެމުން – ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ޢީދުގެ 3 ވަނަ ދުވަސް ފުވައްމުލައް ސިޓީ ކައުންސިލާއި އެސިޓީގެ ޑަބްލިއު.ޑީ.ސީއިން ހާއްސަކޮށްފައި އޮތީ އާއިލާތަކަށެވެ. އެގޮތުން އެދުވަހުގެ ހަވީރު ވަނީ އާއިލީ ކުޅިވަރު ހަވީރެއް ފުވައްމުލައް ސިޓީ ސްޓޭޑިއަމްގައި ކުރިއަށް ގެންގޮސްފައެވެ. ކުދި ބޮޑު އެންމެންނާއިވެސް ގުޅޭ ފޯރިގަދަ ކުޅިވަރުތަކެއް މި ހަވީރުގައި ކުރިއަށް ގެންގޮސްފައިވާއިރު އެންމެ ބޮޑު ތައުރީފެއް ލިބިފައިވަނީ ފުވައްމުލަކުގައި އާންމުކޮށް ކުޅެ ނޫޅޭ އެހެން ނަމަވެސް ދިވެހި ސަގާފީ ކުޅިވަރުތައް ކުޅުމުގެ ފުރުސަތު އެތަނުގައި ހަމަޖެހިފައި އޮތުމުންނެވެ.

ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ އާއިލީ ކުޅިވަރު ހަވީރު – ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

 

“ވަރަށް އުފާވި އަހަރެމެން އެންމެ ކުޑައިރު ކުޅެ އުޅުނު ތިން މުގޯލި، ސުވާ ކަހަލަ ކުޅިވަރުތައް އެތަނުގައި ކުޅެލެވުނީމަ. ކުޑައިރުގެ ހަނދާންތައް އާލާވެގެން ދިޔަ. ދެން ހަމަ މުޅި ހަވީރު ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ފޯރި ގަދަކޮށް. އެތަނަށް އައި އެންމެ ހަގު ކުއްޖާ އިން ފެށިގެން އެންމެ ދޮށީ މީހާއަށްވެސް ހިތްހަމަޖެހިލައިގެން އުފާވެރި މާހައުލެއް އެތަނުގައި ހޭދަކުރެވޭތޯ އިންތިޒާމުކުރި ފަރާތްތަކުން ވަރަށް މަސައްކަތްކޮށްފައި އިންކަން ފާހަގަކުރެވުނު” އެ ހަވީރުގައި ބައިވެރިވި މެދު އުމުރުގެ މީހަކު ކިޔައިދިނެވެ.

ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ އާއިލީ ކުޅިވަރު ހަވީރު – ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ޢީދުގެ ކުޅިވަރުތައް ނިންމާލުމުގެ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލާއި، ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން ފުވައްމުލަކުގައި ވަނީ ރޫޓް މާޗެއް ކުރިއަށް ގެންގޮސްފައެވެ. ފުވައްމުލައް ސިޓީ ނެރެގަނޑޮ ސަރަހައްދުން ފެށިގެން ފުވައްމުލައް ސިޓީ ސްޓޭޑިއަމްއާއި ހަމައަށް ކުރިއަށް ގެންދިޔަ މި ޕެރޭޑުގައި ފުވައްމުލަކުގެ ދެ ސްކޫލެއް ކަމުގައިވާ ޏ.އަތޮޅު ތަޢުލީމީ މަރުކަޒާއި ހާފިޒް އަހުމަދު ސްކޫލުގެ ކެޑޭޓުންވަނީ ބައިވެރިވެފައެވެ. މި ހަރަކާތަކީ ކާމިޔާބު އީދެއް ނިންމާލުމަށް އެންމެ ފުރިހަމަ ގޮތް ކަމުގައި ފުވައްމުލަކުގެ ގިނަ ބަޔަކު ވަނީ ބުނެފައެވެ. އަދި މި ހަރަކާތަށް ވަނީ ފުވައްމުލަކުގެ ކުދިބޮޑު ގިނަ ބައެއްގެ ތަރުހީބު ލިބިފައެވެ.

ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ ސިފައިންނާއި ކެޑޭޓުން ބައިވެރިވި ޕެރޭޑް – ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ސިޓީ ފެންވަރުގައި ފުވައްމުލަކުގައި ޢީދު ފާހަގަކޮށްފައިވާއިރު ފުވައްމުލަކުގެ އަވަށްތަކުންވެސް ވަނީ އެ އަވަށެއްގެ ކުދިބޮޑު އެންމެންނަށް މަޖާ މާހައުލެއް ގާއިމުކުރުމަށް ކުޅިވަރުތައް ކުޅެފައެވެ. އެގޮތުން މާލެގަން އަވަށުގައި އެކި ކަހަލަ ކުޅިވަރުތައް ބާއްވާފައިވާއިރު ފުނާޑު އަވަށުން ވަނީ އެއަވަށުގައި އެއް ދުވަހުގެ ފުޓްސަލް ކަޕްއެއް ބާއްވާފައެވެ. އަދި މިސްކިތްމަގު އަވަށުގައި ފުޓްސަލް މުބާރާތެއްވަނީ ބާއްވާފައެވެ. މީގެ އިތުރުން އެހެން އަހަރުތަކެކޭ އެއްފަދައިން ދަޑިމަގު އަވަށުގައިވެސް ވަނީ ކުލަގަދަކޮށް ގިނަ ހަރަކާތްތަކަކާއި އެއްކޮށް ޢީދު ފާހަގަކޮށްފައެވެ.

ފުވައްމުލައް ސިޓީގައި މިއަހަރުގެ އަޟްހާ ޢީދު ސިޓީ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން ކުރިއަށް މިގެންދިޔަ ހަރަކާތްތަކަށް ބަލާލުމުން ހަމަ ޔަގީނުންވެސް މިޢީދަކީ ފޯރިގަދަ އަދި އެއްބައިވަންތަކަން ދިރުވި ޢީދެއް ކަމާމެދު ޝައްކެއް ނެތެވެ. މިފަދަ ފުރިހަމަ ޢީދަކަށް މިޢީދު ވެގެން ދިޔުމުން ހަމަގައިމުވެސް ފުވައްމުލަކުގެ ރައްޔިތުން ކުރިއަށް އޮތް ޢީދުތަކާއި މެދު ކުރާ އުއްމީދުތައް މިފަހަރަށްވުރެން ބޮޑުވެފައި ފޮނިވާނެ ކަން ޔަގީނެވެ. ރަށުން ބޭރުގައި ގިނަ ރައްޔިތެއް ދިރިއުޅޭ ފުވައްމުލަކަށް ކުރިއަށް އޮތް ޢީދު ތަކާއި ގުޅުވައި އަންނާނެ އެރަށުގެ އެތައް ދަރިންތަކެއް ތިބިއިރު މިހަރަކާތްތަކުގެ ވާހަކަ އަޑު އަހައި ފޮޓޯ އަދި ވީޑިއޯ ފެނުނު އެރަށުން ބޭރު އެތައް ބަޔަކު އެރަށަށް ކުރިއަށް އޮތް ޢީދުތަކުގައި ދިއުމަކީ ވަރަށް ގާތްކަމެކެވެ. ދެން އޮތް ޢީދަކުން ތިބާއާއި ފުވައްމުލަކުން ބައްދަލުވާނެ ކަމަށް އުއްމީދުކުރަމެވެ. އަދި އެދުވަސްވަރު ފުވައްމުލަކަށް ދިއުމަށް ޓިކެޓުގެ ބާރު ބޮޑުވާނެ ކަން ވިސްނައިގެން އެކަމަށް ސަމާލުވުމަށް ނަސޭހަތްތެރިވެސްވަމެވެ.