English Edition
Dhivehi Edition

އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރަތުގެ ސެމީ ފައިނަލުގައި ބަންގްލަދޭޝް ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކުވައިތުން ހޯދައިފިއެވެ.

މިއަދު ކުޅުނު ސެމީގެ މެޗު ކުވައިތުން ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދީ 0-1 ގެ ނަތީޖާއިންނެވެ.

ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ހަމަހަމަ ކުޅުމެއް ފެނުނުއިރު، މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ބަންގްލަދޭޝްއިންނެވެ.

ބަންގްލަދޭޝްގެ ވިންގް، ރަކީބް ހުސެއިން ނަގައިދިން ހުރަހަކަށް ހުސްކޮށް އަރައި، އެ ޓީމުގެ ޝެކް މޮރްސަލީން ޖެހި ބޯޅަ ކުވެއިތުގެ ކީޕަރު، އަބްދުއްރަހްމާން މަރުޒޫގު މަތަކުރިއިރު، ރީބައުންސް ވެގެން ނިކުތް ބޯޅަ މޮރްސަލީން އަށް ފޮނުވާލެވޭގޮތެއް ނުވިއެވެ.

ބަންގްލަދޭޝްގެ ފުރުސަތައް ފަހު ކުވައިތައް ވެސް ރަނގަޅު ފުރުސަތެއް ލަނޑު ޖަހަން ލިބުނެވެ. ކުވެއިތުގެ އެއިދު އަލްރާޝިދީ ނެގި ހުރަހެއް ގޯލަށް ވަންނަން ދަނިކޮށް ބަންގްލަދޭޝްގެ ކީޕަރު އަނީސުރް ރަހްމާން – ޒީކޯ ވަނީ ހުއްޓުވައިފަ އެވެ.

ފަހު ހާފައް ކުޅެން އަރައި މެޗުގެ 60 ވަނަ މިނެޓުގައި ބަންގްލަދޭޝްއިން ކުވައިތުގެ ގޯލަށް ބާރުހަމަލާއެއް ފޮނުވާލިއެވެ. ކުވެއިތު ޑިފެންސް ފަހަތުން ހުސްވި ޖާގައަކުން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ހަނި އޭންގަލުން ރަކީބް ފޮނުވާލި ބޯޅަ ބޭރުވީ ގޯލުގެ ހުރަސްދަނޑީގައި ޖެހިފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރުވެސް ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފު ކުޅުނެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ފެށުނުތަނާހެން ކުވެއިތުގެ ޝަބައިބް އަލް ހައިދީ އަށް ލިބުނު ހުސް ފުރުސަތެއްގައި ފޮނުވާލި ހަމަލާ ކީޕަރު ޒީކޯ ވަނީ މަތަކޮށްފަ އެވެ.

ކުވައިތުން ލަނޑުޖަހާ މެޗުގެ ލީޑު ނެގީ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ދެ މިނިޓް ތެރޭގަ އެވެ. ކައުންޓަ އެޓޭކުގައި އަރައި، ބަންގްލަދޭޝްގެ އޭރިއާތެރެއިން ކުވެއިތުގެ އަބްދުﷲ އަލްބަލޫޝީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

އިތުރު ވަގުތުގެ ދެ ވަނަ ހާފްގެ ކުޅުން ނިމެން ދަނިކޮށް ނަތީޖާ އެއްވަރުކޮށްލަން ބަންގްލަދޭޝް އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ކުވެއިތުގެ އޭރިއާތެރެއަށް ހުސްކޮށްވަދެ، ބަންގްލަދޭޝްގެ ރަކީބް ޖެހި ބޯޅަ ކުވެއިތުގެ ކީޕަރު އަބްދުއްރަހުމާން މަރުޒޫގު ވަނީ ފައިން އެ ބޯޅަ މަަތަކޮށްފަ އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ދައުވަތުދީގެން ކުޅޭ ދެ ގައުމުގެ ތެރެއިން އެއް ގައުމުގެ ތެރޭގައި ހިމެނޭ ކުވެއިތުން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދިއިރު، އެޓީމުން ފައިނަލުގައި ކުޅޭ ޓީމެއް ކަނޑައެޅޭނީ މިރޭ ކުޅޭ ދެ ވަނަ ސެމީ ފައިނަލް މެޗަށް ފަހުގަ އެވެ.

މިރޭ ކުޅޭ ދެ ވަނަ ސެމީގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި ލެބަނާންއެވެ. މި މެޗު ފަށާނީ މިރޭ 7 ޖަހާއިރުގައެވެ.