English Edition
Dhivehi Edition

ޣީބަ ބުނުމަކީ ނުބައިކަން ބޮޑުވެގެންވާ ފާފައެއް ކަމަށާއި އެއީ މަރުވެފައިވާ ތިމާގެ އަޚާގެ މުޅަމަސް ކެއުންފަދަ ކަމެއްކަން ހަނދާންކޮށްދީ، ޣީބަ ނުބުނުމަށް ހުކުރު ޚުތުބާގައި ނަސޭހަތްތެރި ވެއްޖެއެވެ.

“ދުލުގެ އާފާތްތައް” މައުޟޫއުގައި ދިން ޚުތުބާގައި ބުނީ ޣީބަ ބުނުމަކީ ތިމާގެ އަޚާ ނުރުހޭ ސިފަޔަކާއި ބެހޭގޮތުން ވާހަކަ ދެއްކުން ކަމަށެވެ. ނުވަތަ މީސްތަކުންގެ ގާތުގައި ތިމާގެ އަޚާގެ ކިބައިގާ ހުރި ޢައިބެއްގެ ވާހަކަ ދެއްކުން ކަމަށެވެ.

“ބައެއްފަހަރު މީސްތަކުންނާއި ބެހޭގޮތުން ފެތުރިފައި ހުންނަ ވާހަކަތަކުގެ ހަގީގަތް ނުހޯދައި، އެމީހުން ބަދުނާމު ކުރުމުގެ ނިޔަތުގައި އެވާހަކަތައް އާންމުކޮށް، ފަތުރާ މީހުން އުޅޭ. ޣީބަ ބުނުމަކީ ނުބައިކަން ބޮޑުވެގެންވާ ފާފައެއް. އެއީ މަރުވެފައިވާ ތިމާގެ އަޚާގެ މުޅަމަސް ކެއުންފަދަ ކަމެއް.” ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ވަނީ ނެތިމޮށުމާއި ދޭތެރެ ޖެއްސުމާއި ފިތުނަފަސާދަ ފެތުރުމާ ދުރުހެލިވުމަށް ވެސް ނަސޭހަތްތެރިވެފައެވެ. އަދި ދެބައޮޑުވުން، ދޭތެރެ ޖައްސަމުން ހިނގުން، މީސްތަކުންގެ އަބުރަށް އަރައިގަންނަ މީހުންނަށް ގިޔާމަތް ދުވަހުން ގަދަފަދަ ޢަޒާބު ލިބޭނެކަން ވެސް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.