އަހަރެންނާއި އަހަރެންގެ ދަރިންނާއި އަނބިމީހާ އުޅެމުން ދިޔައީ އުފާވެރި ދިރިއުޅުމެކެވެ. އަހަރެންނަކީ ރަށުން ބޭރުގައި ވަޒީފާ އަދާކުރާ މީހަކަށް ވުމުން ރަށަށް ދެވެނީ ކޮންމެ އަހަރަކުވެސް އަހަރީ ޗުއްޓީއަށެވެ. ނަމަވެސް އަހަރެންނަށް ވަގުތުވީ ވަރަކުން އަހަރެންގެ އަނބިމީހާއާއި ދަރިންނަށް ފޯނުން ގުޅާ ހާލުބަލަމެވެ.
އަހަރެންގެ އަނބިމީހާ އަކީ ވަރަށް ދީންވެރި މިސާލީ އަތްބެކެވެ. އަބަދުވެސް ނަމާދަށް ރައްކާތެރިވުމަށާއި ޙަލާލުގޮތުގައި ފައިސާއާއި މުދާ ހޯދުމަށް ނަސޭހަތްތެރިވެއެވެ. ގުޅާ ކޮންމެ ފަހަރަކު އެންމެ އިސްކަމެއް ދޭނީ އަހަރެން ނަމާދުކޮށްފިތޯ ބެލުމަށެވެ. އަދި އަހަރެން އުޅޭ ގޮތާއި މެދުވެސް އަބަދުވެސް ސުވާލުކުރެއެވެ.
” އަހަރެންގެ އަބަދުވެސް އާދޭހަކީ ފިރިމީހާ ފަސްވަގުތު ބަރާބަރަށް ނަމާދުކޮށް ހެޔޮލަފާ މީހެއްގެ ގޮތުގައި ވުން. ޙަލާލު ގޮތުގައި ނޫން ގޮތަކަށް އެންމެ ފައިސާ ފޮއްޗެއްވެސް ބޭނުން ނުކުރާތި، ނުހޯދާތި، ޙަރާމް އެއްޗެއް ތިބާގެ އަނބިދަރިންނަށް ކާން ނުދޭތި. އަބަދުވެސް އަހަރެން އަހަރެންގެ ފިރިމީހާއަށް އިތުބާރު ކުރަން. ރަނގަޅު ގޮތްވާން ކޮންމެ ފަހަރަކުވެސް މިވާހަކަތައް މި ދައްކަނީ.” އަހަރެންގެ އަނބިމީހާ ގުޅާ ކޮންމެ ފަހަރަކު މިހެން ބުނެ ނަސޭޙަތްތެރިވެއެވެ.
މަރުގެ މަތިން ވެސް ވަރަށް ގިނަފަހަރު ހަނދާން ކޮށްދެއެވެ. ” އެނގޭތަ މަރުވާނެކަން؟ އަބަދަކު މި ދުނިޔޭގައި އަހަރެމެންނަކަށް ނުތިބެވޭނެ. ކޮންމެވެސް ދުވަހަކުން ﷲ ގެ ޙަޟުރަތަށް އެނބުރިދާން ޖެހޭނެ.” މީ އަހަރެންގެ އަނބިމީހާގެ ވާހަކައެވެ.
އަހަރެންނަށް އަހަރެންގެ އަނބިމީހާގެ ވާހަކަތަކުންނާއި އަމަލުތަކުގެ ސަބަބުން ހިތަށް އަބަދުވެސް އުފާވެރިކަން ލިބެއެވެ. ހިތްހަމަ ޖެހުން ލިބެއެވެ.
ދުވަސްތައް މާޒީގެ ތެރެއަށް ދޫވަމުން ދިޔައެވެ. އެއް ރެއެއްގެ ފަތިސް ނަމާދު ވަގުތު އަހަރެންގެ އަނބިމީހާ އަހަރެން ނަމާދަށް ހޭލާތޯ އުޅެނީ ބެލުމަށް ގުޅިއެވެ. އަހަރެންނަށް ފޯނު ނެގުނީ ދެތިން ފަހަރު އަނބިމީހާ ގުޅި ފަހުންނެވެ. އަހަރެން ފޯނު ނަގާ ސަލާމް ގޮވާލީމެވެ. އެރޭ އަހަރެންގެ އަނބިމީހާގެ ވާހަތައް އަސަރުގަދަވެފަ ތަފާތެވެ. އެހެންޏާ ވާހަކަ ނުދައްކާ ފާޑަކަށް ވާހަދެއްކިއެވެ. ބަލި އަޑަކުންނެވެ.
” އަހަރެން ދުނިޔޭގައި ނެތް ދުވަހަކުންވެސް އަހަރެންގެ މަތިން ހަނދާން ނައްތާނުލާތި. ދަރިން ރަނގަޅަށް ބަލާތި. އެދަރިންނަށް ރަނގަޅު ތަރުބިއްޔަތު ދޭތި. އެކުދިން ޔަތީމު ނުކުރާތި. މިއީ ހައްތާވެސް އަހަރެންގެ އަނބިމީހާ ގުޅާފަ ދެއްކި ވާހަކަތެކެވެ.
އަހަރެން އަހާލީމެވެ. ” މިރޭ ތިޔަ ދައްކަނީ ކޮންކަހަލަ ވާހަކަތަަކެއް. ކިހިނެއްވީ؟ ބަލީތަ އަނެއްކާ؟ އަހަރެން އަހާލީމެވެ. އަނބިމީހާ ނޫނެކޭ ބުންޏެވެ. އަދި އެކަންކަމަށް ހަނދާން ކޮށްދިނީ ކަމަށް ބުންޏެވެ. އަނބިމީހާގެ އެވާހަތަކުން އަހަރެންނަށް ވަރަށް އަސަރު ކުރިއެވެ.
ފެންކަޅި ވިއެވެ. އެއީ އަހަރެން ދުވަހަކުވެސް އަހަރެންގެ އަނބިމީހާ އާއި ވަކިވާން ބޭނުންނުވާތީއެވެ. އަހަރެން އަބަދުވެސް ދުޢާކުރަމުން އައީ އަހަރެންގެ އަނބިމީހާގެ އުމުރު ދިގުކޮށްދެއްވުމަށެވެ. އަދި އަނބިމީހާ މަރުވުމުގެ ކުރިން ހެޔޮގޮތުގައި އަހަރެން މަރުވުމަށެވެ.
ކޮންމެ އަކަސް އެރެއަށް ފަހު މާ ގިނަ ދުވަސަތަކެއް ނުވިއެވެ. އާންމުކޮށް ފަތިސް ނަމާދަށް އަހަރެން ހޭލައިފިތޯ ބެލުމަށް އަންނަ ކޯލެއް އެރެއަކު ނައެވެ. އަހަރެން އަހަރެންގެ އަންހެނުންގެ ފޯނަށް ގުޅާލީމެވެ. ފޯން އޮތީ ނިންވާވެސް ލާފައެވެ. ނިވިފަކަމެއް، ނިއްވާލާފަކަމެއް ނޭންގެއެވެ. ޚަބަރެއް ނުވިއެވެ.
ވީ ކީއްތޯ ބަލަންވެސް ގޭ މީހަަކަށް ވެސް ގުޅާލަން ޖެހިލުންވީ އެވަގުތުގެ ގޮތުންނެވެ. އެހާ ފަތިހު އާއިލާ މީހުންނަށް ވެސް އުނދަގޫ ވެދާނެތީ ގުޅަންވެސް ނުކެރުނީއެވެ.
އަހަރެންގެ ހިތަކަށް ކެތެއް ނުވިއެވެ. އަހަރެންގެ ހިތް ބިރުގަނެއްޖެއެވެ. އަބަދުވެސް ފަތިސް ނަމާދަށް އަހަރެން ހޭލައްވަން ގުޅާ އަހަރެން ނަމާދުކޮށްފިތޯ ބަލާ އަހަރެންގެ ލޯބިވާ އަނބިމީހާގެ ޚަބަރެއް ނުވުމުންނެވެ.
ވަރަށް ގުޅީމެވެ. ޚަބަރެއް ނުވިއެވެ. އެންމެ ފަހުން އަނބިމީހާއަށް ވީ ގޮތެއް ނޭނގިގެން އާއިލާ މީހުންނަށް ވެސް ގުޅަން ފެށީމެވެ. އޭރު ފަތިހު ފަސް ގަޑި ބައިވާން ކައިރިވަނީއެވެ. އަހަރެންގެ ކޯލަށް ޖަވާބު ދިނީ އެވަގުތު އަހަރެންގެ ބައްޕައެވެ.
ބައްޕަ ގާތު އަނބިމީހާގެ ފޯނަށް ނުގުޅޭ ވާހަކަބުނެ، ވީގޮތެއް ބަލާލަށް ގެއަށް ދިއުމަށް ބުނީމެވެ. އަހަރެންގެ ބައްޕަ އާއެކޭ ގެއަށް ގޮސް ބަލާފަ ގުޅާނަމޭ ބުނެ ފޯން ބޭއްވިއެވެ.
އޭގެ ކުޑައިރުކޮޅެއް ފަހެވެ. އަހަރެންގެ ބައްޕަ ގުޅިއެވެ. ބައްޕަގެ ފޯން ކޯލާއި އެކު އަހަރެން ފެންކަޅިވެއްޖެއެވެ. ހަދާނެގޮތް ހުސްވެ މުޅިން މާޔޫސް ވެއްޖެއެވެ. އަހަރެންގެ ވަށައިގެން މުޅި ދުނިޔެ އެނބުރެންފެށި ކަހަލައެވެ. ފައިތިލަދަށުން ބިންގަޑު ދެމިގެން ދިޔަ ކަހަލައެވެ.
” ދަރިފުޅާ އަންހެނުން އޮތީ ނަމާދުކުރަން އެޅި ދޮޅިއާއި އެކު މުސައްލަމައްޗަށް ވެއްޓިފައި. ނޭވާއެއް ނުލާ.. އެފަކީރު އޮތީ ނިޔާވެފަ.” މިހިސާބަށް ވާހަކަ ބުނެ ބައްޕަ ފޯން ކަނޑާލިއެވެ. އަހަރެންނަށް ވަރަށް ބާރަށް ގިސްލާ ރޮއިގަނެވުނެވެ. ވީގޮތެއްވެސް ނޭގުނެވެ. ހޭއެރި އިރު އޮތީ ހޮސްޕިޓަލުގައެވެ.
އަހަރެންގެ ދިރިއުޅުން މުޅިން އެފުއްމިފުށަށް ޖެހުނެވެ. ހެޔޮލަފާ މި ދުނިޔޭން މަދުން ނޫނީ ނުލިބޭނެ ފަދަ ހެޔޮ ޖަވާހިރެއް ފަަދަ ލޯބިވާ އަނބިމީހާ އަބަދާއި އަބަދަށް މި ކެހިވެރި ދުނިޔެއާއި ވަކިވީއެވެ. އަހަރެންނާއި އަހަރެންގެ ދަރިން ދޫކޮށްފައެވެ.
ނޯޓް: މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ.