English Edition
Dhivehi Edition

މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމަށް މާލޭ ސިޓީ ކައުންސިލުގެ ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ކުޑަކުދިންގެ ހަވީރު ބާއްވާފައިވަނީ ޖޫން 28 ވީ ބުދަ ދުވަހުގެ ހަވީރު 16:00 ން 18:00 އަށް ސަލްޓަން ޕާކުގައެވެ.

މާލޭ ސިޓީ ކައުންސިލާއި ފެސްޓިވޯ އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދިޔަ ކުޑަކުދިންގެ ހަވީރުގައި ކުރެހުމާއި ކުލަޖެއްސުމާއި، މިނޫން ވެސް ފަންނުވެރި ކަމާއި ގުޅޭ ހަރަކާތްތައް ވަނީ ބާއްވާފައެޗެ. އަދި އެތަނަށް ޒިޔާރަތްކުރި ކުދިންނަށް އެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ދީފައެވެ.

އެކި ޢުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން ބޭއްވި މި ހަވީރުގެ މަޤްޞަދަކީ އާރޓް އެންޑް ކްރާފްޓްގެ ދާއިރާއަށް ކުޑަކުދިން އަހުލުވެރި ކުރުވުމާއެކު މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ކުޑަކުދިންނަށް ޢާއިލާ އާއެކު އަޟްޙާ ޢީދު އުފާވެރި ޢީދެއްގޮތުގައި ފާހަގަކުރުންކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މި ހަވީރުގައި ފެންކުލައާއި ކުރެހުމާއި މިފަދަ ގިނަ ހަރަކާތްތަކެއްގައި ގިނަ ޢަދަދެއްގެ ކުދިން ބައިވެރިވެރިވެފައި ވެއެވެ.

މި އަހަރުގެ އަޟްޙާ ޢީދަށް މަރުޙަބާ ކިޔުމުގެގޮތުން މާލެސިޓީ ކައުންސިލުން ވަނީ ގިނަ ކަންތައްތަކެއް ކޮށްފައެވެ. އެގޮތުން މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގާއި ވިލިމާލޭގެ ބައެއް ބޮޑެތި މަގުތައް ދިއްލާ ވަނީ ޒީނަތްތެރިކޮށްފައެވެ.

އެގޮތުން މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި ހަރުކޮށް ދިއްލާލާފައި ވެއެވެ.

މީގެ އިތުރުން ޙައްޖު ދުވަހުގެ މެންދުރުން ފަހުން ފެށިގެން މާލެސިޓީ ކައުންސިލުގެ ސްމާޓް ސްޓްރީޓް ލައިޓްތަކުގެ ސްޕީކަރުތަކުން އަޑުހަރުކޮށް ތަކުބީރު ވެސް ވަނީ އިއްވަން ފަށާފައެވެ. އަދި ޢީދު ނަމާދަށްފަހު ސަލްޓަންޕާކު ސަރަޙައްދުގައި ދިރާގާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ޢީދު ސަޔެއް ވެސް ބާއްވާފައިވެއެވެ.

މީގެ އިތުރުން އުރީދޫ އާއި މާލެސިޓީ ކައުންސިލް ގުޅިގެން އުސްފަސްގަނޑު ސަރަޙައްދުގައި އުޟްހިޔާ ކަތިލުމުގެ ޚާއްސަ ހަރަކާތެއް ވެސް ކުރިއަށްގެންގޮސްފައިވެއެވެ.