English Edition
Dhivehi Edition

އިންޑިއާގައި މިހާރު ފެށިގެން ކުރިޔަށްދާ ބަންދްބަންގް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގެ ފަހު މެޗަށް މިރޭ ބޫޓާނާއި ބަންގްލަދޭޝް ނުކުންނާނެއެވެ.

މި މެޗަށް ދެ ޓީމުން ނުކުންނައިރު، މީގެ އެއްވެސް ޓީމަކަށް އަދި ސެމީ ފައިނަލް ޔަގީނެއް ނުވެއެވެ. ސެމީގެ ޖާގައެއް ޔަގީން ކުރަން ގުރޫޕުގެ ފަހު މެޗަށް ބޫޓާން އަދި ބަންގްލަދޭޝް ނުކުންނައިރު، މި މެޗުގެ ފޯރި ދަގަވާނެކަމަށް ބެލެވެއެވެ. އެއީ ދެޓީމަށް ވެސް އަދި ސެމީގެ ފުރުސަތު އޮތުމުން މޮޅުވުން މަޖުބޫރުމެޗަކަށް ވާތީއެވެ.

މި މެޗުގެ ޕްރެޝަރ ބޮޑަށް އޮތީ ބޫޓާނަށެވެ. އެއީ ބޫޓާނުން މިހާތަނަށް ގުރޫޕުގައި ކުޅުނު ދެ މެޗުންވެސް ބަލިވެފައި އޮތުމުންނެވެ. އެޓީމަށް އަދި އެއްވެސް ޕޮއިންޓެއް ނުލިބެއެވެ. ބޫޓާން ގުރޫޕް ގައި ކުޅުނު ދެމެޗަށް ބަލާއިރު، އެންމެ ފުރަތަމަ ރާއްޖެއާއި ދެކޮޅަށް ކުޅުނު މެޗުން 0-2 އިން ބަލިވެފައިވާއިރު ދެވަނަ މެޗުގައި ލުބުނާން އަތުން ބަލިވީ 1-4 އިންނެވެ.

ބަންގްލަދޭޝް މިހާތަނަށް ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން ވަނީ މޮޅުވެފައެވެ. އަނެއް މެޗުން ވަނީ ބަލިވެފައެވެ. ބަންގްލަދޭޝް އެންމެ ފުރަތަމަ ލުބުނާނާއި ދެކޮޅަށް ކުޅުނު މެޗު 0-2 އިން ވަނީ ބަލިވެފައެވެ. ނަމަވެސް ރާއްޖެއާއި ދެކޮޅަށް ކުޅުނު މެޗުން 1-3 އިން އެޓީމުން ވަނީ ކާމިޔާބު ކޮށްފައެވެ. މި މޮޅާއި އެކު މިވަގުތު ގުރޫޕް ބީ ގެ ދެވަނާގައި އޮތީ ބަންގްލަދޭޝްއެވެ.

ބޫޓާން
ބުޓާންގެ ސާފް ޗެމްޕިއަންޝިޕްގެ ތާރީހަށް ބަލައިލާ އިރު، ސާފް ޗެމްޕިއަންޝިޕުން ބޫޓާން ފުރަތަމަ ފެނިގެންދިޔައީ 2003 ވަނަ އަހަރު ބަންގުލަދޭޝްގައި ބޭއްވި މުބާރާތުގައެވެ. މި މުބާރާތުގައި ބޫޓާނުން ގްްރޫޕު ސްޓޭޖު ނިންމާލީ ފުލުގައި އޮވެގެންނެވެ.

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާނަށް ގްރޫޕު ސްޓޭޖު ފަހަނައަޅައި ދެވިފައިވަނީ ހަމައެކަނި 2008 ގައެވެ. ރާއްޖެ އާއި ސްރީލަންކާގައި ބޭއްވި އެ މުބާރާތުގައި ބޫޓާން ހިމެނުނީ ލަންކާ އާއި ބަންގުލަދޭޝް އަދި އަފްޣާނިސްތާނާ އެއް ގްރޫޕެއްގައެވެ. އެ މުބާރާތުގައި ބޫޓާނުން ވަނީ ގްރޫޕުގެ ދެވަނައިގެ ގޮތުގައި ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފައެވެ. ސެމީގައި އިންޑިއާ އަތުން 2-1 ގެ ނަތީޖާއަކުން ބޫޓާން ވަނީ ބަލިވެފައެވެ.
ސާފް ޗެމްޕިއަންޝިޕް 2008 ގައި އަފްޣާނިސްތާން އަތުން ލިބުނު މޮޅު ފިޔަވައި، ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި އިތުރު މެޗަކުން ބޫޓާން މޮޅުވެފައެއް ނުވެއެވެ. އެންމެ ފަހުން ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް 2021 ގައި ބޫޓާނުން ބައިވެރިވެފައެއް ނުވެއެވެ.

ބަންގްލަދޭޝް
ބަންގުލަދޭޝްގެ ސާފް ޗެމްޕިއަންޝިޕްގެ ތާރީހަށް ބަލައިލާ އިރު، ޕާކިސްތާނުގައި 1993 ވަނަ އަހަރު ބޭއްވި ފުރަތަމަ މުބާރާތް ފިޔަވައި ހުރިހާ މުބާރާތެއްގައި އެޓީމުން ވާދަކުރިއެވެ.

ބަންގުލަދޭޝްގެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް އެޓީމުން ނިންމާލީ މުބާރާތުގެ ތިންވަނަ ހޯދައިގެންނެވެ. ސްރީ ލަންކާގައި 1995 ވަނަ އަހަރު ބޭއްވި އެ މުބާރާތުގެ ސެމީ ފައިނަލުގައި ބަންގުލަދޭޝް ބަލިވީ ޕެނަލްޓީ ޖަހައިގެން އިންޑިއާ އަތުންނެވެ.

ބަންގުލަދޭޝް އިން ވަނީ އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް 1999 ގެ ރަނަރަޕްކަން ވެސް ހޯދައިފައެވެ. ޖެހިގެން އައި ސާފް ޗެމްޕިއަންޝިޕް، އަމިއްލަ ގައުމުގައި 2003 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިރު، ޕާކިސްތާނުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް 2005 ގައި ބަންގުލަދޭޝް އިން ރަނަރަޕްކަން ހޯދިއެވެ. ސާފް ޗެމްޕިއަންޝިޕް 2003 ގެ ޗެމްޕިއަންކަން ބަންގުލަދޭޝް އިން ހޯދީ ރާއްޖެ ބަލިކޮށްގެންނެވެ.

ބޫޓާން އަދި ބްންގްލަދޭޝް ގެ ތާރީޚީ ކުރިމަތިލުންތައް
މިރޭގެ މެޗަށް ބޫޓާން އަދި ބަންގްލަދޭޝް ނުކުންނައިރު، މިއީ ފުޓްބޯޅަ ތާރީޚުގައި މި ދެ ގައުމުން ވާދަކުރާ 14 ވަނަ ފަހަރެވެ. މީގެ ކުރިން މި ދެޓީމު 13 ފަހަރު ބައްދަލުކޮށްފައިވާއިރު، ސާފް ޗެމްޕިއަންޝިޕް ގައި މީގެ ކުރިން ފަސް ފަހަރު ވަނީ ބައްދަލުކޮށްފައެވެ.

މި ދެޓީމު ބައްދަލުކޮށްފައިވާ 13 މެޗުގެ ތެރެއިން ހަތް މެޗުން ބަންގްލަދޭޝް މޮޅުވެފައިވާއިރު، ބޫޓާން މޮޅުވެފައިވަނީ އެއްމެ މެޗަކުންނެވެ. ދެމެޗު ވަނީ އެއްވަރުވެދައެވެ.

ބޫޓާން އަދި ބަންގްލަދޭޝް ބައްދަލުކުރާ މި މެޗު ފަށާނީ މިރޭ ހަތެއް ޖަހާއިރުގައެވެ.