English Edition
Dhivehi Edition

ސާފް ޗެމްޕިއަންޝިޕް ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު ފަހު މެޗުގައި ޕާކިސްތާން ބަލިކޮށް މޮޅަކުން މި ފަހަރުގެ މުބާރާތް ނޭޕާލުން ނިންމާލައިފި އެވެ.

މިއަދު ހަވީރު ޕާކިސްތާނާއި ދެކޮޅަށް ކުޅުނު މެޗު ނޭޕާލުން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއިންނެވެ.

މިއަދުގެ މެޗަށް ނޭޕާލާއި ޕާކިސްތާން ނުކުތްއިރު ވެސް އެ ދެ ޓީމު ވަނީ މުބާރާތުން ކަޓައިފަ އެވެ. އެންމެ ފަހުން ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި އެއްކޮޅުން ފައިނަލުހައި ކުޅުނު ނޭޕާލް މި ފަހަރުގެ މުބާރާތް މި ނިންމާލީ އެންމެ މޮޅެއް ހޯދާ ތިން ޕޮއިންޓާއި އެކު ގްރޫޕް އޭގެ ތިން ވަނަ ޓީމުގެ ގޮތުގަ އެވެ.

ޕާކިސްތާނުން މިފަހަރުގެ މުބާރާތް ނިންމާލީ ގުރޫޕް މަރުހަލާގައި ކުޅުނު ތިން މެޗުންވެސް ބަލިވެ ޕޮއިންޓެއް ނުލިބި ގުރޫޕް އޭގެ އެންމެ ފުލުގައި އޮވެގެންނެވެ.

މިއަދުގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ޖުމްލަކޮށް، ފުރަތަމަ ހާފުގައި މާގިނަ ނުރައްކާތެރި ހަމަލާތަކެއް ނުފެނެ އެވެ. މި ހާފުގައި ލަނޑެއް ޖަހަން އެންމެ ރަނގަޅު އަދި ހުސް ފުރުސަތެއް ލިބުނީ ނޭޕާލްގެ ބިމަލް އަށެވެ. މެޗުގެ 41 ވަނަ މިނިޓްގައި ނޭޕާލްގެ ވިންގް، މަނީޝް ދަންގީ ނެގި ހުރަހެއް ކޮންޓްރޯލް ކުރުމަށް ފަހު، ބިމަލް ތިރިތިރިން ޖެހި ޝޮޓް ޕާކިސްތާންގެ ކީޕަރު ޔޫސުފް އިޖާޒް ބަޓް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ.

ދެ ވަނަ ހާފް ފެށިގެން ގިނަ އިރުތަކެއް ނުވެ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ނޭޕާލަށް ލިބުނެވެ. ފަހު ހާފުގައި ބަދަލަކަށް ކުޅެން އެރުވި ނަވަޔޫގް ޝްރެސްތާ އަށް އޭރިއާތެރެއިން ހުސްކޮށް ލިބުނު ފުރުސަތުގައި ބޮލުން ޖެހި ބޯޅަ ދިޔައި ހުރަސްދަނޑިމަތިންނެވެ.

އެއަށް ފަހު ދެވަނަ ހުސް ފުރުސަތެއް ނޭޕާލަށް ލިބުނެވެ. މެޗުގެ 61 ވަނަ މިނިޓްގައި ނޭޕާލްގެ މަނީޝް އޭރިއާތެރެއަށް މުޅިން ހުސްކޮށް ބޯޅަ ހިފައިގެން ވަދެ، ފޮނުވާލި ބޯޅަ ކީޕަރު ޔޫސުފް ބަޓް ވަނީ މަތަކޮށްފަ އެވެ.

އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ލިބުނު ހިލޭ ޖެހުމެއްގައި ނޭޕާލުގެ ދެވެންދުރާ ތަމަންގް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެެވެ.

ގިނަ ފުރުސަތުތަކެއް ލިބި ބޭކާރު ވެފައިވީ ނަމަވެސް މެޗުގެ 80 ވަނަ މިނިޓްގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ނޭޕާލުން މެގިއެވެ. ނޭޕާލަށް މި ލަނޑު ޖަހައިދިނީ ބަދަލަކަށް ކުޅެން އެރި އާޝިޝް ޗޯދުރީ އެވެ. އޭރިއާބޭރުން ލިބުނު ބޯޅަ އާޝިޝް ވަނީ އެއް ފަަހަރުން ގޯލުގެ ތެރެއަޡް ފޮނުވާލައިފަ އެވެ.

މި މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް މި ދެ ޓީމަށް ދެން މި މުބާރާތުގައި ފުރުސަތެއް ނެތެވެ.

މި ގްރޫޕުން ސެމީގެ ފުރުސަތު ހޯދީ ފުރަތަމަ ކުޅުނު ދެ މެޗުން މޮޅުވި، އިންޑިއާ އާއި ކުވެއިތު އެވެ. އެ ދެ ޓީމު މިރޭ ކުޅޭ މެޗު ވެގެންދާނީ ގްރޫޕްގެ އެއް ވަނަ އާއި ދެ ވަަނައިގެ ގޮތުގައި ސެމީ އަށް ދާ ޓީމު ކަނޑައަޅާ މެޗަށެވެ.

މި މެޗުގެ ކުޅުން ފަށާނީ މިރޭ 7 ޖަހާއިރުގައެވެ. މިއީ ގުރޫޕް އޭ ގެ ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗެވެ.