English Edition
Dhivehi Edition

ހައްޖު މަހުގެ ނުވަނަ ދުވަސް ނުވަތަ ހައްޖު ދުވަހަކީ ދުނިޔެ ދެކޭނެ އެންމެ މާތް ދުވަހެވެ.

އަދި މިއީ ހައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ، އަރަފާތުގައި ހުރުމުގެ އަޅުކަން އަދާ ކުރެވޭ ދުވަހެވެ.

އަރަފާތު ދުވަހުގެ މެންދުރު ފަހުގެ ވަގުތަކީ، ﷲ ސުބުހާނަހޫ ވަތައާލާ ދުނިޔޭ އުޑަށް ފައިބާ ވޮޑިގެން، އަރަފާތު ބިމުގައިވާ އަޅުތަކުންނާމެދު ފަހުރުވެވޮޑިގެންވާ ދުވަހެވެ.

އެ ދުވަހު އަރަފާތުގެ ބިމަށް ޖަމާވެފައިތިބޭ ހައްޖުވެރިންގެ ފާފަތައް މާތްﷲ ފުއްސަވައި ދެއްވާނެއެވެ. އަދި އަރަފާތު ދުވަހަކީ ފާފަ ފުއްސެވުމާއި އަފޫ ކުރެއްވައި ނަރަކައިން ދިންނަވައި މުއްތިކުރެއްވުމުގެ ދުވަސް ކަމުގައިވެސް ވެސް ވެއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”ޢަރަފާތް ދުވަހަށްވުރެ، ގިނައިން ﷲ އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ“

އަރަފާތު ދުވަހަކީ މާތްﷲ އެކަލާނގެ އަޅުތަކުންގެ ކިބައިން، އެކަލާނގެ އިލާހުވަންތަ ކަމަށް އަހުދު ކަށަވަރު ހިއްޕެވި ދުވަހެވެ. އަދި އިސްލާމްދީން ފުރިހަމަ ކުރެއްވި ދުވަސްވެސްމެއެވެ.

މާތް ﷲ އަލްމާއިދާ ސޫރަތުގެ ތިންވަނަ އާޔަތް ބާވާއްލެއްވި ހައްޖު ދުވަހު މާތް ރަސޫލާ ހުތުބާ ދެއްވި ފަހުންނެވެ. އެ އާޔަތުގެ މާނާގައިވެއެވެ.

”މިއަދު ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ތިޔަބައި މީހުންގެ ދީން ފުރިހަމަ ކުރައްވައިފީމު އެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ތިމަން ރަސްކަލާނގެ ނިއުމަތްތައް ފުރިހަމަ ކުރައްވައި އިސްލާމްދީނަކީ ތިޔަބައިމީހުންގެ ދީން ކަމުގައި ރުހިވޮޑިގެންފީމު އެވެ.“

މާތްﷲގެ އޯގާވަންތަކަމާއި ތަނަވަސް ރަހުމަތުން ހައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ނުލިބޭ މީހުން ވެސް އެ ދުވަހުގެ ސަވާބުން މަހުރޫމެއް ނުވާނެއެވެ. ހައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން އަރަފާތު ދުވަހު ރޯދަ ހިފުން މޮޅު އިތުރުވެގެންވެއެވެ. އަދި މާތްﷲ ހަނދުމަކޮށް، ދުއާ ކުރުމުގައި ގިނަ ވަގުތު ހޭދަކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.