އަހަރެމެން އިސާނުންނަކީ ވިސްނުމާއި ޚިޔާލާއި ފިކުރު، ތަފާތު ބައެކެވެ. އަހަރެމެންގެ ތެރެއިން ގިނަ މީހުންގެ ޡަބީއަތުގައި ހުންނަގޮތުން ކަމެއްވާއިރަށް އެކަމުގެ ވާހަކަ އެންމެ ގާތްކޮށް އުޅޭ މީހަކާ ނުވަތަ އެކުވެރިޔަކާ ހިއްސާކޮށްލެވޭތަން އާދެއެވެ. އެއީ އަމިއްލަ ޒާތީ ދިރިއުޅުމުގެ ކަމެއް ނަމަވެސް، ކުރެވިފައިވާ ނުބައި ކަމެއް ނުވަތަ ފާފައެއްގެ ވާހަކަ ނަމަވެސް މެއެވެ. މިހެން ގޮސް ދައްކަން ނުޖެހޭ އެތަކެއް ވާހަކަތަކެއް ނުވަތަ ސިއްރުތަކެއް ހިއްސާކުރެވޭތަން އާދެއެވެ.
މިއީ އަހަރެމެންގެ ތެރެއިން ގިނަ ބައެއްގެ ހާލަތެވެ. ވަރަށް މަދު މީހަކު ފިޔަވައެވެ.
ދަންނާށެވެ. ތިމާގެ އަމިއްލަ ޒާތީ ކަންކަމުގެ ވާހަކަ ނުވަތަ ސިއްރުތަކުގެ ވާހަކަ، ނުވަތަ އެހެންވެސް ތިބާއަށް ކުރެވިފައިވާ ގޯސްކަމެއްގެ ވާހަކަ މަޖަލަކަށް ނަމަވެސް ނުބަތަ ސީރިއަސްކޮށް ނަމަވެސް، ކިތެންމެ ގާތް އެކުވެރިއެއްގެ ގާތުގައި ވިޔަސް ނުދައްކާށެވެ.
މިފަދަ ސިއްރުތަކުގެ ވާހަތަކަށް އެހެން މީހުންނަށް އިތުބާރުކޮށް ކިޔައިދިނުމަކީ އެއީ އަހަރެމެންނަށް ހެދޭ ވަރަށް ބޮޑު ގޯހެކެވެ.
އެހެނީ ކިތެންމެ ގާތްކޮށް އުޅުނަސް މީހުންގެ ހަގީގަތް ނޭންގޭނެތީއެވެ. އެހެންކަމުން ކިތަންމެ އެއްކޮށް އުޅުނަސް އަދި ކިތަންމެ ގާތް ގުޅުމެއް އޮތް ނަމަވެސް އެހެން މީހުންނަށް މާ ބޮޑަށް އިތުބާރު ނުކުރާށެވެ. އެކަމުގެ ސަބަބުން ފަހުން ލިބިދާނޭ ހިތާމައަކަށް ނުވަތަ ގެއްލުމަކަށް ވިސްނާށެވެ.
އެހެނީ އެމީހަކު ތިބާގެ ސިއްރުތައް އެހެން މީހުންގެ ކުރިމަތީގައި ފަޅާ އަރުވާ ތިބާ ބޭޒާރުކޮށް ފަޟީހަތް ކޮށްލާނޭ ދުވަހެއް ވަގުތެއް އަންނާނެއެވެ. އެއީ ތިބާއަށް ކިތަންމެ ބޮޑު ދެރައެއް ނުވަތަ ގެއްލުމެއް ލިބުނަސް މެއެވެ.
އެފަދަ ވަގުތަކަށް ވާނީ އެކަކު އަނެކަކާ ދޭތެރޭގައި ހިތްހަމަ ނުޖެހި މައްސަލަޖެހި ޒުވާބަކާއި ހަމައަށް ދާންޖެހޭ ދުވަހެއް ނުވަތަ ވަގުތެއްގަވެ. އެހިސާބުން ތިމާގެ ހުރިހާ ސިއްރެއް އެހެން މީހުންގެ ކުރިމަތީ ހާމަކޮށް، އެހެންމީހުންގެ ކުރިމަތީ ތިމާގެ އަގުވެއްޓާލައި ވެއްޔާ މޮޑެލާނެކަން ދަންނާށެވެ.
ހަޤީޤަތަކީ ތިމާގެ ވަށައިގެން ތިބި ނުވަތަ އެކުވެރިކޮށް ނުވަތަ ގާތްކޮށް އުޅޭ އެންމެންނަކީ ހަޤީޤީ ރަހުމަތްތެރިއެއް ނުވަތަ އެކުވެރިންނެއް ނޫނެވެ.
އޭގެ ތެރެއިން ބައެއް މީހުންނަކީ ދެ މޫނުގެ އަހުލުވެރިން (މުނާފިގު) އެކުވެރިންނެވެ. އެފަދަ މީހުންނަކީ ގާތް އެކުވެރިއެއްގެ ގޮތުގައި ދައްކައިގެން އުޅޭ ތިމާގެ ދިރިއުޅުން ހަލާކުކޮށްލާނެ ދަނޑިވަޅަކަށް ނުވަތަ ފުރުސަތަކަށް ބަލަބަލާ ތިބޭ ހަތުރުވެރިންނެވެ.
އެންމެ ބުއްދިވެރި ގޮތަކީ ތިމާގެ ސިއްރުތައް އަމިއްލައަށް ފޮރުވުމެވެ. އެހެން މީހުންނަށް އިތުބާރު ކޮށް ސިއްރުތައް ކިޔައިދިނުމުގެ ބަދަލުގައި އެ ހުރިހާ ސިއްރެއްވެސް ތިބާ އަމިއްލަ އަށް ފޮރުވުމެވެ. އެންމެ ރައްކާތެރި އަދި އެންމެ މޮޅު ގޮތަކީ ވެސް އެއީއެވެ.