ކުޅިވަރާއި ޒުވާނުންގެ މެނިފެސްޓޯގެ އަށްޑިހަ އިންސައްތަ ޙާސިލް ވެއްޖެކަމަށް މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ޒުވާނުން ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ ޒުވާނުންގެ އުންމީދުތައް ހާސިލްކޮށްދިނުމަށް ރައީސް ޔާމީން ވަނީ ގައުމީ ގޮތުން ގިނަ ކަންތައްތަކެއް ފައްޓަވައި ދެއްވާފައި ކަމަށާއި އެކަންތައްތައް ޒުވާނުން ހެޔޮހިތުން ބަލައިގަންނަ ކަން ފެނިގެންދާ ކަމަށެވެ.
މީގެ އިތުރުން ޒުވާނުންގެ ކުރިއެރުވުމަށް ދިވެހި ތާރީޚް ދުވަހަކުވެސް ދެކެފައިނުވާފަދަ ބޮޑެތި ކުރިއެރުންތައް ހޯދާ އެކަމަށް މަގުފަހި ކޮށްދީފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ފުޓްސަލް ދަނޑުތަކާއި ބަށިކޯޓުތަކާއި ވޮލީ ކޯޓުތައްފަދަ ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކޮށްފައިވާކަން ފާހަގަ ކުރެއްވިއެވެ. ފާއިތުވި ހަތަރު އަހަރަކީ ކުޅިވަރުގެ ރޮނގުން އެންމެ ކާމިޔާބު 4 އަހަރުގެ ގޮތުގައި ސިފަކުރައްވާ މިނިސްޓަރ ވިދާޅުވީ ދިވެހި ތާރީޚްގައި އެންމެ ގިނަ ރަން މެޑެލް ހޯދާފައިވަނީ ރައީސް ޔާމީންގެ ޒަޢާމާތުގައި ކަމަށާއި މިހަތަރު އަހަރު ދުވަހުގެ ތެރޭގައި 6 ރަން މެޑެލް ހޯދާފައިވާ ކަމަށެވެ.
“މިފަޚްރުވެރި ކާމިޔާބީ ހޯދުމަށް މި ސަރުކާރުން މަގުފަހިކޮށްދެއްވީ ކުޅުންތެރިންޕްރޮފެޝަނަލް ކޮށްގެން. ޤައުމީ ޓީމްތަކުގެ ކުޅުންތެރިންނަކީ މުސާރަ ލިބޭ ކުޅުންތެރިންގެ ގޮތުގައި ހަމަޖެއްސެވީ މިސަރުކާރުން. މިފުރުސަތުގައި 250 އަށްވުރެގިނަ ކުޅުންތެރިންނަށް މުސާރަ ދެވިގެންދާކަން އުފަލާއެކު ފާހަގަކުރަން” – މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ
ފާއިތުވެގެން ދިޔަ ހަތަރު އަހަރަކީ އެކި ދާއިރާތަކުން ޒުވާނުންނަށް ކާމިޔާބީ ހާސިލް ކުރެވުނު ހަތަރު އަހަރު ކަމަށް އިރުތީޝާމް ވިދާޅުވިއެވެ. އަދި އެކަމުގައި އެންމެ އިސްކޮށް މޭސްތިރިއެއްގެ ގޮތުގައި ހުންނެވީ ރައީސް އަބްދުﷲ ޔާމީން ކަމަށް ވެސް އިރުތިޝާމް ވިދާޅުވިއެވެ.
“މި އިގްތިސާދީ އިންގިލާބްގެ ފައިދާ އެންމެ ބޮޑަށް އެނގޭނީ ވެސް އަދި އެންމެ ބޮޑަށް ފައިދާ ކުރާނީ ވެސް ދިވެހި ރާއްޖޭގައި މިއަދު ތިބި އަދި ރާއްޖޭގައި ކުރިއަށް އޮތް ތާންގައި މުސްތަގްބަލުގައި ތިބޭ ޒުވާނުންނަށް،” މިނިސްޓަރު ވިދާޅުވިއެވެ.
އަތޮޅުތަކުގެ ރަށްރަށުގައި ޒުވާނުންގެ މަރުކަޒުތައް ޤާއިމުކުރެއްވެމުށް ކުރައްވާ މަސައްކަތް ފާހަގަ ކުރައްވާ، ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މުޅިން އަލަށް 34 ޒުވާނުންގެ މަރުކަޒު ޤާއިމުކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.
ޒުވާނުންގެ ޤައުމީ އިނާމް ދެއްވުމަށް ބޭއްވި މިޚާއްސަ ޖަލްސާގައި މިނިސްޓަރ އިރުތިޝާމް ވަނީ ކުޅުންތެރިންނާއި ކުޅިވަރުގެ މައިދާނުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކޮށް، ހޯދާ ކާމިޔާބީ ފާހަގަކުރުމަށްޓަކައި އަންނަ އަހަރުގެ ކުރީކޮޅު ‘ސްޕޯޓްސް އެވޯޑް’ ޙަފްލާއެއް ބޭއްވުމަށް ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ.