ޤައުމުގެ ކުރިއެރުމަށް ވިސްނާއިރު ކިތަންމެ ވަޞީލަތް މަދު ޤައުމަކަށްވެސް އެންމެން ގުޅިގެން މަސައްކަތްކޮށްފިކަމުގައި ވަނީ ނަމަ ކާމިޔާބު ލިބޭނެކަމަށާއި، ޤައުމުގެ ތަރައްޤީއާއި ޤައުމަށް ފައިދާހުރި ކަންކަމުގައި ހުރިހާ ރައްޔިތުން ވެސް އެއްބައިވަންތަކަން އިސްކުރުމަކީ މުހިންމުކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ 26 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވެވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ސްޓެލްކޯ އަކީ ވަރަށް މުހިންމު އަސާސީ ޚިދުމަތެއް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްކަން ފާހަކުރައްވައި، ވޭތުވެތިޔަ އަހަރަތަކުގައި ރާއްޖޭގެ ކަރަންޓުގެ ޚިދުމަތަށް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިވާކަން ހާމަކުރައްވާފައެވެ. މިގޮތުން މާލެ ސަރަޙައްދާއި، މާލެ ކައިރީ ސަރަޙައްދުތަކަށް ބަލާއިރު ތިރީސް އެތައް ރަށުގައި ޒަމާނާ އެއްގޮތަށް ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ސްޓެލްކޯއިން ފުޅާ ކުރަމުން އަންނަކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހުރިއްޔާގެ ނައިބު ވަނީ ރައްޔިތުންނާ ހަމަޔަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުންޏެއްގައި ނުވަތަ އެ އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އެކުވެރި، އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ މަސައްކަތުގެ މާޙައުލުގައި އުނގެނުމުގެ މުހިންމުކަން ހާމަކުރައްވައި، އެކަކަށް އެނގޭ އެއްޗެއް އަނެކާއަށް އުނގަންނައިދީ ދަސްކޮށްދިނުމަށް އިސްކަންދިނުމަށް ގޮވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަރަށް ބޮޑަށް ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަން ދެއްވާކަމަށާއި، މިގޮތުން އިންޖީނުގެ ތަކަށް ބަލާލިކަމުގައިވިޔަސް އަތޮޅު ތެރޭގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ލާމަރުކަޒީކޮށް ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ފާހަގަކުރައްވާފައެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްޓެލްކޯގެ އައުޓްސްޓޭންޑިން ސަރވިސް އެވޯޑް ލިބިވަޑައިގެންނެވި އެ ކުންފުނީގެ ޑެޕިއިޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަތީފަށް ޚާއްޞަ އެވޯޑެއް ޙަވާލުކޮށްދެއްވާފައެވެ. އަދި، މި ޖަލްސާގައި ސްޓެލްކޯއިން ވަނީ އެ ކުންފުނީގައި ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުވައްޒަފުންގެ އަގުވަޒަންކުރައްވާފައެވެ.