English Edition
Dhivehi Edition

ކައިރި މުސްތަޤުބަލެއްގައި ރާއްޖޭގައި ޑިޖިޓަލް ޙަލާލް ސިސްޓަމް ތަޢާރަފްކުރެވިގެން ދިއުމަކީ ވަރަށް ބޮޑު އުންމީދެއްކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު މިހެން ވިދާޅުވީ ޙަލާލް އިކޯ ސިސްޓަމް ޑިވެލޮޕްމަންޓް 2023ގެ ނަމުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްވަމުންނެވެ.

15 ޖޫން 2023ގައި އިސްލާމީ މަރުކަޒުގެ ހޯލްގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަކީ ރާއްޖޭގައި ޑިޖިޓަލް ޙަލާލް ސިސްޓަމް ތަޢާރަފްކުރުމަށްޓަކައި، ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން، ސެރޫނާއީ އީކޮމާސްއިން ކަމާގުޅޭ ދާއިރާތަކުގެ ބޭފުޅުންނާއިއެކު ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ޙަލާލް ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތް ފަށާފައިވަނީ 2014 ވަނަ އަހަރުގެ އޭޕްރިލް މަހު ކަމަށެވެ. އަދި މިހާރު 7 ކުންފުންޏަކުން މި ޚިދުމަތް ލިބިގަންނައިރު، އެކްސްޕޯޓްކުރާ މަހުގެ ތަފާތު ބާވަތްތަކުގެ 100އަށްވުރެ ގިނަ އުފެއްދުންތަކަށް ޙަލާލު ސެޓްފިކެޓް ދޫކުރެވުނުކަމަށެވެ.

މިއީ ކުރިއެރުމެއްކަމުގައިވީނަމަވެސް އުފެއްދުންތަކަށް ރާއްޖޭގެ ޙަލާލް ސެޓްފިކެޓް ދިނުމުގައި ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އެކްސްޕޯޓް އަދި އިމްޕޯޓްކުރާ އުފެއްދުންތަކުގައި ހުންނަ ތަކެތި ބަލައި ތަޙްލީލުކުރާނެ ލެބޯޓްރީއެއް ރާއްޖޭގައި ނެތްކަމަށެވެ. އަދި އެފަދަ އުފެއްދުންތަކުގެ ލެބޯޓްރީ ޓެސްޓް ހެދުމަށް، ތަމްރީނު ލިބިފައިވާ ފަންނީ ބޭފުޅުން މަދުކަމަށާއި ރާއްޖޭގައި ޙަލާލް ސެޓްފިކެޓާމެދު އޮންނަ ހޭލުންތެރިކަން އާންމުގެ ތެރޭގައި މަދުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިކަމަށް ޚާއްސަ ޤާނޫނީ އޮނިގަނޑެއް ނެތުންފަދަ ކަންކަމަކީ ހުރި ގޮންޖެހުންތައްކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ގޮންޖެހުންތަކުން އަރައިގަތުމަށް މިނިސްޓްރީ އާއި ސެރޫނާއީ އީ ކޮމަރސް ގުޅިގެން، ރާއްޖޭގައި ޑިޖިޓަލް ޙަލާލް ނިޒާމެއް ޤާއިމްކުރުމާ ގުޅޭ ގިނަ މަޝްވަރާތަކެއް ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި މަޝްވަރާތަކުގެތެރޭގައި، ރާއްޖެއަށް އެކްސްޕޯޓްކުރާ ތަކެތި، ޑިޖިޓަލައިޒްޑް ސިސްޓަމަކުން ޓްރެކްކޮށް، ޓެސްޓްކޮށް، މޮނިޓަރ ކުރެވޭނެކަމަށެވެ. އަދި ލެބޯޓްރީއެއް ގާއިމްކުރުމުގެ އިތުރުން ސިނާޢަތާގުޅޭ މަޢުލޫމާތު ފޯރުކޮށްދީ، ތަމްރީނުތައް ކުރިއަށް ގެންދިޔުމުގެ މަޝްވަރާތައްވެސް ކުރިއަށް ގެންދެވިފައިވާކަމަށެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދެވޭ މި މަސައްކަތްތަކުގެ ދަށުން އުންމީދަކީ ކައިރި މުސްތަގުބަލެއްގައި ރާއްޖޭގައި ޑިޖިޓަލް ޙަލާލް ސިސްޓަމް ތަޢާރަފްކުރެވިގެން ދިއުންކަމަށް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވިއެވެ.

ސެރޫނާއީ އީ ކޮމާސްއިން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި މިހާރު އޮތް ޙަލާލު ސެޓްފިކެޓް ދިނުމުގެ އުސޫލު އިތުރަށް ދިރާސާކޮށް، ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، ޑިޖިޓަލައިޒްޑް ސިސްޓަމެއްގެ ދަށުން ޙަލާލް ސެޓްފިކެޓްދޫކުރުމުގެ ނިޒާމެއް ތަޢާރަފްކުރުމެވެ.