English Edition
Dhivehi Edition
ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް

މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން ރިޔާސަތުގައި އިންނަވަނިކޮށް ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ނެންގެވި ފޯން ކޯލަކީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޯލެއް ނޫން ކަމަށް އަފީފު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރިޔާސަތުގައި އަފީފު އިންނަވަނިކޮށް އައި ފޯނު ކޯލަށް ފަހު އޭނާ ވަނީ ޖަލްސާ ނިމުނުކަން މެންބަރުންނަށް އަންގާފައެވެ. އަފީފަށް ފޯނެއް އައުމުން “އާދެ، މި ނިންމާލަނީ” ކަމަށް ވިދާޅުވެ ޖަލްސާ ނިންމާލުމުން ގިނަ ބަޔަކު ވަނީ އަފީފަށް ގުޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން އަފީފު ވިދާޅުވީ ފޯނު ކޯލަކީ ރައްޓެއްސެއްގެ ފޯނު ކޯލެއް ކަމަށެވެ. އަދި އެ ކޯލު އައީ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭތީ ނިންމަވާލެއްވުމަށް ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދަވަނިކޮށް ކަމަށް އަފީފު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ނިޒާމީ ނުކުތާ އާއި ހަޅޭކުގެ އަޑާއެކު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވިގެން ހުއްޓާލާފައިވާއިރު މަޖިލީހުގެ ޖަލްސާތައް ފެށޭނެ ގޮތް ހަދައިދިނުމަށް އެމްޑިޕީ މެމްބަރުން ވަނީ އެދިފައެވެ.