English Edition
Dhivehi Edition

ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް މޯލްޑިވްސް 2023 ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ޝަރަފްވެރިކޮށްދެއްވައިފިއެވެ.

ރާއްޖޭގައި މިއަހަރު ބާއްވާ ފުރަތަމަ ބައިނަލްއަޤުވާމީ ބާސްކެޓް ބޯޅަ މުބާރާތް، ކުރިއަށްދަނީ ސޯޝަލް ސެންޓަރުގައެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތަށްފަހު، ކުޅުނު މެޗުގައި ބައްދަލުކުރީ ދިވެހިރާއްޖެއާއި ބަންގްލަދޭޝްއެވެ.

މެޗު ފަށްޓަވައި ދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދެޓީމުގެ ކުޅުންތެރިންނާއި ސަލާމްކުރައްވާފައެވެ. އަދި މިމެޗު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްލަވާލެއްވިއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީ ނޭޕާލާއި ބޫޓާނެވެ. މި މެޗު ކާމިޔާބުކުރީ ބޫޓާނެވެ. ރޭ ކުޅުނު މެޗު ރާއްޖެއާ ވާދަކޮށް ބަންގްލަދޭޝް އިން ވަނީ ކާމިޔާބުކޮށްފައެވެ.

މިމަހުގެ 14 އިން 22 އަށް ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުރިއަށްދާ، ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް މޯލްޑިވްސް 2023ގައި، ބައިވެރިވެފައިވަނީ ބޫޓާން، ބަންގްލަދޭޝް، ނޭޕާލް، ޕާކިސްތާން އަދި ދިވެހިރާއްޖެއެވެ.

މިމުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ޤައުމީ ބާސްކެޓް ޓީމް ވަނީ، މުބާރާތުގެ ކުރިން އިންޑިއާގެ ބެންގަލޫރުގައި ތަމްރީނު ހޯދާފައެވެ.

މިއީ މިދައުރުގެ ތެރޭގައި، ރާއްޖޭގައި ބޭއްވޭ ބައިނަލްއަޤުވާމީ ތިންވަނަ ބާސްކެޓް ބޯޅަ މުބާރާތެވެ.

ރާއްޖެއަކީ، ބައިނަލްއަޤުވާމީ ކުޅިވަރުގެ މުބާރާތްތައް ބާއްވާ ޤައުމެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ.

ކުޅިވަރުގެ ދާއިރާއިން ބައިނަލްއަޤުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ އެންމެ ބޮޑު މަޤުޞަދަކީ، ދިވެހި ޒުވާން ކުޅުންތެރިންނަށް ބައިނަލްއަޤުވާމީ ފެންވަރުގައި ވާދަކޮށް ކުރިޔަށް ދިޔުމަށް ފުރުޞަތުތައް ފަހިކޮށް ދެއްވުމެވެ.