English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަލްމަރްޙޫމް ޢަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ)ގެ ޢާއިލާއާ ބައްދަލުކުރައްވައި އެ މަރްޙޫމްގެ އަގުހުރި ޚިދުމަތްތަކުގެ ހަނދާންތައް އައު ކުރައްވައި ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މަރްޙޫމްގެ ޢާއިލާގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި 54 އަހަރުގެ ދިގު މުއްދަތަކަށް މަރްޙޫމް ޢަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ) ދަޢުލަތަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ހަނދާންތައް އައުކުރެއްވިއެވެ.

މަރްޙޫމްގެ ޚިދުމަތްތަކުގެ ހަނދާންތައް އައުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގެއްލިގެން އެދިޔައީ ދަޢުލަތާއި މުޅި ޤައުމުގެ ޚިދުމަތްތެރިއެއް ކަމުގައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި މަރްޙޫމްގެ ޢާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި އެ މަރްޙޫމްގެ ޢާއިލާއިން ވަނީ މަރްޙޫމް ޢަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ)ގެ ޚިދުމަތުގެ އަގުވަޒަންކުރައްވައި ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އަލްމަރްޙޫމް ޢަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ)ގެ ހަނދާނުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހުޅުވި ތަޢުޒިޔާގެ ދަފުތަރުގައި ސޮއިކުރައްވާފައެވެ. މި ދަފްތަރުގައި އެންމެ ފުރަތަމަ ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި ވަނީ ޢަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ)ގެ އަވަހާރަވުމަކީ މުޅި ޤައުމަށް ލިބުނު ހިތާމައެއްކަން ފާހަގަކުރައްވައި މަރްޙޫމްގެ 54 އަހަރުގެ ޤައުމީ ޚިދުމަތުގައި ފާހަގަކުރެވިގެން ދަނީ ކޮންމެ ކަމެއްގައިވެސް ދިވެހި ދަޢުލަތާއި ރައްޔިތުންގެ މަސްލަޙަތަށް އިސްކަންދެއްވި ބޭފުޅެއްގެ ގޮތުގައިކަން ފާހަގަކުރައްވާފައިވެއެވެ.

އަދި ދިވެހިރާއްޖޭގެ ޤައުމީ ހަޔާތުގަޔާއި ބަރުލަމާނީ ހަޔާތުގައި އަދާކުރައްވާފައިވާ ޚިދުމަތްތެރި ދައުރަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާން ނިންމަވާލައްވާފައި ވަނީ މަރްޙޫމް ޢަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ)ގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވައި ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރުކުރެއްވުމަށް ދުޢާ ދަންނަވަމުންނެވެ.

އަލްމަރްޙޫމް ޢަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ)ގެ ހަނދާނުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހުޅުވި ތަޢުޒިޔާގެ ދަފުތަރުގައި މަރްޙޫމްގެ ޚިދުމަތްތަކުގެ ހަނދާންތައް އައުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވެސް ވަނީ ބަޔާނެއް ލިޔުއްވާފައެވެ.

އަލްމަރްޙޫމް ޢަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ) ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމައިގައި، ޖޫން 12ވާ ހޯމަ ދުވަހުގެ މެންދުރު ފަހު. 1:00އިން ފެށިގެން ތިންދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ވަނީ ތިރިކޮށްފައެވެ. އަދި މަރްޙޫމް ފަސްދާނުލެވުނީ ރަސްމީ ޢިއްޒަތުގައި ގަލޮޅު ސަހަރާގައެވެ.