English Edition
Dhivehi Edition

ވިސާ އާ ނުލާ، ގެމްބިއާ އަށް ދަތުރުކުރެވޭނެ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ރިޔާދުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރާއްޖެ އާއި ގެމްބިއާ އާ ދެމެދު ސޮއި ކުރި “މިއުޗުއަލް އެކްޒެމްޕްޝަން އޮފް ވިސާ ރިކުއަމަންޓްސް” އެއްބަސްވުމުގެ ދަށުން ދެގައުމުގެ ރައްޔިތުންނަށް އެއް ގައުމު އަނެއް ގައުމަށް 30 ދުވަހުގެ މުއްދަތަށް ވިސާ ނެތި ދަތުރު ކުރުމަށް މަގުފަހިވާނެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ އޭގެ ތެރޭގައި ސިންގަލް ނުވަތަ މަލްޓިޕްލް އެންޓްރީ، އެގްޒިޓް ނުވަތަ ޓްރާންސިޓް ވެސް ހިމެނޭނެ ކަމަށެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސައުދީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހަލީލް އެވެ. ގެމްބިއާގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ސައުދީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އޮމަރު ޖިބްރީލް ސަލާ އެވެ.

ގެމްބިއާ އަކީ ހުޅަނގު އެފްރިކާގައި އޮންނަ ފަގީރު ގައުމެކެވެ. ނަމަވެސް ގެމްބިއާއަކީ ގުދުރަތީ ރީތިކަމާއި އެތަނުގެ ވައިލްޑް ލައިފް ޕާކުތަކަށް މަޝްހޫރު ގައުމެކެވެ.

ރާއްޖެއިން ގެމްބިއާ އާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ، ޖުލައި 3, 1989 ގަ އެވެ.