މާލެއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބަހައްޓަންޖެހޭ ޓްރާންސްފޯމަރުތައް ބަހައްޓަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބޭނުންވާ ބިމުގެ ޖާގަ އިތުރުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެސިޓީގެ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާން ހުށަހަޅުއްވާ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރ އިބްރާހިމް މުޙައްމަދު ތާއީދު ކުރައްވާ މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ހަތަރުވަނަ ދައުރުގެ 105 ވަނަ އާންމު ޖަލްސާގައި ބައިވެރިވި 12 މެމްބަރުންގެ އިއްތިފާޤުން ވަނީ އެ ނިންމުން ނިންމާ ފާސްކޮށްފައެވެ.
އެ ނިންމުން ނިންމާ ފާސްކޮށްފައިވަނީ ސްޓެލްކޯއިން އެކަމަށް އެދި މާލެސިޓީ ކައުންސިލަށް ފޮނުވަފައިވާ ސިޓީއަކާއިގުޅިގެންނެވެ.
އެ ސިޓީގައި ބުނެފައިވަނީ އެފަރާތުން އެދިލައްވާފައިވާ ފަދައިން ޓްރާންސްފޯމަރުތައް ބެހެއްޓުމަށް ބިން ހަމަޖައްސައި ނުދެވިއްޖެ ނަމަ ކުރިއަށް އޮތްތަނުގައި ލޯޑް ބޮޑުވެގެން ޓްރާންސްފޯމަރުތައް ބެހެއްޓުމަށް ސްޓެލްކޯއިން އެދިފައިވާ ސަރަޙައްދުގެ ތަންތަނުން ކަރަންޓް ކެނޑިއްޖެ ޙާލަތެއްގައި އެ ސަރަޙައްދުތަކަށް ކަރަންޓުގެ ޚިދުމަތް ދެވޭނެގޮތެއް ނޯންނާނެ ކަމަށެވެ.
އެހެންކަމުން ސްޓެލްކޯއިން އެދިލައްވާފައިވާ ގޮތަށް ވީ އެންމެ އަވަސް މުއްދަތެއްގައި އެ ކުންފުޏަށް ޓްރާންސްފޯމަރުތައް ބެހެއްޓުމަށް ބިން ހަމަ ޖައްސަވައި ދެއްވުމަށް ވަނީ އެދިފައެވެ.
އެ ޖަލްސާގައި މި މައުޟޫޢުއަށް ވާހަކަ ދައްކަވަމުން މާލެސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވީ މާލެ ސަރަޙައްދުގައި މިހާރު ބަހައްޓާފައި ހުރި ބައެއް ޓްރާންސްފޯމަރުތައް އަޕްގްރޭޑް ކުރުމަށްޓަކައި ސްޓެލްކޯއަށް ބޭނުންވާ ޖާގަ އިތުރުކުރުމަށް އެކުންފުނިން ސިޓީ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.
ސިޓީ ކައުންސިލުން ސްޓެލްކޯގެ ހުށަހެޅުން ފާސްކޮށްދީފައިވަނީ އިތުރުކުރި ބައެއް ޝަރުތުތަކާ އެކުއެވެ.