English Edition
Dhivehi Edition

މެޕްސް ކޮލެޖާއި މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) ގުޅިގެން ލޭ ހަދިޔާކުރުމުގެ ޚާއްސަ ކޭމްޕެއް ކުރިޔަށް ގެންދިއުމަށް ނިންމައިފިއެވެ.

މިމަހުގެ 24ވަނަ ދުވަހު ރަސްމީކޮށް ފެށުމަށް ތައްޔާރުވެފައިވާއިރު މިކޭމްޕްގައި ލޭ ހަދިޔާކުރަން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް އެދުވަހުގެ މެންދުރު 1:00އިން ފެށިގެން ހަވީރު 5:00 ޖަހަންދެން އެފުރުސަތު ލިބޭނެއެވެ. ލޭ ހަދިޔާކުރުމުގެ މި ކޭމްޕްގައި ޢާއްމުކޮށް ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ އިތުރުން އަލަށް ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ. އަލަށް ލޭ ހަދިޔާ ކުރާ ފަރާތްތަކަށް ލޭ ހަދިޔާކުރެވޭނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން އެފަރާތެއްގެ ސިއްޙީ ޙާލަތުހުރިގޮތުގެ ހާއްސަ ޓެސްޓުތަކެއް ހެދުމަށްފަހުއެވެ. މިއީ މެޕްސް ކޮލެޖުގެ ސީއެސްއާރް ޙަރަކާތްތަކުގެތެރެއިން މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) އާއި ގުޅިގެން ހިންގާ ފުރަތަމަ ކޭމްޕެވެ.

މެޕްސް ކޮލެޖާއި މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) ގުޅިގެން މިފަދަ ކޭމްޕެއް ހިންގުމުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގައި ތިބި ތެލަސީމިއާ ކުދިންގެ އިތުރުން ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ހޯދައިދިނުމަށް މަސައްކަތްކޮށްދީ ޢާއްމުންގެ ގިނަ ބަޔަކު ލޭ ދިނުމަށް ހޭލުންތެރިކުރުވުމެވެ. ހާއްސަކޮށް މެޕްސް ކޮލެޖުގައި ކިޔަވަމުންދާ ދަރިވަރުންނަކީ، ކުރިމަގުގައި މުޖްތަމަޢުގައި މިފަދަ މަސައްކަތްކުރުމަށް އިސްނަގާނެ ފަރާތްތައްކަމުން ދަރިވަރުން މިކަމަށް ހޭލުންތެރިކުރުވުމަކީވެސް މެޕްސް ކޮލެޖުގެ އެއް އަމާޒެވެ.

ލޭ ހަދިޔާ ކުރުމަކީ، އިންސާނިއްޔަތަށް ކުރެވޭނެ އެންމެ ބޮޑު އެހީތެރިކަމެވެ. އަދި އިންސާނެއްގެ ފުރާނަ ސަލާމަތްކޮށްދިނުމުގައި ވެވޭ މިއެހީތެރިކަމަކީ އިންސާނިއްޔަތަށް ކޮށްދެވޭ ސަދަޤާތެއްކަމުން ވީހާވެސް ގިނަބަޔަކު މިކޭމްގައި ބައިވެރިވުމަކީ މެޕްސް ކޮލެޖުގެ އެދުމެކެވެ. މިކޭމްޕްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން https://tinyurl.com/ym427rba މިލިންކު މެދުވެރިކޮށް ރެޖިސްޓަރކޮށްލެވޭނެއެވެ. ލޭ ހަދިޔާކުރުމުގެ ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 20ވަނަ ދުވަހާ ހަމައަށް ކޮންމެ ފަރާތަކަށްވެސް ލިބޭނެއެވެ. މި ކޭމްޕާއިބެހޭ އިތުރު މަޢުލޫމާތު މެޕްސް ކޮލެޖުގެ ނަމްބަރު 3314621 މެދުވެރިކޮށް އާއްމުންނަށް ލިބޭނެއެވެ.