English Edition
Dhivehi Edition

އަލުން އެނބުރި ބާސެލޯނާއާ ގުޅެން ބޭނުންވި ނަމަވެސް ބާސެލޯނާގެ މާލީ ހާލަތު އޮތްގޮތުން އެ ކްލަބާ ގުޅެން ބޭނުމެއްނުވި ކަމަށް އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށް ބަދަލުވާން ނިންމި ލިއޮނަލް މެސީ ބުނެފި އެވެ.

އިންޓަ މިއާމީ އަށް ބަދަލުވާން ނިންމި ނިންމުމާ ގުޅޭގޮތުން މީޑިއާއަށް ދިން ބަސްދީގަތުމުގައި ވާހަކަ ދައްކަމުން މެސީ ބުނީ ޔޫރަޕުން އޭނާ އަށް ގިނަ ހުށައެޅުންތަކެއް ލިބުނު ކަމަށާއި ނަމަވެސް އެ ހުށައެޅުންތަކަށް ނޫނެކޭ ބުނީ ބާސެލޯނާ އަށް އޮތް އިހުތިރާމެއްގެ ސަބަބުންކަމަށެވެ.

މެސީ ބުނީ ބާސާގެ ހާލަތު އަދިވެސް ގޯސް ކަމަށް މައުލޫމާތު ލިބުނު ކަމަށާއި އޭނާއަށް އަޑު އިވުނު ގޮތުން ޑީލް ނިންމަންޏާ ބާސެލޯނާ އަށް ޖެހޭނީ ކުޅުންތެރިންތަކެއް ވިއްކާލައި ނޫނީ ގިނަ ކުޅުންތެރިންތަކެއްގެ މުސާރަ ކުޑަކުރާށެވެ. އެ ގޮތަށް އެކަން ވާން ނޭދޭ ކަމަށާއި ބާސާއަށް ނުދާން ނިންމި ސަބަބަކީވެސް އެއީ ކަމަށް މެސީ ބުންޏެވެ.

އަދި އިތުރަށް މެސީ ބުނީ އޭނާ ބާސާ ދޫކޮށްލިއިރު ދިމާވި ހިތްދަތިކަން ހަނދާން އެބަހުރި ކަމަށާއި އަލުން އެކަންތައް އެގޮތަށް ތަކުރާރުވާން ނޭދޭކަމަށެވެ. އަދިވެސް އޭނާ އެނބުރި ބާސާއަށް އަންނަން ބޭނުން ނުވާ އެތައް ކުޅުންތެރިންނެއް ކުލަބުގައި އެބަ ތިބިކަމަށް ވެސް މެސީ ވަނީ ބުނެފައެވެ. އެހެން ކަމުން އެ ހުރިހާ ގޮތަކަށް ވެސް ވިސްނާ އެންމެ މަސްލަހަތު ހުރި ގޮތައް ނިންމުން ނިންމީ ކަމަށް މެސީ ބުންޏެވެ.

އަނެއްކޮޅުން، ބާސެލޯނާ އިން މެސީ އަލުން އެ ޓީމަށް ގެންދަންކުރި މަސައްކަތުގައި އެއްވެސް އިރެއްގައި އެއްވެސް ހުށައެޅުމެއް ރަސްމީ ސިފައެއްގައި ނުލިބޭ ކަމަށް މެސީ ވަނީ ބުނެފަ އެވެ.

ގިނަ އަހަރުތަކެއް ވަންދެން ބާސާއަށް ކުޅެ ގިިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު މެސީ ބާސާ ދޫކޮށް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވީ 2021 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ.