English Edition
Dhivehi Edition

ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަ ކުރުމާއި އެކު ޕްލާސްޓިކް އިނޮވޭޝަން ޗެލެންޖްގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމްގެ ފައިސާގެ އެހީލިބިގެން ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިއުމަށް 4 މަޝްރޫއެއް އިފްތިތާހްކޮށްފިއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް މިމަހުގެ 5 ވަނަ ދުވަހުގެ ރޭ ހާފިޒް އަހުމަދު ސްކޫލުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި އިފްތިތާހް ކުރި މި 4 މަޝްރޫއަކީވެސް ޔޫ. އެން. ޑީ. ޕީ އިން ހިންގާ ގްލޯބަލް އެންވަޔަރމަންޓް ފެސިލިޓީ ސްމޯލް ގްރާންޓްސް ޕްރޮގްރާމް (ޖެފް-އެސް.ޖީ.ޕީ) އަށް ޖެފް-7 ގެ ދަށުން ‘ޒީރޯ ޕްލާސްޓީކް ޕޮލިއުޝަން’ ނުވަތަ ޕްލާސްޓިކްގެ ކުނި މުޅިން ނައްތާލުމަށްޓަކައި ގައުމުތަކުން ކުރާ މަސައްކަތްތަކަށް ދެވޭ އެހީގެ ދަށުން ހިންގޭ 4 މަޝްރޫއެކެވެ.

ފުވައްމުލަކުގައި ހިންގޭ 4 މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވާ ޖަމިއްޔާތަކަކީ ‘ވިމެން އިން ފުވައްމުލައް’، ‘ނޯ ޕްލާސްޓިކް މޯލްޑިވްސް’، މޯލްޑިވްސް އޮތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ (އެމް.އޭ.ސީ.ސީ.އެސް) އަދި ޒީރޯ ވޭސްޓް މޯލްޑިވްސްއެވެ.

މޯލްޑިވްސް އޮތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ (އެމް.އޭ.ސީ.ސީ.އެސް) ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓުގެ މައިގަނޑު މަގުސަދަކީ ފުވައްމުލައް ސިޓީއާއި އެރަށުގެ ވަށައިގެންވާ މޫދާއި ކަނޑުގެ ތިމާވެއްޓާއި، އެސިޓީގެ ރައްޔިތުންގެ ސިއްހަތު ރައްކާތެރި ކުރުމަށްޓަކައި ކުނި މަދުކޮށް ބެލެހެއްޓުމެވެ. އަދި ނޯ ޕްލާސްޓިކް މޯލްޑިވްސްގެ ޕްރޮޖެކްޓަކީ، އޯޕަން ޑޭޓާ މެނޭޖްމަންޓް ސިސްޓަމެއް (އޯޑީއެމްއެސް) ފުވައްމުލައް ސިޓީގައި ގާއިމުކޮށް، ފުވައްމުލަށް ސިޓީގައި އުފެދޭ ކުނި ނައްތާލުމަށް، އަލުން ބޭނުންކުރުމަށް ނުވަތަ ކުންޏާއިމެދު ފަރުދީ ގޮތުންނާއި ޖަމައީގޮތުން އަދި މުވައްސަސާތަކުގެ ފެންވަރުގައި އަމަލުކުރަމުންދާގޮތުގެ އަދާހަމަ މައުލޫމާތު ރައްކާކޮށް ފޯރުކޮށްދިނުމުވެ.

ވިމެން އިން ފުވައްމުލައް ޖަމިއްޔާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ މަގުސަދަކީ ފުވައްމުލައް ސިޓީގައި ކުނި މެނޭޖުކުރުމަށް މިހާރު އޮތް ނިޒާމު އިތުރަށް ތަރައްގީކޮށް، ކުންޏަކީ އޭގެން ފައިދާ ހޯދޭނެ ނިޒާމެއް ކަމުގައި ބަލައިގަނެ، އެ ބަދަލު ގެނައުމަށްޓަކައި ބޭނުންވާ ވަސީލަތްތަކާއި، ހުނަރާއި ފަންނުވެރިކަމަކީ ކޮބައިކަން ދަނެގަނެ، އަދި އެކަމަށް ހޯދާ ހައްލުތަކާއިއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި މެނޭޖު ކުރާނެ ނިޒާމެއް ގާއިމުކުރުމެވެ. މީގެ އިތުރުން ޒީރޯ ވޭސްޓް މޯލްޑިވްސްގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއަކީ ފުވައްމުލައް ސިޓީގެ ގޭބިސީތަކުން ކުނި ވަކިކޮށްގެން ނެރެވޭނެ މިންގަނޑުތަކެއް ރައްޔިތުންގެ ބައިވެރިވުމާއިއެކު ފަރުމާކޮށް އެކަންތައް ތަންފީޒުކުރުމަށް ގުޅުންހުރި މުއައްސަސާތަކަށް ހަވާލުކުރުމަށް ކުރިއަށް ގެންދެވޭ މަޝްރޫއެވެ.

މި މަޝްރޫއުތަކުގެ އިތުރުން ތިމާވެށި ދުވަހާއި ގުޅުވައިގެން ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ 01 ޖުލައި 2023 އިން ފެށިގެން އެ ކައުންސިލް ހިންގާ އިމާރާތްތަކާއި ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ފުވައްމުލަކު ނޭޗަރ ޕާކް އަދި ފުވައްމުލަކު ޕަބްލިކް ލައިބްރަރީއަށް އެއްކަމު ޕްލާސްޓިކް ވެއްދުން މަނާކޮށްފައެވެ. އަދި އެ ކައުންސިލުން އިންތިޒާމުކޮށް ހިންގާ ހަރަކާތްތަކުގައި އެއްކަމު ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށްވެސް ނިންމާފައެވެ.