English Edition
Dhivehi Edition

މޯލްޑިވްސް ޓްރެވަލް އެވާރޑްސް ގާލާ 2017ގައި ލީޑިންގ އެއާޕޯޓް އެންޑް ސިޓީ ހޮޓެލް އެވޯޑް އައްޑޫސިޓީގެ ގަމުގައި ހިންގާ އީކުއޭޓަރވިލެޖުން ހޯދައިފިއެވެ.

އަދާރަން ސެލެކްޓް ހުދުރަންފުށީގައި ރޭ ބޭއްވި މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވާރޑްސް ގައި އީކުއޭޓަރ ވިލެޖުން މި އެވޯޑު ކާމިޔާބު ކުރީ އެ ކެޓަގަރީން ވާދަކުރި ޗަމްޕާ ސެންޓްރަލް ހޮޓެލް، ހުޅުލޭ އައިލެންޑް ހޮޓެލް އަދި ހޮޓެލް ޖެން ގެ އިތުރުން ދަ ސޮމަރސެޓް އާއި ދަ މެލްރޯސް ހޮޓެލް އާއި ވާދަކޮށްގެންނެވެ.

އީކުއޭޓަރ ވިލެޖްގެ ފަރާތުން މި އެވޯޑާ ހަވާލުވީ އެ ރިސޯޓުގެ މޭނޭޖަރ މުޙައްމަދު ވަޙީދެވެ.

ކައިމޫ ހޮޓެލްސް އިން އައްޑޫގައި ހިންގާ އީކުއޭޓަރ ވިލެޖުން މި އެވޯޑް ކާމިޔާބު ކުރިއިރު ނިމިގެންދިޔަ ސައުތުއޭޝިއަން ޓްރެވަލް އެވޯޑް ވެސް ބާއްވާފައިވަނީ އީކުއޭޓަރ ގައެވެ. މީގެ އިތުރުން ފަހަކަށް އައިސް އައްޑޫސިޓީގައި ކުރިއަށް ގެންދާ ބޮޑެތި . ގިނަ ހަފްލާތައް ބާއްވާ ތަނަކަށް އީކުއޭޓަރ ވިލެޖް ވަނީ ވެފައެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވާރޑްސް 2017 ގައި 27 ފަރާތަކުން އެވޯޑު ހާސިލްކޮށްފައިވާއިރު މި އެވޯޑު ދީފައިވަނީ 60 ޕަސެންޓް ވޯޓުންނާއި ޓްރިޕް އެޑްވައިޒަރގެ 40 ޕަސެންޓް ރިވިއުއަށް ބަލާފައެވެ.

ހުދުރަންފުށީގައި ބޭއްވި މި ހަފްލާގެ ޝަރަފްވެރި މެހެމާނުންގެ ތެރޭގައި ހޯމް މިނިސްޓަރ އަޒްލީން އަހްމަދާއި ކުރީގެ ނައިބް ރައީސް މުހަންމަދު ވަހީއްދުއްދީން ހިމެނިވަޑައިގަންނަވައެވެ. ހަފްލާގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވީ 2009 ވަނަ އަހަރުގެ މިސް ޓީން އިންޑިއާ ކާމިޔާބުކުރި ރީތީގެ ރާނީ އުރުވަޝީ ރައުޓެލާއެވެ.