English Edition
Dhivehi Edition

މި ސަރުކާރުގެ އަމާޒަކީ ތިމާވެށްޓާއި ރައްޓެހި ގޮތްގޮތަށް ހަކަތަ އުފައްދައި، ބޭނުންކުރާ ޤައުމަކަށް ބަދަލުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގައި ހަކަތަ އުފެއްދުމަށް ތެލަށް ބަރޯސާވުން ނިމުމަކަށް ގެނައުމަކީ ވެސް އަމާޒެއް ކަމަށެވެ.

އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ހިންގެމުންދާ މަޝްރޫޢުތަކުގެ މައްޗަށް ބައްލަވާލައްވާ، ރައީސް ސާލިހު ވިދާޅުވީ 2030 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ނެޓްޒީރޯ ޤައުމަކަށް ވުމަށް ހިފާފައިވާ އަމާޒަށް ވާޞިލްވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

މިގޮތުން މި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި، 36 މެގަވޮޓްގެ ކަރަންޓް އަވިން އުފެއްދޭނެ ނިޒާމްތައް ޤާއިމްކުރެވިފައިވާ ކަމަށާއި އެމިންވަރަށް އެކަން ހިނގުމުން ވެސް ކަރަންޓް އުފެއްދުމުގައި 17 މިލިއަންލީޓަރުގެ ޑީސަލް އަދި 270 މިލިޔަންރުފިޔާ ސަލާމަތްކުރެވޭކަން ރައީސް ސާލިހު ފާހަގަ ކުރެއްވިއެވެ. އަދި މިހާރު އިތުރު 113 ރަށެއްގައި އަވިން ހަކަތަ އުފައްދާ ނިޒާމްތައް ޤާއިމްކުރުމުގެ މަސައްކަތްތައް އެކި މަރުޙަލާތަކުގައި ހިނގަމުންދާކަން ފާހަގަ ކުރެއްވިއެވެ.

ރައީސް ސާލިހު ވަނީ، ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައިގަނޑު މައްސަލަތަކުގެ މައްޗަށް ވެސް އަލި އަޅުއްވާލައްވާފައެވެ. މިގޮތުން ކުނީގެ މައްސަލައާ ސިންގަލް ޔޫސް ޕްލާސްޓިކްގެ މައްސަލައާ، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައްކާތެރިގޮތުގައި ކުނިމެނޭޖުކުރުމަށާއި ކުނިނައްތާލުމަށް ކުރެވެމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ސަރުކާރުގެ އަމާޒަކީ ރާއްޖެ ސިންގަލް ޔޫސް ޕްލާސްޓިކް އެގޮތަކަށްވެސް ބޭނުން ނުކުރާ ޤައުމަކަށް ބަދަލުކުރުން ކަމަށް ވިދާޅުވިއެވެ. އަދި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ސަރުކާރުން އެކަށައަޅައި ތަންފީޒްކުރަމުން އަންނަ ސިޔާސަތުގެ ދަށުން 13 ބާވަތެއްގެ ޕްލާސްޓިކް މަނާކުރުމާއި ގުޅިގެން ރާއްޖެ އެތެރެކުރެވޭ ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް 50 އިންސައްތަ މަދުކުރެވިފައިވާކަމުގައި ވެސް ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން ރައީސް ސާލިހު ވިދާޅުވީ، ކުރަންޖެހިފައި އޮތް ކަމަކީ، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، މޫސުމީ ބަދަލުތަކަށް ތައްޔާރުވެ ތިބުންކަމަށެވެ.

މީގެ އިތުރުން ކުރިމަގުގައި މޯލްޑިވްސް ގްރީންފަންޑުން ކަނޑައެޅޭ ވަކި މިންވަރެއް ތިމާވެށި ޙިމާޔަތްކުރުމުގެ މަސައްކަތްތަކަށާއި، އެ ދާއިރާއިން އިންސާނީ ވަސީލަތްތައް ބިނާކުރުމަށާއި، މުއައްސަސާތަކުގެ ޤާބިލްކަން އިތުރުކުރުމަށާއި، ރިސާޗް އެންޑް ޑިވެލޮޕްމެންޓް މަސައްކަތްތައް އަދި ތިމާވެށީގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާޢަތްތަކަށް އެހީތެރިވުމަށް ބޭނުންހިފާނެ ގޮތްތަކެއް ބެލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ޖަލްސާގައި ވަނީ، މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރުކަމުގައިވާ “ބީޓް ޕްލާސްޓިކް ޕޮލިއުޝަން” މިޝިއާރުގެ ދަށުން ސްކޫލުތަކަށް ހުޅުވާލައިގެން ބޭއްވި، ވީޑިއޯ އުފެއްދުމުގެ މުބާރާތުން ހޮވުނު އެންމެ މޮޅު 3 ވީޑިއޯ ދައްކާފައެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޖޫންމަހުގެ 5 ވަނަ ދުވަސް ފާހަގަކުރުމަށް އދ. އިން ނިންމާފައި ވަނީ، 1972 ވަނަ އަހަރުއެވެ. މިއަހަރަކީ، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރާތާ 50 އަހަރު ފުރުނު އަހަރެވެ.