ޗާގޯސް މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހަޖަމުނުވެގެން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ބުނެ މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލާގެ ބަހުސް ގައި ވާހަކަ ދައްކަވަމުންނެވެ.
މިއަދު ހުށަހެޅިފައިވާ އަސްލު މައްސަލަ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ކާމިޔާބީ ހަޖަމުނުވެގެން އުޅޭ މައްސަލަ ވެސް ހިމެނޭ ކަމަށާއި މި ވެރިކަމުގައި މުޅި ގައުމަށް ތަރައްގީ ގެނެސްދީ، ހަމަ ހަމަކަން ގެނެސްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންސާފު ގެނެސްދީފައިވާ ކަމަށެވެ.
“އަމާންކަން ގެނެސްދިނުމުން، ވެރިކަމަށް ފާރަލައިގެން ހުރި މީހަކަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެކަން ޔަގީންވުމުން އެކަމާ ދޭތެރޭގައި ކުރާނެ ކަމެއް ނޭނގިގެން ހުށަހެޅި މައްސަލައެއް މިއަދު މީ.” ރޮޒައިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޗާގޯސްއާއި ކަނޑުން ބައެއް ވިއްކާލި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ދިވެހި ރައްޔިތުން ގަބޫލުނުކުރާ ކަމަށާއި ދާދިފަހުން ބޭއްވި ޖަލްސާއިން ހުސް ގޮނޑި ފެނުން އެއީ އެކަމުގެ ހެއްކެއް ކަމަށް ވެސް ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށް ރާއްޖޭގެ ތާރީހުގައި ވެރިއަކު ދުވަހަކުވެސް ބުނެފައެއް ނެތް ކަމަށާއި ރައީސް ނަޝީދު ވެސް މޮރިޝަސްއަށް ވަޑައިގެން، ޗާގޯސްއަކީ ދިވެހިރާއްޖޭގެ ބައެއް ކަމަކަށް ވިދާޅުވެފައެއް ނެތް ކަމަށެވެ. އަދި މިއަދު ރައީސް ނަޝީދު ވެސް ދައްކަވަނީ ޗާގޯސް ހިފަން ދިވެހިން ދާން ޖެހޭ ވާހަކަ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ބައެއް ފަހަރު ބޮއްކުރައަކަށް އަރާ ފެން ފިސްތޯލައެއް ހިފައިގެން ނައްޓާލަފާނެހޭ ހީވެލައްވާ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.