English Edition
Dhivehi Edition

ދުނިޔޭގެ ތިމާވެށީގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، އަރިއަތޮޅު އުތުރުބުރީ އުކުޅަހަށް ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުލަކީ ރަސްމީ ދަތުރުފުޅެކެވެ. އެމަނިކުފާނު އުކުޅަހަށް ފުރާވަޑައިގެންނެވީ މިއަދު މެންދުރުފަހުއެވެ.

ރައީސް މި ދަތުރުފުޅުގައި، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި އުކުޅަހުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން އުކުޅަހުގައި ކުރިޔަށްދާ “ބީޓް ޕްލާސްޓިކް ޕޮލިއުޝަން” ފެސްޓިވަލް ބައްލަވާލެއްވުމަށާއި، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ އުކުޅަހުގައި ބާއްވާ ރަސްމީ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

އޭގެ އިތުރުން ވެސް އުކުޅަހުގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯއްދަވައި، ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއައްސެވުމުގެ ގޮތުން އެމަނިކުފާނު އއ. އުކުޅަހު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.