English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް އައްޑޫ ސިޓީއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ރައީސް އައްޑޫ ސިޓީއަށް ކުރެއްވި މި ދަތުރުފުޅުގައި، އައްޑޫ ސިޓީއަށް ތަރައްޤީގެ ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ ބޮޑެތި މަޝްރޫއުތައް އިފްތިތާހްކޮށްދެއްވައި، އަދި ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ކުރިޔަށްދާ ގޮތްވެސް ބައްލަވާލެއްވިއެވެ.

މިގޮތުން އައްޑޫ ސިޓީއަށް ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫއު ވަނީ އިފްތިތާހުކޮށްދެއްވާފައެވެ. މި މަޝްރޫއު އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ ބޮޑު މަޝްރޫޢަކީ، އައްޑޫ ސިޓީއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ވަރުގަދަ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތުގެ ފެށުން ކަމުގައެވެ. މީގެ އިތުރުން ރައީސް ވަނީ ސަރަޙައްދީ އިޤްތިޞާދުގެ މައި މަރުކަޒަކަށް އައްޑޫ ސިޓީ ބަދަލުކުރުމުގެ ގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢުވެސް ފައްޓަވައިދެއްވާފައެވެ. އަދި އައްޑޫ ސިޓީގެ މަގުތައް ހަދަމުންދާ ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވައި މަގު ހެދުމުގެ މަޝްރޫޢު ކުރިޔަށް ދާގޮތްވެސް އެމަނިކުފާނު ބައްލަވާ ލެއްވިއެވެ.

އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް ވަނީ، އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ ސިޓީގެ އ.ތ.މ ކޮމިޓީއާ ވަކިވަކިން ބައްދަލު ކުރައްވައި އައްޑޫ ސިޓީގެ ތަރައްޤީއާ ގުޅޭ މުހިންމު ކަންކަމާ މެދު މަޝްވަރާކުރައްވާފައެވެ. ރައީސް އައްޑޫ ސިޓީއަށް ކުރެއްވި މި ދަތުރުފުޅުގައި، އައްޑޫ ސިޓީ ހުޅުދޫގައި ހުންނަ، ވިލުނު ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތްވެސް ބައްލަވާ ލެއްވިއެވެ.