ރައީސުލްޖުމްހޫރިއްޔާ މުރަލީދަރަންއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ ރާއްޖެއަށް މުރަލީދަރަން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުހިންމު ގިނަ މަޝްރޫޢުތަކެއް ފެއްޓެވުމުން ހިތްހަމަޖެހިވަޑައިގަންނަވާކަން ފާޅުކުރައްވާފައެވެ. ޙާއްޞަކޮށް ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީ.އައި.އޭ) ބޮޑުކުރުމުގެ މަޝްރޫއާއި އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު އަކީ އިންޑިއާ ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ޖީ.އައި.އޭ ބޮޑުކުރުމުގެ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އަލުން ބައްޓަންކޮށް، ދެކުނު ސަރަޙައްދުގައި ހަރުދަނާ އިޤްތިޞާދީ ހަބެއް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެކަމުގައި ވިދާޅުވިއެވެ. އަދި މުރަލީދަރަންގެ މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކުރެވުނު ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ސްކީމްގެ ދަށުން ވެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި، މުޖުތަމަޢު ބާރުވެރިކުރުވުމަށާއި، މީހުންެގެ ޤާބިލުކަން އިތުރުކުރުމަށާއި، ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި، ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، ފަތުރުވެރިކަން ފަދަ ދާއިރާތަކުން އިންޑިއާ ސަރުކާރުން އަބަދުވެސް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އިޙްލާޞްތެރިކަމާއެކު އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި މުރަލީދަރަން ވަނީ ރާއްޖެއާއި އިންޑިއާ އާއި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އަޒުމުކަނޑައަޅުއްވައި އެކަމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.