އެމްޑީޕީގެ އިތުރުން އެހެން ޕާޓީތަކުގެ މީހުންގެ ވޯޓު ރައީސަށް ލިބޭނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އައްޑޫ ފޭދޫ އެމްޑީޕީ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ.
ރޮޒައިނާ ވިދާޅުވީ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އައްޑޫ ސިޓީގެ މެޖޯރިޓީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނަންގަވާނެ ކަމަށާއި އެމްޑީޕީގެ އިތުރުން އެހެން ޕާޓީތަކުގެ މީހުން ވެސް ރައީސް ސާލިހަށް ވޯޓު ލާނެ ކަމަށެވެ.
އޭގެ ތެރޭގައި އެއްވެސް ކޮޅަކަށް ނާރާ ނުވަތަ މިނިވަން އާންމު ރައްޔިތުން ހިމެނޭ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.
މީގެ އިތުރުން އައްޑޫ ސިޓީއަށް މި ސަރުކާރުން ކަންކަން ކޮށްދޭނެކަން މިހާރު ރައްޔިތުން ގަބޫލު ކުރާނެ ކަމަށާއި އެއީ ކުރީގެ ވެރިން ވައުދުވަމުން ދިޔަނަމަވެސް މިހާރު ފެންނަނީ ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް މަސައްކަތް ކުރިޔަށްދާތަން ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ މިހެން ވިދާޅުވެފައިވާއިރު، އައްޑޫ ސިޓީގެ ތަރައްގީ ނުހުއްޓި ކުރިއަށް ގެންދިއުމަށް ރައީސް ސާލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވެސް ވަނީ ވިދާޅުވެފައެވެ.
އައްޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މަރަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވެފައިވަނީ ފާއިތުވި 50 އަހަރުގެ ތެރޭގައި ވެސް އައްޑޫއަށް އައިސްފައި ނުވާ ފަދަ ތަރައްގީ ގެނެސްދެއްވީ ރައީސް ސާލިހު ކަމަށާއި ރައީސް ސާލިހަކީ އައްޑޫ ސިޓީގެ ތަރައްގީގެ ބާނީ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި އައްޑޫ ސިޓީން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް މަދުވެގެން 75 ޕަސެންޓް ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށް އޭނާ ވެސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ސާލިހަކީ އައްޑޫ ސިޓީގެ ވެސް އަދި މުޅި ރާއްޖޭގެ ތަރައްގީގެ ބާނީ ކަމުގައި ރައްޔިތުން ގަބޫލުކޮށްފި ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.