ދަ ޑިމޮކްރެޓްސްއަށް ސޮއިކުރި މީހުނަށް ގުޅާ ބިރުދައްކާ ކަމުގެ ސާފު ހެކި އެބަހުރިކަމަށް ހުޅުމީދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ ސިޔާސީ ޕާޓީއެއްގައި ބައިވެރިވުމަކީ ދިވެހި ރައްޔިތަކަށް ލިބޭނެ އެންމެ އަސާސީ ހައްގު ކަމަށާއި ސަރުކާރުން ގެންދަނީ އެ ހައްގަށް ވެސް ހުރަސް އަޅަމުންކަމަށެވެ.
އެކަން އެގޮތަށް ނުކުރުމަށް އިލްޔާސް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ އުފެއްދުމަށް މަސައްކަތް ކުރައްވަމުންދާ ޕާޓީ އަށް ސޮއި ކުރި މީހުންގެ ލިސްޓް އާންމުވެފައިވާކަން ފާހަގަ ކުރައްވާ، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ މުހައްމަދު ޝިފާޒު ވިދާޅުވީ އެކަން އެގޮތަށް ވަނީ އިލެކްޝަންސް ކޮމިޝަންގެ ތެރެއިން ކަމަށެވެ.
އެ ކޮމިޝަންގެ ވެބްސައިޓުގައި އާންމު ކުރުމުގެ ކުރިން ދަ ޑިމޮޮކްރެޓްސް އަށް ސޮއި ކުރި މީހުންގެ ލިސްޓު އާންމުވުމަކީ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށާއި އާންމު މެމްބަރުންގެ އަތުގައި މިހާރު އެ ލިސްޓު އެބައޮތް ކަމަށެވެ. އަދި މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ މައްސަލައެއް ކަމަށް ވެސް ޝިފާޒު ވިދާޅުވިއެވެ.
“ދަ ޑިމޮކްރެޓްސް” ގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒް ހިމެނިވަޑައިގަންނަވައެވެ.