ކ. މާފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 22 މެއި 2023 ވަނަ ދުވަހު ކަމަށެވެ.. އަދި މިހާރު ސައިޓުގައިކުރިއަށްދަނީ ބެޑް ތައްޔާރުކުރުމުގެ މަސައްކަތްކަމަށް އެމްޓީސީސީންވަނީ ބުނެފައެވެ.
މި މަޝްރޫޢުގެ ދަށުން، 63,711 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 28,836 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 4,414 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 31 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 680 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން 700 މީޓަރުގެ ސަރަޙއްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 374 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބްރިޖެއް ހެދުމާއި، 1,869 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫޢަކީ 76.48 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.