English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުމީދޫގައި މިފްކޯއިން އަޅަމުން ގެންދާ މަސްފެކްޓްރީ އަންނަ އަހަރު އެޕްރީލް ހިސާބު ހުޅުވޭނެ ކަމަށް މިފްކޯއިން ވިދާޅުވެއްޖެއެވެ.

މިފްކޯގެ ސީއީއޯ އަދުލީ އިސްމާއީލް ވިދާޅުވީ އެ މަސައްކަތް ނިންމައި ފެކްޓްރީ ހުޅުވަން ނިންމާފައިވާ މުއްދަތު ފަހަނަޅައި މާބޮޑަށްވެސް މިހާރުވަނީ އިތުރުވެފައި ކަމަށެވެ. އެގޮތަށް ދިމާވީ ޕްރޮޖެކްޓުގައި ކުރިން ނުހިމެނޭ ބައެއްކަންކަން އިތުރުކޮށް އެމަސައްކަތް ކުރަން ފެށުމާއި އަދިވެސް އެހެނިހެން ބައެއް ގޮންޖެހުންތައް ދިމާވެގެން ކަމަށެވެ.

ޕްރޮޖެކުގައި ކުރިންނެތް އެންމެ މުހިންމު ކަމަކީ އެކޮމަޑޭޝަން ބޮލޮކަކާއި މަސައްކަތު މީހުން ތިބޭނެ ތަނެއް ހެދުމެވެ. އެމަސައްކަތްވެސް މިހާރު ވަރަށް ހަލުއިކޮށް ކުރިއަށްދާ ކަމަށް އަދުލީ ވިދާޅުވިއެވެ. “އެކޮމޮޑޭޝަނާއި މަސައްކަތު މީހުން ތިބޭބައިތައް ހިޔާކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ. އެ މަސައްކަތް ނިމި މެޝިނަރީޒް އިންސްޓޯލް ކުރުމުގެ މަސައްކަތް ނިމުނީމައި އަންނަ އަހަރުގެ ފަސްޓް ކުއާޓަރުގެ ތެރޭގައި އައްޑޫއިން މަސްގަންނަން ފަށާނަން،” އަދުލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެތަނުގައި އަޅާ މެރީނާގެ އިމާރާތުގެ މަސައްކަތްވެސްވަނީ ނިމިފައި ކަމަށެވެ. “މެރީނާގެ އިމާރާތުގެ ބޮޑުމަސައްކަތްތައްހުރީ ނިމިފައި. މެރީނާއެއް ނިންމިޔަސް މަސްނުގަނެވޭ ކަމަށްވާނަމަ މަސްވެރިން ނުދާނެތާ. އައްޑޫ ޕްރޮޖެކްޓް އިރާދަ ކުރެއްވިއްޔާ އެއްކޮށްނިމި އަންނައަހަރުގެ ކުރީކޮޅު ހުޅުވޭނެ،” އޭނާ ވިދާޅވިއެވެ.

ހުޅުމީދޫގައި އަޅާ މަސް ފެކްޓްރީގައި 150 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހުންނާނެއެވެ. ދުވާލަކު 100 ޓަނު މަސް އެތަނަށް ގަނެވޭނެއެވެ. ދުވާލަކު 100 ޓަނު އައިސް އެތަނުން ވިއްކޭނެ ކަމަށްވެސް މިފްކޯއިން ވަނީ ވިދާޅުވެފައެވެ.

ހުޅުމީދޫގެ މަސްފެކްޓްރީގެ ބިންގައު އަޅައިފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.

ޓެގު