English Edition
Dhivehi Edition

އަމާޒަކީ ޚިޔާލުތަފާތުވުންތަކާއެކު ރައްޔިތުންނަށް ބޭނުންވާ ތަރައްްޤީ ގެނެސްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފ. ނިލަންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސާލިހު ވިދާޅުވީ އަމާޒަކީ އެންމެން އެކީ މަސައްކަތްކުރުން ކަމަށާއި އެއަށްފަހު އެކުއެކީ މަސައްކަތްކޮށް ހުރިހާ ރަށަކަށް، އެ ހުރިހާ ރަށެއްގެ ރައްޔިތަކު އުޅޭ ރަށެއް މާލެއާއި ކައިރި ތަނެއް ނުބަލާ ބޭނުންވާ އަސާސީ ޚިދުމަތްތައް ޔަޤީންކޮށްދިނުން ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މުހިންމު ހުރިހާ ޚިދުމަތެއް މާލޭގައި އޮތުމުން މާލެއަށް ހިޖުރަކުރުން ރައްޔިތުންނަށް މަޖުބޫރުވިކަން ފާހަގަކުރައްވާފައެވެ. އަދި އޭގެ ސަބަބުން މާލޭގެ ހާލަތު ހީނުކުރާ އަދި ދިރިއުޅުމަށް އެންމެ ރަނގަޅު ނޫންތަކަށް ބަދަލުވެގެން ދިޔަކަން ވެސް ފާހަގަކުރެއްވިއެވެ.

އެހެންވެ، އެކަން ބަދަލުކުރުމަށް އަމާޒު ހިފާފައިވާ ކަމަށާއި އެކަމަށް ރަށްރަށުގައި އަދި އަތޮޅުތަކުގައި ކުރަންޖެހޭ އެންމެ ފުރަތަމަ ކަމަކީ އަސާސީ ޚިދުމަތް ޤާއިމްކޮށްދިނުން ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި ބޯފެނާއި ތަޢުލީމާއި ސިއްޙީ ޚިދުމަތް ލިބެންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ފަސޭހައިން ދަތުރުފަތުރުކުރެވޭ ނިޒާމެއް ބޭނުންވާ ކަމަށާއި ރައްޔިތުންނަށް އުއްމީދެއް ހޯދައިދޭންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މީގެ ކުރިން ނުކުރެވި އޮތްކަންކަން ފައިސާ ހޯދައިގެން ކުރައްވަމުން އަންނަކަމަށާއި އޭގެ ނަތީޖާ ރަށްރަށުން ފެންނަމުންދާ ކަމަށެވެ. އަދި އެކަން ރާއްޖޭގެ ސިޔާސީ ބޭފުޅުން ވެސް ޤަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ނިލަންދޫ ފެނާ ނަރުދަމާގެ މަޝްރޫޢަށްފަހު މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ވަކި ކަމެއް ކަނޑަނާޅާ ބަޖެޓުގައި ފައިސާ ކަނޑައަޅާފައިވާނެކަމަށާއި، އެއީ އެފަދަ މުހިންމު ބައެއް މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ފައިސާކަމަށާއި، އެ ފައިސާއިން ނިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.