English Edition
Dhivehi Edition

އިމާމުންގެ މަސައްކަތާ ގުޅޭގޮތަށް މުސާރައާ، ލިބެންވާ ޗުއްޓީއަށް ހެޔޮބަދަލުތަކެއް ލަސްތަކެއްނުވެ ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި އެ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޙަފުލާ 2023 ގެ ދެވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސާލިހު ވިދާޅުވީ ކުރިންވެސް ސަރުކާރުން އިޢުލާނުކޮށްފައިވާ ގޮތަށް ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މި ސަރުކާރުން ދޭން ނިންމި އެލަވަންސް، އަންނަ ޖޫން މަހުގެ ތެރޭގައި ދޭން ފަށްޓަވާނެ ކަމަށެވެ.

މި ސަރުކާރުގެ އަމާޒަކީ އިސްލާމީ ޔުނިވަރސިޓީއަކީ އިސްލާމް ދީނުގެ ޞައްޙަ އަޤީދާއާ އެއްގޮތަށް ދީނީ ޢިލްމު ފަތުރާ މި ސަރަޙައްދުގައި ހުރި އެންމެ ބޮޑު މަރުކަޒަށް ހެދުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އިސްލާމީ ޔުނިވަރސިޓީގެ ލެކްޗަރަރުންގެ މުސާރައަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ޕޭކޮމިޝަނާއި މިނިސްޓްރީ އޮފް ފިނޭންސްއާ ގުޅިގެން ކުރަމުންއަންނަ މަސައްކަތްތައް ނިމުމަކަށް އައިސްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވަނީ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ޒުވާނުން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޔުނިވަރސިޓީން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، ހަރުކަށި ފިކުރާ ދެކޮޅަށް، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާ އެކުވެސް އިސްލާމީ ޔުނިވަރސިޓީން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ.

“މިއަހަރުގެ ބަޖެޓުގެ 10.9 އިންސައްތަ ނުވަތަ 4.6 ބިލިއަން ރުފިޔާ ޚާއްޞަކޮށްފައި ވާނީ ތަޢުލީމީ ދާއިރާއަށް. އޭގެ ތެރެއިން 857 މިލިއަން ރުފިޔާ ޚާއްޞަކޮށްފައި ވަނީ މަތީ ތަޢުލީމުގެ ދާއިރާތަކަށް. މީގެ އިތުރުން ވެސް ހިލޭޑިގްރީ ޕްރޮގްރާމާއި ސްޓޫޑެންޓް ލޯނު ޕްރޮގްރާމާއި ޤައުމަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކޮށް އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ވަރަށްބުރަ މަސައްކަތްތަކެއް ކުރަމުން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅޫވިއެވެ.

މި ޙަފްލާގައި އިސްލާމީ ޔުނިވަރސިޓީން އެކި ދަރަޖައިގައި ދަސްވެނިވާ 709 ދަރިވަރުންނާ އަދި ބެސްޓް ސްޓޫޑެންޓް އެވޯޑް 9 ދަރިވަރަކު ޙާޞިލުކޮށް އިނާމާ ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ.

މީގެ ތެރޭގައި ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް ސަރުކާރުން ވީ ވަޢުދުގެ ދަށުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއާ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން 2020 ވަނަ އަހަރު ފެށި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ރޭގެ ޙަފުލާގައި ދަސްވެނިވި 78 އިމާމުން ވެސް ހިމެނެއެވެ.

މި އިމާމުންނާއި ބެސްޓް ސްޓޫޑެންޓް އެވޯޑް 9 ދަރިވަރުންނަށް އިނާމާއި އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ހަފުލާގައި، ކުއްލިއްޔާ އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް ޓީޗިންގ އެންޑް ލާރނިންގ އިން ދަސްވެނިވި ދަރިވަރުންނަށް ދަރަޖަ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.