އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއަކީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި މަޝްރޫއެކެވެ. ބިންހިއްކުމުގެ ވާހަކައާ އެކު ތިމާވެއްޓަށް ލިބޭނެ ގެއްލުންތަކުގެ ވާހަކަ އަޑުހަރުކޮށް ދެކެވުނެވެ. އެ މަސައްކަތް ހުއްޓުވުމަށް ކޯޓަށް މައްސަލަ ހުށަހެޅުނެވެ. އޭރުވެސް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ނުހުއްޓުވާނެ ކަމަށާއި މި ސަރުކާރުން އައްޑޫގެ ތަރައްގީއަށް ހުރަސް ނާޅާނެކަމަށެވެ.
އައްޑޫ ސިޓީގައި ކުރިއަށްދާ ބިންހިއްކުމުގެ މަޝްރޫޢުއަކީ މިވަގުތު އެ ސިޓީގައި ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއެވެ. މިހާރު އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަސައްކަތުގެ އެންމެ ފަހުގެ ތައްޔަރީތައް ބާރު ސްޕީޑްގައި ކުރިއަށް ދާއިރު އައްޑޫ ސިޓީ ކައުންސިލުންވެސް ވަނީ އެ ސިޓީގެ ރައްޔިތުން އެދެނީ ބިން ހިއްކަން ކަމަށާއި އެ މަޝްރޫއު ކުރިއަށްދާނެ ކަމަށް ބުނެފަ އެވެ. އަދި މި މަޝްރޫއާއެކު ކުރިއަށް އޮތް 50 އަހަރަށް އައްޑޫގައި ބިމުގެ މައްސަލަ ހައްލުކުރެވޭނެ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ދެކެއެވެ.
އައްޑޫގެ ތަރައްޤީގެ މާސްޓަރ ޕްލޭނަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ކުރަމުން އަންނަނީ ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިން އިންނެވެ. ނެދަލޭންޑްސްގެ ވެން އޫޑްޑްރެޖިންއާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ މާޗް 27 ވަނަ ދުވަހު އެވެ. އެ ކުންފުނިން ވަނީ މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ މެޝިނަރީ އާއި އެހެނިހެން ސާމާނު، މިދިޔަ އަހަރު ޑިސެމްބަރު މަހު އައްޑޫ ސިޓީއަށް ގެންގޮސްފައެވެ.
އައްޑޫ ބިން ހިއްކަން ނިންމާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ. އެ މަޝްރޫއަށް 70-75 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ލަފާކުރެވެއެވެ. އަދި އައްޑޫ ބިން ހިއްކުމުގެ މަޝްރޫ އާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް 1.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެ އެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު:
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގައި އައްޑޫގެ ތިން ރަށަކުން ބިން ހިއްކުމުގެ އިތުރުން ރިސޯޓު ހިންގަން މުޅިން އަލަށް ފަސް ރަށެއް އުފެއްދުމަށް ވަނީ ނިންމައިފަ އެވެ. މިމަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. އައްޑޫން ބިން މިފަހަރު ހިއްކަނީ ރިސޯޓު ތަރައްގީ ކުރުމަށާއި ގެދޮރުގެ މަޝްރޫތައް ހިންގުމުގެ އިތުރުން ވިޔަފާރި ބޭނުންތަކަށް ހާއްސަކޮށްގެންނެވެ. ހިއްކަނީ ހިތަދޫ އާއި ހުޅުދޫ/މީދޫގެ އިތުރުން މަރަދޫ އާއި މަރަދޫފޭދޫންނެވެ.
އައްޑޫ ބިން ހިއްކުމަށް ރޭވިފައިވާ ގޮތް:
މިމަޝްރޫޢުގެ ސްކޯޕްގެ ތެރޭގައި އައްޑޫގައި އޮންނަ ހަންކެޑެ ސަރަޙައްދުގެ ދެކޮޅުން ހިލަ ޖެއްސުމާއި ވެލި އެޅުން ހިމެނޭކަމަށެވެ.އައްޑޫގެ ބިން ހިއްކާ ޒޯންތަކުގައި ބަންޑު ވޯލްތައް ޖެހުމުގެ މަސައްކަތުގެ ބޮޑުބައި މިހާރު ވަނީ ނިމިފައެވެ. އަދި އެ ސަރަޙައްދު ހިމާޔަތް ކުރުމަށްޓަކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ ޒޯނުތަކުގައި މިހާރު ކުރަމުން އަންނަ މަސައްކަތަކީ ބިން ހިއްކުމަށް ގެނައި ޑްރެޖާގެ ޕައިޕްލައިންތައް ހަރުކުރުމުގެ މަސައްކަތެވެ. އައްޑޫ ބިން ހިއްކުމުގެ މަސައްކަތް އަންނަ އޯގަސްޓް އަދި ސެޕްޓެމްބަރު ހިސާބުގައި އެއްކޮށް ނިންމާލެވޭނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ. މީގެ ކުރިން ތިން ފަހަރެއްގެ މަތިން އައްޑޫ ވަނީ ހިއްކައިފަ އެވެ. އެފަހަރުތަކުގައި ވެސް ވެލި ނެގީ އެތެރެވަރިންނެވެ.