English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މުޅިން އަލަށް ގިނަ އަދަދެއްގެ މެމްބަރުން ސޮއި ކޮށްފިއެވެ.

އެ ޕާޓީން މިކަން ހާމަކޮށް ބުނީ ޖޭޕީގެ އިދާރީ ދާއިރާތަަކުގެ ދާއިރާ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު އިއްޔެއަށް ހަމަވި އިރު، އިދާރީ 5 ދާއިރާއަކުން އެ ޕާޓީއާ މުޅިން އަލަށް ގުޅެން 382 މެންބަރުންގެ ފޯމް ހަވާލުކޮށްފައިވާ ކަމަށެވެ. މި ފޯމުތައް ހަވާލުކުރީ ޖޭޕީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމް އާ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

މި ފޯމުތަކާއި ހަވާލުވެވަޑައިގަތުމަށްފަހު ގާސިމް ވިދާޅުވެފައިވަނީ މި ފަހަރަކީ ޖޭޕީގެ ފަހަރު ކަމަށާއި އެ 382 މެންބަރުންގެ ފޯމާ ހަވާލުވެ ވަޑައިގެންނެވީ ނުހަނު އުފަލާއެކުގައި ކަމަށެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރުމަށް ނިންމާފައިވާއިރު، އިންތިޚާބު ކާމިޔާބު ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

އެގޮތުން ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް މާލެއާއި އަތޮޅުތެރޭގައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ޖުމްހޫރީ ޕާޓީގެ އިދާރީ ދާއިރާތަަކުގެ ދާއިރާ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ އިރު، އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާއެކު ޖުމްލަ 50 މެންބަރުން ހަމަކޮށް ފޯމް ހުށަހަޅަން ޖެހެއެވެ. އަދި އެ ފޯމްތަކަކީ އަލަށް އެ ޕާޓީގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމަށް ވާން ޖެހޭނެ ކަމަށް ވެސް ޖޭޕީން ބުނެއެވެ.

އެއް ދާއިރާއަކަށް އެކަކަށް ވުރެ ގިނަ މީހުްން ކުރިމަތިލާފައިވާ ނަމަ އެ ދާއިރާއެއްގެ ރައީސަކު ހޮވާލީ އެ ދާއިރާއެއްގެ ދަފްތަރުގައި ހިމެނޭ މެންބަރިންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން ކަމަށް ވެސް ޖޭޕީން ބުނެއެވެ. އެކަކު ކުރިމަތިލާފައި ވާނަމަ ވޯޓަކާ ނުލައި އެ ފަރާތެއް އެ މަގާމަކަށް ހޮވޭނެ ކަމަށް ވެސް ޖޭޕީން ބުނެއެވެ.