އިންޑިއާގެ މަތީ ފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ.
މިއީ އިންޑިއާގެ އެންމެ މަގުބޫލު އެއް ފުޑް، ޓްރެވަލް، އަދި ލައިފްސްޓައިލް ކޮންޓެންޓް ޕްލެޓްފޯމް ކަމުގައިވާ ކަރލީ ޓޭލްސްއާ އެކު އޭޕްރީލް މަހުން ފެށިގެން މެއި 2023 ގެ ނިޔަލަށް ކުރިއަށްދާ ކެމްޕޭނެކެވެ.
ކަރލީ ޓޭލްސްގެ ކޮންޓެންޓް ފޯކަސް ކުރަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަލިނަރީ، ވެލްނެސް، އެޑްވެންޗާ އަދި އެހެނިހެން ފަތުރުވެރިން ޝައުގުވެރިވާ ފަދަ ތަޖުރިބާތަކުގެ ލިޔުންތަކަށެވެ. ކަރލީ ޓޭލްސް ގެ ރީޗްއަށް ބަލާލާއިރު މަހަކު 6.5 މިލިއަން އެކްޓިވް ޔޫޒަރުންނާއި ދުވާލަކު 750،000 އެކްޓިވް ޔޫޒަރުން ތިބެއެވެ.
މި ކެމްޕޭންގެ ތެރެއިން ކަރލީ ޓޭލްސްގެ ފައުންޑަރ އަދި ލީޑް އެޑިޓަރ ކަމިޔާ ޖަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކުރިއެވެ. މި ދަތުރުގާ ޖާނީ ހޯސްޓްކޮށްފައި ވަނީ ކާނީ ޕާމް ބީޗު އަދި ގްރޭންޑް ޕާކް ކޮދިއްޕަރުގައެވެ. ކާނީ ޕާމް ބީޗުގައި ރާއްޖޭ ތަފާތު ތަޖުރިބާތަކެއް ކޮށްލުމުގެ ފުރުސަތު ކާމިޔާ އަށް ލިބުނެވެ. ދިވެހިން އުޅޭ ރަށެއްގައި ލޯކަލް ޓްވިސްޓަކާ އެކު ކަލިނަރީ އެކްސްޕްލޯރޭޝަން، ލޯކަލް އެކްސްޕީރިއަންސްތައް، އަދި ރިލެކްސޭޝަންއަށް ފޯކަސްކޮށްގެން ކާމިޔާ ތަފާތު އެކި ތަޖުރިބާތައް ކުރިއެވެ.
މިއަށްފަހު ކަމިޔާ ހުރީ ގްރޭންޑް ޕާކް ކޮދިއްޕަރުގައެވެ. ކަމިޔާ މި ރިސޯޓުގައި ހުރި އިރު ކުރި ތަޖުރިބާތަކުގެ ތެރޭގައި އިރުއޮއްސޭ ގަޑީގައި މަސް ބާނަން ދިޔުމާއި މޫދު ކުޅިވަރުކުޅުމާއި ރިސޯޓުގެ ސްޕާއިން ސައުންޑް ތެރަޕީ ހީލިންގ ސެޝަނެއް ހެދުން ހިމެނެއެވެ. މީގެ އިތުރުން ސޭންޑްބެންކް އެއްގައި ރާއްޖޭގެ ކެއުންތައް ކެއްކުމުގެ ޙާއްސަ ކްލާހަހެއް ހަދާ ލޯކަލް ކަލިނަރީ ކަލްޗަރ ވެސް ތަޖުރިބާ ކުރިއެވެ.
މިދަތުރަށްފަހު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި، ތަޖުރިބާތަކާއި، ސެގްމަންޓްތަކާއި، އެންމެ ފަހުގެ މައުލޫމާތުތައް ތަފްސީލުކުރާ އެކި ބާވަތުގެ ކޮންޓެންޓް ކަރލީ ޓޭލްސްއިން އުފައްދާ ޝާއިރުކުރާނެއެވެ.
2022 ވަނަ އަހަރު އިންޑިއާއިން 241،369 (%14.4 މާކެޓް ޝެއާ) ފަތުރުވެރިން ދިވެހިރާއްޖެއަަށް ޒިޔާރަތްކޮށްފައިވާ އިރު އިންޑިއާ ވެގެން ދިޔައީ ދިވެހިރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މާކެޓަށެވެ. 5 މާރޗް 2023ގެ ނިޔަލަށް އިންޑިއާއިން 41،054 ފަތުރުވެރިން ދިވެހިރާއްޖެ އަށް ޒިޔާރަތް ކޮށްފިއެވެ. އެމްއެމްޕީއާރުސީއިން އަންނަނީ ދިވެހިރާއްޖޭގެ ބްރޭންޑް އިންޑިއާގެ ފަތުރުވެރިންގެ މެދުގައި ދެމެހެއްޓުމަށްޓަކައި މި މާކެޓަށް އަމާޒުކޮށްގެން އިޝްތިހާރުކުރުމުގެ ގިނަ ކެމްޕެއިންތައް ބާއްވަމުންނެވެ.
މީގެ ތެރޭގައި ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ކެމްޕޭންތަކާއި ބޮޑެތި ފެއަރތަކުގައި ބައިވެރިވުމާއި މީޑިއާ އިންޓަވިއުތައް ދިނުން، އައުޓްޑޯ އިޝްތިހާރު ކުރުމުގެ ކެމްޕޭންތައް، އަދި ފެމިލިއަރައިޒޭޝަން ދަތުރުތައް ހިމެނެއެވެ. 2023 ވަނަ އަހަރުވެސް މިފަދަ ގިނަ ހަރަކާތްތަކެއް މި މާކެޓަށް އަމާޒުކޮށްގެން ބޭއްވުމަށް ވަނީ ރާވާފައެވެ.